ޚަބަރު

މަޖިލީހުގެ ރައީސާއި ސުވާލުކުރުމަށް ބާއްވާ ދެވަނަ ޕްރޮގްރާމް އަންނަ މަހުގެ 7 ގައި


ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ އާސްކް ސްޕީކަރ ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމް އަންނަ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލިސް އިދާރާއިން ވިދާޅުވީ، ޓީވީ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަވާ، "އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީއަންނަ މަހުގެ 7 ވާ ހޯމަ ދުވަހުގެ ރޭގަނޑު 9:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައި ކަމަށެވެ. އަދި މި ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެނިވަޑައިގަންނަވާނެކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. މި ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވުމަށް ހަމަޖެހިފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސުވާލުކުރައްވަން ބޭނުންފުޅުވާ މީހުންނަށް ސުވާލު ފޮނުއްވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ނުވަތަ ޕްރޮގްރާމްގައި ލައިވްކޮށް ސުވާލުކުރެއްވުމަށް ބޭނުންވާ މީހުންނަށް އެފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރައްވާއިރު AskSpeaker# ބޭނުންކުރުމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ. "އާސްކް ސްޕީކަރ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ބާއްވާ ލައިވް ޕްރޮގްރާމެކެވެ. މިއީ، މިގޮތަށް ޢާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ ދެވަނަ ޕްރޮގްރާމެވެ.