ޚަބަރު

ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ތެރަޕީ ލިބުމުގައި ހުރި ދަތިތައް ޙައްލުކުރާނަން: ހެލްތު މިނިސްޓަރ


ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ އެކި ތެރަޕީއުޓިކް ފަރުވާތައް ދިނުމުގައި ހުރި ދަތިތަކަށް އަންނަ އަހަރުގެ މެދުތެރޭގައި ޙައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ހުށައެޅި ކަންކަމުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާގެ ތެރޭގައި ހިމެނޭ ތެރަޕިއުޓިކް ފަރުވާ ހޯދުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވުން ހިމެނެއެވެ. އެގޮތުން މިފަދަ ކުދިންނަށް އެއް ސެޝަނަށް ވުރެ ގިނަ ސެޝަންތަކުގެ ތެރަޕީ ހަފްތާއަކަށް ބޭނުންވާއިރު އެކަމުގެ ފުރުސަތު ނެތްކަން ބެލެނިވެރިން ފާހަގަކުރިއެވެ. ޚަރަދުގެ ގޮތުން ބަލާއިރު އައިޖީއެމްއެޗުގައި މިފަދަ ކުދިންނަށް ބޭނުންވާ ތެރަޕީތައް ލިބެން ހުރިނަމަވެސް އެތަނުގެ ކިޔުގެ ސަބަބުން ބައެއް ތެރަޕީ ސެޝަންތަކަށް އެޕޮއިންޓްމަންޓް ހަމަޖެހުމަށް 6 ވަރަކަށް މަސްނަގާކަމަށް ބެލެނިވެރިން ވަނީ ހާމަކޮށްފައެވެ.

ސިއްޙީ ދާއިރާއިން ހުރި މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމު ވިދާޅުވީ ރަނގަޅު ނިޒާމެއްގެ ތެރެއިން ޕްލޭނެއް އެކުލަވާލައި އެ ކުދިންނަށް ދިމާވެފައިވާ މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯއްދަވައިދެއްވާނެކަމަށެވެ. އަދި އަންނަ އަހަރުގެ މެދުތެރޭގައި ރަނގަޅު ބަދަލެއް ފެނިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ގާތަށް މިވީ ދުވަސްކޮޅުގައިވެސް މިފަދަ ކަމެއްގައި ފިރިހެން ބޭފުޅަކު ވަޑައެއް ނުގަންނަވާ. އަޅުގަނޑު ދަންނަވަން ބޭނުން މިފަދަ ކުދިންގެ ކަންކަމުގައި އިސްނަގާ ޙައްލު ހޯދަން އުޅެންޖެހެނީ ހަމައެކަނި މައިމީހާ އެއް ނޫން. މިކަމުގައި ފިރިހެނުންގެ ބައިވެރިވުންވެސް އޮންނަންޖެހޭ." ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މި ކޮމިޓީގައި ބެލެނިވެރިންގެ ފަރާތުންވަނީ މާލޭގައި މިވަގުތު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީ ދިނުމަށް ހުރި ފުރުސަތުތައް ފާހަގަކޮށްފައެވެ. އެގޮތުން ސްޕީޗް ތެރަޕީ ނުވަތަ ވާހަކަދެއްކުމަށް އުނގަދޫވާ ކުދިންނަށް ދޭ ތެރަޕީ ދިނުމަށް ތިބީ 6 ތެރަޕިސްޓުންނެވެ. މީގެތެރެއިން 2 ތެރަޕިސްޓުންނަކީ ފުލްޓައިމްކޮށް ތިބި ފަރާތްތައް ނޫންކަން ބެލެނިވެރިން ފާހަގަކުރިއެވެ.

މީގެ އިތުރުން ފިޒިއޮތެރަޕީއަށް ޚާއްސަ 15 ތެރަޕިސްޓުންނާއި 6 ސައިކޮލޮޖިސްޓުންނާއި 4 ސައިކައިޓްރިސްޓުން ތިބި އިރު މިފަދަ ކުދިންނަށް ބޭނުންވާ ކޮންމެ ދުވަހެއްގެ ޙަރަކާތްތަކަށް، ބޭނުންވާ ކަންކަމަށް ހާނުވާ އެހީތެރިވެދޭ އޮކިއުޕޭޝަނަލް އެންމެ ތެރަޕިސްޓެއް އައިޖީއެމްއެޗުގައި ހުންނަކަން ބެލެނިވެރިންވަނީ ފާހަގަކޮށްފައެވެ. އަދި ހަފްތާއަކު ދެތިން ސެޝަން ނަގާއިރު ކޮންމެ ކުއްޖެއްގެ އަތުން ހަފްތާއަކަށް ހަމައެކަނި ތެރަޕީއަށް 900އަށްވުރެ ގިނަ ރުފިޔާ ޚަރަދުވާކަމަށް ބެލެނިވެރިން ބުންޏެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މިފަދަ ކުދިން އަތޮޅުތެރޭގައި ތިބި އިރު މިކަންކަމަށް މާލެއަށް ބަރޯސާވެގެން ތިބޭ ތިބުން ހުއްޓި އަތޮޅުތެރެއިން ޚިދުމަތް ލިބުން. މިފަދަ ކުދިންނަށް ބޭނުންވާ ތެރަޕީތައް ހުންނަންޖެހޭވަރާ ގާތަށްވެސް އަތޮޅުތެރޭގައި ނެތް." ކޮމިޓީއަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނެފައި ވެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކަންކަން އިންތިޒާމުކުރުމަށް ހަދަންޖެހޭ ޤާނޫނުތަކާއި އޭގެދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ވަރަށް ފުރިހަމައަށް ހެދިފައި ވީނަމަވެސް އެއާ އެއްގޮތަށް ކަންކަން ހިނގަމުންދޭތޯ ބެލޭނެ ރަނގަޅު ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ބެލެނިވެރިންވަނީ ފާޅުކޮށްފައެވެ. އެގޮތުން ތަޢުލީމީ ދާއރާގައި ހުރި އެކި މައްސަލަތައްވެސް ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކުދިންގެ ކިބައިގައި މިފަދަ ސިފައެއް ހުރިކަން ދެނެގަތުމަށް ކީ ސްޓޭޖް އެކެއްގައި ފުރުސަތު އޮތްނަމަވެސް ބައެއް ކުދިން އެހީ ލިބުމުން މަޙްރޫމުވެފައިވާކަމަށް ކޮމިޓީގައި ބެލެނިވެރިންވަނީ ހާމަކޮށްފައެވެ. އެގޮތުން ބައެއް ބެލެނިވެރިންގެ ހުއްދަ ނެތުމުގެ ސަބަބުން ސްކޫލުން ކުއްޖާއަށް ވަކި ޚާއްސަ އެހީއެއް ބޭނުންވާކަން ހާމަކުރިނަމަވެސް ކުދިންނަށް އެހީ ނުދެވޭތީ އެއީ ޙައްގުތަކުން ކުދިން މަޙްރޫމްކުރުންކަމުގައި ބެލެނިވެރިން ވަނީ ސިފަކޮށްފައެވެ.