ޚަބަރު

އިބްތިހާލުގެ މަރުގެ މައްސަލަ: އާފިޔާ ވަކީލަކު ބޭނުންވުމުން ޙުކުމް އިއްވުން ފަސްކޮށްފި


ވ.ރަކީދޫގައި ޢުމުރުން 3 އަހަރުގެ އިބްތިހާލް މުޙައްމަދަށް އަނިޔާކޮށް މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ އެކުއްޖާގެ މަންމަ އާފިޔާ މުޙައްމަދުގެ މައްޗަށް އުފުލި ދައުވާގައި އޭނާ ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަމަށް ބުނުމުން ޙުކުމް އިއްވުން އަންނަ މަހަށް ފަސްކޮށްފިއެވެ.

2015ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ވ.ރަކީދޫގައި ޢުމުރުން 3 އަހަރުގެ މުހައްމަދު އިބްތިހާލަށް އެކި ދުވަސްތަކުގެމަތިން އަނިޔާކޮށް މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދައުލަތުން ވަނީ ދެ ދަޢުވައެއް އުފުލާފައެވެ. އެއީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާއި، ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާއެވެ.

އެދައުވާތަކަށް އާފިޔާ ކުރިން އެއްބަސްވި ނަމަވެސް ފަހުން އޭނާވަނީ އެ ދަޢުވާތަކަށް އިންކާރުކޮށްފައެވެ. މިމައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓްގައި މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ނިންމާލުމަށްފަހު މިއަދު އޮތީ މިމައްސަލާގައި ޙުކުމް އިއްވުމަށް ބާއްވާ ޝރީޢަތެވެ.

މިމައްސަލާގައި ޙުކުމްކުރަން މިއަދު ބޭއްވި ޝަރީޢަތުގައި ދައުލަތުން ހަމަޖައްސާދީފައިވާ ވަކީކަލާއެކު ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެއިން އާފިޔާވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލާގައި ޖަވާބުދާރީވާން ބޭނުންވާކަމަށް ބުނެފައެވެ. މިއަދުގެ ޝަރީޢަތުގައި އާފިޔާގެ ދީފާޢީ ވަކީލުވަނީ ޙުކުމް އިއްވުމުގެ ކުރިން އާފިޔާ ބޭނުންވަނީ މިމައްސަލަ އިތުރަށް ދިރާސާކޮށް އޭނާގެ ފަރާތުން ޝަރީޢަތުގައި އެއްޗެއް ބުނުމަށްކަމަށެވެ.

މައްސަލައިގެ ހުކުމުގެ ކުރިން ޤާނޫނީ ވަކީލަކު ހަމަޖެއްސުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއްކަމަށާ، އެހެންކަމުން ހުކުމް ފަސްކޮށް ދިނުމަށްފަހު މިހާތަނަށް މިކަމުގައި ހިނގާފައިވާ ކަންކަން ބަލައި ދިރާސާކުރުމަށް ފުރުޞަތެއް ދިނުމަށް އެދިވަޑައިގަތެވެ. އަދި ޙުކުމުގެ ކުރިން ޝަރީޢަތުގައި އާފިޔާގެ ފަރާތުން ވާހަކަ ދެއްކުމަށް ފުރުޞަތެއް ދިނުމަށްވެސް ވަކީލު އެދިވަޑައިގަތެވެ. ދިފާޢީ ވަކީލުގެ އެ އެދިވަޑައިގަތުމަށް ދައުލަތުގެ ވަކީލުންވެސް އިޢުތިރާޒް ނުކުރައްވައެވެ. އެހެންކަމުން މައްސަލަ އިތުރަށް ދިރާސާކުރުމަށް 10 ދުވަހުގެ މުހުލަތެއް ދިނުމަށް އާފިޔާގެ ދިފާޢީ ވަކީލު އެދިވަޑައިގަތެވެ.

މައްސަލަ ބައްލަވާ ގާޒީވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވޭތޯ އާފިޔާއާ ސުވާލު ކުރައްވާފައެވެ. ޖަވާބުގައ އާފިޔާ ވަނީ އެހީތެރިކަން ބޭނުންވާކަމަށް ބުނެފައެވެ. އެހެންކަމުން ގާޒީ ވަނީ އާފިޔާއަށް ޤާނޫނީ ވަކީލަކާއެކު ޖަވާބުދާރީވުމަށް 10 ދުވަހުގެ މުހުލަތެއްދީ، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޙުކުމް އިއްވާނެކަން އިޢުލާންކުރައްވާފައެވެ.

ޖިނާޢީ އިޖްރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި މައްސަލައެއްގެ އަޑުއެހުން ނިންމާލާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެމައްސަލައެއްގެ ޙުކުމް އިއްވަން ވާނެއެވެ.

ޤާނޫނީ ވަކީލެއްގެ އެހީތެރިކަން އާފިޔާ ބޭނުންވާކަމަށް މިއަދު ބުނެފައިވާއިރު، މީގެ ކުރިން އާފިޔާ ވަނީ ޝަރީޢަތުގައި އިބްތިހާލު މަރާލިގޮތް ތަފްސީލްކޮށް ކިޔައިދީ ކުށްތަކަށް އިއުތިރާފުވެފައެވެ. ނަމަވެސް ފަހުން އެ އިއުތިރާފު އަނބުރާ ގެންގޮސްފައި ވަނީ، އެ ދައުވާތަކަށް އޭނާ އެއްބަސްވީ ބިރުދެއްކުމުންކަމަށް ބުނެއެވެ.

ދައުލަތުން އާފިޔާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2015ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އަށާވީސްވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި އިބްތިހާލްގެ ކަރަށް ފިތައި އެކުއްޖާ ނޭވާ ހާސްކޮށްލައި އެ ކުއްޖާގެ މޭމަތީގައި ޖަހާފައިވާކަމަށެވެ. އަދި އެކުއްޖާ މަރުވީ އެކަމުގެ ސަބަބުން ކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.

މި ދައުވާގެ ތެރެއިން އަމުރަށް ނުކިޔަންމަންތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އާފިޔާގެ މައްޗަށް އެންމެ ބޮޑުވެގެން އަންނަނީ 6 މަހުގެ ޖަލުގެ ހުކުމެކެވެ. އަދި މަރުގެ ކުށް ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށްލެވޭނެއެވެ.