ކުޅިވަރު

އެތުލެޓިކޯ މޮޅުވެ، ރެއާލްމެޑްރިޑް ބަލިވެއްޖެ


ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑު މޮޅުވިއިރު ވާދަވެރި ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

ލީގުގައި އެތުލެޓިކޯ މޮޅުވީ ރަށުން ބޭރުގައި ވެލެންސިޔާއާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގައި ހަމައެކަނި ފެނިގެންދިޔަ ލަނޑަކީ ވެލެންސިޔާގެ ލަޓޯ ޓޯނީ އަތުން ބައިކޮޅަށް ވަތްލަނޑެކެވެ. މިއީ ލަލީގާގައި ވިދިވިދިގެން އެތުލެޓިކޯއިން ހޯދި ހަވަނަމޮޅެވެ.

އެއްމެޗު މަދުން ކުޅެންގެން ތާވަލުގެ އެއްވަނައިގަވާ ރެއާލް ސޮސެއިޑާޑްއާ އެތުލިޓިކޯއިން ވަނީ ހަމަހަމަކޮށްފައެވެ. އެތުލެޓިކޯއިން ވަނީ މިހާތަނަށް ލީގުގައި ބަލިނުވެ 26 މެޗު ހަމަކޮށްފައެވެ. މިއީ ކުލަބުގެ ތާރީހުގަވެސް ރެކޯޑެކެވެ. މި ސީޒަންގައި ލީގުގައި ހަމައެކަނި ބަލިނުވެ އޮތް ޓީމަކީވެސް އެތުލެޓިކޯ މެޑްރިޑެވެ.

އެތުލިޓިކޯއިން ވަނީ ލީގުގައި މިހާތަނަށް 19 ލަނޑު ކާމިޔާބުކޮށްފައެވެ. އެތުލެޓިކޯގެ ކީޕަރު ވަނީ މިހާތަނަށް ލީގުގައި އެޓީމްގެ ގޯލަށް އަމާޒުވި 30 ހަމަލާއެއް މަތަކޮށްފައެވެ. އަދި އޭނާ މިހާތަނަށް ކުލަބަށް ކުޅުނު 200 މެޗުގެ ތެރެއިން 112 މެޗުގައި ވަނީ ލަނޑެއް ވައްދާނުލައި ހިފަހައްޓާފައެވެ.

ރޭ އަވައްޓެރި މެޑްރިޑު ވަނީ ޑިޕޯޓިވޯ އަލްވޭސްގެ އަތްދަށުވެފައެވެ. އަމިއްލަ ދަނޑުގައި ކުޅެ މެޑްރިޑް ބަލިވީ 2-1 ލަނޑުންނެވެ. ޑިޕޯޓިވޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލުކާސް ޕެރޭޒްގެ އިތުރުން ޖޮސެލޫއެވެ. މެޑްރިޑުގެ ހަމައެކަނި ލަނޑު މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ކަސަމެރޯއެވެ.

މިމެޗުގައި ހަޒާޑަށް ވަނީ އަނެއްކާވެސް އަނިޔާވެފައެވެ. ކުޅުމާ ދުރުގައި ހުރުމަށްފަހު އަނިޔާއިން ރަނގަޅުވެ ހަޒާޑް ވަނީ މި ސީޒަންގައި މެޑްރިޑަށް ހަތަރު މެޗު ކުޅެދީފައެވެ. މިއީ މޮޅެއް ނުހޯދި މެޑްރިޑުން ލިގު ނިންމާލީ ތިންވަނަ މެޗެވެ. މެޑްރިޑު އޮތީ މިވަގުތު ލީގުގެ ކުރީގައިވާ ސޮސެއިޑާޑަށް ވުރެ ހަޕޮއިންޓް ފަހަތުން ލީގުގެ ހަތަރުވަނައިގައެވެ. އަދި ތިންވަނައިގައިވާ ވިޔަރެއާލް އަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. ރޭގައި ލީގުގައި ހެއުސްކާ މައްޗަށް ސެވިއްޔާ އިން ވަނީ 1-0 ލަނޑުން ކުރި ހޯދާފައެވެ.

ރޭގެ ނަތިޖާތަކާއެކު ލީގުގެ އެއްވަނައިގަ 10 މެޗުން 23 ޕޮއިންޓް ހޯދައިގެން ރެއާލް ސޮސައިޑާޑް އޮތްއިރު އެއްމެޗު މަދުން ކުޅެގެން ދެވަނާގައިވާ އެތުލިޓިކޯ ވެސް ވަނީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދާފައެވެ. ތިންވަނާގައި ވިޔަރެއާލް އޮތީ 10 މެޗުން ހޯދި 19 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގަ މެޑްރިޑް އޮތީ 17 ޕޮއިންޓް ހޯދައިގެންނެވެ.