ޚަބަރު

އައު ޤާނޫނު އަސާސީއެއް ތަންފީޒުކުރުމުން ވެރިކަން ދޫކޮށްލާނަން: ލުކަޝެންކޯ


އައު ޤާނޫނުއަސާސީއެއް ޤާއިމްކުރުމުން ވެރިކަމާއި ދުރަށް ވަޑައިގަންނަވާނެކަމަށް ބެލަރުސްގެ ރައީސް އެލެކްޒެންޑަރ ލުކަޝެންކޯ ވިދާޅުވެއްޖެއެވެ.

ބެލަރުސްގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ ރައީސް ލުކަޝެންކޯ ބޮޑު އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވުމުން މިދިޔަ އޮގަސްޓު މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ އެކަމާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ. 1994ވަނަ އަހަރުން ފެށިގެން ބެލަރުސްގެ ވެރިކަންކުރައްވާ ލުކަޝެންކާއަށް އިންތިޚާބު ކާމިޔާބުވާގޮތަށް ވޯޓުގެ ނަތީޖާ ބަދަލުކުރިކަމުގެ ތުހުމަތު އެ ޤައުމުގެ ގިނަ ޢަދަދެއްގެ ޢާންމުން ކުރެއެވެ. ނަމަވެސް ވެރިކަން ދޫކުރެއްވުމަށް ރައީސް ލުކަޝެންކޯދަނީ ދެކޮޅުހައްދަވަމުންނެވެ.

ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދޭ ހަސްފަތާލެއްގައި ހުންނަވާ ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް ލުކަޝެންކޯ ވިދާޅުވީ އައު ޤާނޫނުއަސާސީއެއް ޤާއިމްކުރުމުން ރައީސްގެ ގޮތުގައި އިތުރަށް މަސައްކަތް ނުކުރައްވާނެކަމަށެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް އިސްލާހީ ގިނަ ބަދަލުތަކެއް ގެންނަންޖެހޭކަމަށާއި މިހާރު ޤާނޫނު އޮތްގޮތުން ރައީސަށް ލިބިދޭ ބާރުތައް މާ ގިނަކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޤާނޫނު އަސާސީ އިސްލާހުނުކުރަނިސް އެހެން ފަރާތަކަށް ވެރިކަން ޙަވާލުކޮށްފިނަމަ ނަތީޖާ ރަނގަޅުނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އައު ޤާނޫނުއަސާސީއެއް ޤާއިމްކުރުމުން ވެރިކަމާއި ދުރަށް ވަޑައިގަންނަވާނެކަމަށް ލުކަޝެންކޯ ވިދާޅުވީ ބެލަރުސްގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް ދުސްތޫރީ އިސްލާހުތައް ގެނައުމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގެއި ލެވްރޮވް ވިދާޅުވުމުންނެވެ. ނޮވެމްވަރު މަހުގެ 26ވަނަ ދުވަހުގައި ލެވްރޮވްވަނީ އިސްލާހީ ބަދަލުގެނައުމަށް ވެފައިވާ ވަޢުދަށް ކަމޭހިތައި، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާއިއެކު ވެފައިވާ އެހެނިހެން އެއްބަސްވުންތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ގޮވާލައްވައިފައި ވަނިކޮށެވެ.

އާންމުންގެ ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި އިސްލާހީ ބަދަލުތައް ގެނައުމަށް ރައީސް ލުކަޝެންކޯ ވަމުންދާ ވަޢުދުތަކަކީ ގިނަ ދުވަހު ވެރިކަމުގައި ދެމިހުންނެވުމަށް ދައްކަވާ އުޒުރެކެވެ.