މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކަށް ލޮޓަސް


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކަށް ލޮޓަސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ޕީ.އެސް.އެމުން މިއަދު ސޮއިކޮށްފިއެވެ.މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކަށް ލޮޓަސް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދެވެ. އަދި ލޮޓަސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ ސީ.އީ.އޯ އިބްރާހިމް ޒައިނަލް އާރިފެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މޯލްޑިވިއަން އައިޑަލްއަކީ ހަމައެކަނި ރިއަލިޓީ ޝޯވއެއް ނޫންކަމަށެވެ. އަދި މި ޝޯވ ވެގެންދާނީ ވިޔަފާރިވެރިންނަށް އެބޭފުޅުންގެ ވިޔަފާރި އިތުރަށް އިޝްތިޙާރުކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށްކަމަށް ޝާޔަން ވިދާޅުވިއެވެ. ޝާޔަން ވިދާޅުވީ، މޯލްޑިވިއަން އައިޑަލް ސްޕޮންސަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށާއި، 8 މަސް ދުވަހުގެ މި ބޮޑު ޕްރޮޖެކްޓްގެ ތެރެއިން ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް އެކިކަހަލަ ފުރުސަތުތައް ލިބިގެންދާނެކަމަށެވެ. ލޮޓަސްގެ ފަރާތުން ވާހަކަދައްކަވަމުން އެތަނުގެ ސީ.އީ.އޯ އިބްރާހިމް ޒައިނަލް އާރިފް ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ އަދި އެންމެ އަގު ބޮޑު ޓީވީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ސްޕޮންސަރެއްގެ ގޮތުގައި ލޮޓަސް ހަމަޖެހިގެން ދިއުމުން އެކަމާ އުފާކުރައްވާކަމަށެވެ. އަދި ޕީ.އެސް.އެމްއާއި ގުޅިގެން މި ޝޯވ ވީހާވެސް ކާމިޔާބު ޝޯވއަކަށް ހެދުމަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ލޮޓަސްގެ ފަރާތުން ދެއްވާނެކަމަށް ޒައިނަލް ވިދާޅުވިއެވެ. މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކަށް ލޮޓަސް ހަމަޖައްސާފައިވާއިރު، މި ޝޯވގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް މާލޭ ސިޓީގެ އިތުރުން، ރާއްޖޭގެ 4 ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. މިގޮތުން އެންމެ ފުރަތަމަ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައެވެ.