ވިޔަފާރި

ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބުމަކީ ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއް


ވޯލްޑް ޓްރެވެލް އެވޯޑްސްގެ "ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމާއި ގުޅިގެން މިއީ ސިނާއަތަށް ލިބިގެންދިއަ ބޮޑު އުފަލެއްގެ ގޮތުގައި ދާއިރާގެ ފަރާތްތަކުން ސިފަކޮށްފިއެވެ.

ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބުނުކަން އިއުލާންކޮށްފައި ވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގައެވެ. މި އެވޯޑް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު 22 މަންޒިލަކާއި ވާދަކޮށްގެންނެވެ.

މި ކާމިޔާބީއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ޔޫއެންމީ ބައި ކޮކޫންގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޖިހާދު (ޖޭ) ވިދާޅުވީ، ކޯވިޑްގެ ޙާލަތާއި ގުޅިގެން މިހާރު ގުނަމުންމިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް އުނދަގޫ ދުވަސްކޮޅެއްކަމަށެވެ. މިހާދަތި ދުވަސްވަރެއްގައި މިފަދަ އެވޯޑެއް ރާއްޖެއަށް ލިބުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. އަދި މި ކާމިޔާބީގެ އަސްލަކީ ދިވެހި ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން މިކުރާ މަސައްކަތުގެ ނަތީޖާކަން ވެސް ޖިހާދު ވަނީ ފާހަގަކުރައްވާފައެވެ.

"މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ. މާކެޓިން އަދި ޕީއާރުއަށް ބަލާއިރު އިތުރު މާކެޓްތައް ލިބުމަށް އަދި ޙާއްސަކޮށް ދިވެހިރާއްޖެ އިތުރަށް މާކެޓްކުރުމަށް އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު ފައިދާއަކަށް ވާނެ. މިދާއިރާގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަމަ ވަރަށް އުފާވެފަ މިހިރީ. މިލިބުނީ އަސްލު ހަމަ ވަރަށް ޝަރަފްވެރި އެވޯޑެއް. މުޅި ދުނިޔޭގެ އެންމެންވެސް ބަލައިގަންނަ އެވޯޑެއް." އަޙްމަދު ޖިހާދު ވިދާޅުވިއެވެ.

ކުރުނބާ މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރ ޢަލީ ފާރޫގް ވަނީ މިއީ ވަރަށް ދިގު މުއްދަތެއްގެ އިންތިޒާރަށް ނިމުމެއް ގެނުވި އެވޯޑެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އަނެއްކާވެސް އައު ފެށުމަކުން ފަށައިގެން ރާއްޖޭގެ ޓޫރިޒަމ މުޅިން އެހެން ހަރުފަތަކަށް ގެންދަން މިއީ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި މި އެވޯޑުގެ ސަބަބުން ރިސޯޓަކުގެ އިތުރުން ރާއްޖޭގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ އެހެން ޕްރޮޑަކްޓްތައްވެސް މާކެޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.

"އިންޑަސްޓްރީ މިކަހަލަ ސިޓުއޭޝަންއެއްގައި އޮއްވައި އަޅުގަނޑަށް ހީވަނީ މިއީ ވަރަށް ރަނގަޅު ފުރުސަތެއްހެން އަނެއްކާވެސް އައު ފެށުމަކުން ފަށައިގެން ރާއްޖޭގެ ޓޫރިޒަމ މުޅިން އެހެން ހަރުފަތަކަށް ގެންދަން. އޭޒް އަ ޕްރޮޑަކްޓް ވީއާ ސްޓިލް ނަންބަރ ވަން. މިހާދުވަސް ވަންދެންވެސް އަޅުގަނޑުމެންނަށް މީތި ނުލިބިއޮތީ އެހެން ބައެއް ބޮޑެތި ޤައުމުތަކުގެ އިންފްލޫއެންސް އޭގެތެރެއަށް ވަދެގެން. ދިވެއްސެއްގެ ހައިސިއްޔަތުން މިކަމަށް ވަރަށް ފަހުރުވެރިވޭ. ފަތުރުވެރިކަމުގެ ދާއިރާގެ 18 އަހަރުގެ ތެރޭގައި އެންމެ އުފާވެރި އެއް ޙަބަރުމިއީ." އަލީ ފާރޫގް ވިދާޅުވިއެވެ.

ދިގަލި މޯލްޑިވްސްގެ ރިސޯޓް މެނޭޖަރ ހަސަން ސައީދު ވެސް ވަނީ މިއީ ބޮޑު އަދި ފަހުރުވެރި ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފަތުރުވެރިކަމުގެ ދިގު ތާރީހުގައި ދިވެހިންނަސް ކުރެވުނު މަސައްކަތުގެ ނަތީޖާ ފެނިގެން މިދިޔައީ މިއަދުކަމަށެވެ. ދުނިޔޭގެ މީޑިއާތަކުގައި މި ހަބަރު ޝާއިއުކޮށް މީގެ ސަބަބުން ރާއްޖޭގެ މަޤްބޫލުކަން މުޅި ދުނިޔޭގައި ބޮޑުވެގެންދާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

" 50 އަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިންނަށް މި ދާއިރާގައި ކުރެވުނު މަސައްކަތުގެ ނަތީޖާ މިއީ. އެވޯޑް ލިބުނު ވަގުތަކީ ވަރަށް ރަނގަޅު ވަގުތެއް. ދުނިޔޭގެ ވަރަށް ގިނަ ނޫސްތަކުން މިކަން ޙަބަރުގައި ކަވަރުކުރާނެ. އެހެންކަމުން މިއީ މިވަގުތައް ވަރަށް ބޮޑު އެކްސްޕޯޝާއަކަށް ވެގެންދާނެ މިވަގުތައް. ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި މި ދައްކާ ވާހަކައަކަށް އިތުރު ހިތްވަރެއް ލިބި އެކަމަށް ގިނަ މީހުންގެ ސަމާލުކަން ލިބޭނެ މިވަގުތު މި ޙަބަރު އައީމަ." ދިގަލި މޯލްޑިވްސްގެ ރިސޯޓް މެނޭޖަރ ހަސަން ސައީދު ވިދާޅުވިއެވެ.

މި އެވޯޑް ރާއްޖެއަށް ލިބުމާއި ގުޅިގެން އޯޒެން ރިޒާވް ބޮލިފުށީގެ ރިސޯޓް މެނޭޖަރ ޢަލީ ޝާކިރު ވިދާޅުވީ، މި އެވޯޑް ރާއްޖެއަށް ލިބުމުގެ ސަބަބުން ފަތުރުވެރިންގެ މެދުގައި ރާއްޖެއާއިމެދު އޮންނަ ޔަޤީންކަމާއި އިތުބާރު ވަރުގަދަވެގެންދާނެކަމަށެވެ.

"މިހާ އުނދަގޫ ދަނޑިވަޅެއްގައި ދިވެހިރާއްޖޭގެ ފްރަންޓްލައިންއިން މިކުރައްވާ މަސައްކަތް މިއީ ވަރަށް ޕޮޒިޓިވް މެސެޖެއް. ގެސްޓުންގެ ތެރޭގައި ކޮންފިޑެންސް ބިލްޑްވާ ލިބޭ ވަރަށް ބޮޑު ހިތްވަރެއް މިއީ ހަޤީގަތުގައި. މިދާއިރާގައި މަސައްކަތްކުރާ ދިވެހިންވެސް ވަރަށް ހިތްހަމަޖެހި ވަރަށް ފަހުރުވެރިވާނެ މިކަމަށް. އަޅުގަނޑު ޕާސަނަލީ ވަރަށް އުފާވޭ މިކަހަލަ ދަތި ދަނޑިވަޅެއްގައި މިކަހަލަ އެވޯޑެއް ލިބުނީމައި." އަލީ ޝާކިރު ވިދާޅުވިއެވެ.

މި ހަފްލާގެ ގާލާ ނައިޓްގައި އިތުރު 8 އެވޯޑެއްވެސް ވަނީ ރާއްޖެއަށް ލިބިފައެވެ.

ކޯވިޑް-19ގެ ޙާލަތުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް ރާއްޖެއަކީ މި ޙާލަތުގައިވެސް ފަތުރުވެރިންގެ ހިތުން ފިލައިގެން ނުދާނެ މަންޒިލެއްކަން ކަށަވަރުކުރުމަށް އެމްއެމްޕީއާރުސީއާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ދާއިރާގެ ފަރާތްތަކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.