ކުޅިވަރު

ބާސެލޯނާގެ ރައީސްކަން ލިބިއްޖެނަމަ މެސީ ކުލަބުގައި ބަހައްޓާނަން - އެމިލީ ރޫސޯދް


ބާސެލޯނާގެ ރައީސްކަން ލިބިއްޖެނަމަ މެސީ ކުލަބުގައި ބަހައްޓާނެކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދޭކަމަށް ބާސެލޯނާގެ ރައީސްކަމަށް ވާދަކުރާ އެމިލީ ރޫސޯދް ބުނެފިއެވެ.

ބާސެލޯނާގެ ރައީސް ކަމުގެ އިންތިޚާބު ކުރިއަށް އޮތްއިރު، ކުލަބުގެ ހާލަތު ރަނގަޅު ކުރުމަކީ ހުރިހާ ކެންޑިޑޭޓުންގެވެސް މައިގަނޑު އެއް ވައުދެވެ. ވާދަކުރާ ކެންޑީޑޭޓުންގެ ތެރެއިން ބާސެލޯނާގެ ކެޕްޓަން މެސީއާއި އެންމެ ގާތް ގުޅުމެއް އޮތީ އެމިލީ ރޫސޯދްއާއެވެ.

މިދިޔަ ސީޒަނަށްފަހު ކުލަބު ދޫކޮށްލަން ބޭނުންވެފައިހުރި މެސީ ބާސެލޯނާގައި ކެރިއަރު ނިމެންދެން ހުރުމަކީ ކުލަބުގެ ހުރިހާ ސަޕޯޓަރުންގެ އުއްމީދެކެވެ. މެސީ ބާސެލޯނާގައި ބަހައްޓާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ބާސެލޯނާގެ ރައީސްކަމަށް ވާދަކުރާ އެމިލީ ރޫސޯދްވަނީ ބުނެފައެވެ. އަދި މީގެ އިތުރުން މެސީއަށް އިތުރު އިނާޔަތްތަކެއް ދިނުމާއި، ބާސެލޯނާގެ ސްޓޭޑިއަމްގެ ނަންވެސް މެސީގެ ނަމަށް ބަދަލުކުރުމަށް މަސައްކަތްކުރާނެކަމަށްވަނީ ބުނެފައެވެ.

ރޫސޯދްވަނީ އޭނާގެ ވެރިކަމެއްގައި ކުލަބަށް ގެންނާނެ އައު ކުޅުންތެރިންނާއި ގުޅޭގޮތުންވެސް ވާހަކަދައްކާފައެވެ. މިގޮތުން ޕީއެސްޖީއަށް މިހާރު ކުޅެމުން އަންނަ ނޭމާ ބާސެލޯނާއަށް އަނބުރާ ނުގެންނާނެކަމަށްވެސް އޭނާވަނީ ބުނެފައެވެ.