ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް


ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑް ރާއްޖެއަށް ލިބުނުކަން އިއުލާން ކޮށްފައި ވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގަ އެވެ. 2020 ވަނަ އަހަރުގެ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބިފައިވާއިރު މިއީ މި އެވޯޑް ރާއްޖޭގެ ފަތުރުވެރިކަމުގެ ދިގު ތާރީހުގައި ލިބުނު ފުރަތަމަ ފަހަރެވެ. މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ ދުނިޔޭގެ 22 މަންޒިލަކާއި ވާދަކޮށްގެންނެވެ.

އޭގެތެރޭގައި ހިމެނެނީ:

މި އެވޯޑް ރާއްޖެއަށް ލިބުމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސް ހަފްލާގައި "ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބުމުން އެކަމާއި އުފާވާކަމަށެވެ. އަދި ކޯވިޑް-19 ގެ މިހާލަތުގައި ރާއްޖެއަށް މި އެވޯޑް ލިބުމަކީ، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ހާމަވި ކަމެއްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގައި ވާޗުއަލްކޮށް ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ވޯލްޑް ލީޑިންގ އެވޯޑް ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. ކޯވިޑް-19 ގެ މިހާލަތުގައި މި އެވޯޑް ރާއްޖެއަށް ލިބުމަކީ ރާއްޖެއަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބިގެންދިއަ ބޮޑު ކުރިއެރުމެއްކަންވެސް އޭނާ ވަނީ ފާހގަަކުރައްވާފައެވެ. އަދި ރާއްޖެއަށް ވޯޓުލި އެންމެހައި ފަރާތްތަކާއި، ޓްރެވެލް އިންޑަސްޓްރީގެ ހުރިހައި ޕާޓްނަރުންނަށް މި އެވޯޑް ރާއްޖެއަށް ހޯދައިދިނުމަށް ކުރެއްވި ބުރަ މަސައްކަތައް ތައްޔިބު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރާއްޖެ އުފެދިފައިވާ ގޮތުންނާއި ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަކީ މިވަގުތު ދަތުރުކުރަން އެންމެ ރައްކާތެރި ޤައުމުކަން ކަށަވަރުކޮށްދީފައިވާކަމަށް ޠައްޔިބު ވިދާޅުވިއެވެ.

މި އެވޯޑް ރާއްޖެއަށް ލިބުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުޞޫމް ކުރެއްވި ޓްވީޓެއްގައި ވަނީ މި އެވޯޑް ރާއްޖެއަށް ލިބުމުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހައި ޕާޓްނަރުންނާއި، މުވައްޒަފުންގެ ދައުރު ފާހަގަކުރައްވާފައެވެ. މީގެއިތުރުން ލޯކަލް ކައުންސިލްތަކާއި، ކަމާގުޅުންހުރި ފަރާތްތަކާއި، މީޑިއާވެސް މި އެވޯޑް ރާއްޖެއަށް ލިބުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގެ ގާލާ ނައިޓްގައި ރޭ ރާއްޖެއަށް އިތުރު އެވޯޑްތަކެއްވެސް ވަނީ ލިބިފައެވެ.
އޭގެތެރޭގައި ހިމެނެނީ:
- ވޯލްޑް ލީޑިންގ ވޯޓަރ ވިލާ ރިސޯޓް: ފޯރ ސީޒަން ރިސޯޓް މޯލްޑިވްސް އެޓް ކުޑަހުރާ
- ވޯލްޑް ލީޑިންގ އަންޑަރ ވޯޓަރ ހޮޓެލް ރެސްޓޯރަންޓް: ހުރަވަޅި އައިލެންޑް ރިސޯޓް
- ވޯލްޑްސް ލީޑިން ނިއު ރިސޯޓް: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
- ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް: ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
- ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް: ބަރޮސް މޯލްޑިވްސް
- ވޯލްޑްސް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް: ވައްކަރު މޯލްޑިވްސް
- ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
- ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް: ހުޅުލެ އައިލެންޑް ހޮޓެލް

ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއާ ސަރަހައްދުގެ 4 އެވޯޑެއްވެސް މިއަހަރު ރާއްޖެއަށް ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިއާ ކަނޑުގެ ލީޑިންގ ބީޗް ޑެސްޓިނޭޝަން، ލީޑިންގ ކްރޫޒް ޑެސްޓިނޭޝަން، ލީޑިންގ ޑެސްޓިނޭޝަން އަދި ލީޑިންގ ޑައިވް ޑެސްޓިނޭޝަންއެވެ. މީގެއިތުރުން ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތަކުން ވަނީ އިތުރު 18 އެވޯޑެއްވެސް މިއަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއަން އޯޝަން ބައިން ހޯދާފައެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓިފައި އޮތުމަށްފަހު އަލުން މިވަނީ މި ސިނާއަތް ކުރިއަރަންފަށާފައެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ނަންބަރުތަކުން މިކަން ހާމަވެގެންދެއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް 67،564 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 450،411 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް ބައިނަލްއަޤްވާމީ 14 އެއަރލައިނަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އަދި ޑިސެމްބަރ މަސް ނިމުމުގެ ކުރިން އިތުރު 10 އެއަރލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގެ ޝަރަފުވެރި ގިނަ އެވޯޑްތަކެއް ރާއްޖެއަށް ލިބިފައިމިވަނީ ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މިއަހަރު އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކެއްގައި ވަނީ ވާޗުއަލްކޮށް ބާއްވާފައެވެ.

އެކި ގައުމުތަކުގައި ތިބި އެޖެންޓުންނާއި ޕާޓްނަރުން އަދި ކަސްޓަމަރުންނާއެކު ރާއްޖެ ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރުސީން ވަނީ ބޮޑެތި ކެންޕެއިންތަކެއްވެސް އޮންލައިންކޮށް މިއަހަރުގެ ތެރޭގައި ކުރިއަށްގެންގޮސްފައެވެ.