ޚަބަރު

ސޯޝަލް މީޑިއާ ބޭނުންކޮށްގެން ހިންގާ ފޭރުމުގެ ޙަރަކާތްތަކަށް ސަމާލުވާންޖެހޭ: ފުލުހުން


ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތުން ނަތީޖާ ނެރެވޭނީ ޢާއްމުންގެ ފަރާތުންވެސް އެއްބާރުލުން ލިބިގެންނެވެ. ވައްކާމާއި ފޭރުމުގެ ކުށުގެ ތަޙުގީޤުތަކުން ފެނިގެން ދަނީ މިހާރަށްވުރެ ބޮޑަށް ބައެއް ކަންކަމުގައި އާއްމުން ސަމާލުވެއްޖެނަމަ ހުއްޓުވޭނެ ފަދަ ކުށްތައް އިތުރުވެފައިވާ މަންޒަރެވެ.

ވޭތުވެދިޔަ 10 މަސްދުވަހު ކުށުގެ ތަފާސްހިސާބާއިއެކު ހާމަވެގެންދިޔައީ ކުށްކުރުމުގެ ވެއްޓަކާއި ދިމާއަށް މުޖުތަމަޢު މިސްރާބުޖަހާފައިވާތަނެވެ. ފުލުހުން ހާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު ފެނިގެން ދަނީ ޢާއްމުން މިހާރަށްވުރެ ބޮޑަށް ސަމާލުވެއްޖެނަމަ ހުއްޓުވޭނެ ފަދަ ކުށް އިތުރުވެފައި ވާތަނެވެ. ފުލުހުން ވިދާޅުވާ ގޮތުގައި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަސްތެރޭގައިވެސް މަކަރާއި ހީލަތް ހަދައި އޮޅުވާލައިގެން ފޭރުމުގެ ޙަރަކާތްތައް ހިންގަމުން އަންނަކަމަށެވެ. އެހެންނަމަވެސް ކޯވިޑް-19އާއެކު މިކަން އިތުރުވެގެން ގޮސްފައިވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ވައްކަމާއި ފޭރުމާއި ގުޅޭ މައްސަލަތަކުގެ މަޢުލޫމާތު ހާމަކުރައްވަމުން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އަލީ ފާއިޒް ވިދާޅުވީ، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް އޮންލައިންކޮށް ޑޮލަރު ވިއްކުމާއި ގޮތް ނޭނގޭ މީހުން ފައިސާއަށް އެދިކުރާ މުޢާމަލާތްތަކަށް އިޖާބަދޭ މިންވަރު އިތުރުވެފައި ވާކަމަށެވެ. ހަމައެއާއެކު ފައިސާ ދެއްކިކަމުގެ ފޭކް ސްލިޕްތަކާއެކު ވިޔަފާރިކުރާ މައްސަލަ އާއި ފައިސާ ޓްރާންސްފަރ ވީކަން ކަށަވަރުނުކޮށް މުދާ ފޭރުމުގެ މައްސަލަތައްވެސް އިތުރުވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

"ސްކޭމް ކޯލްސްތައް ވަރަށް ބޮޑަށް އެބަ އިތުރުވޭ. މިކަން ހިންގާތާ ގިނަ ދުވަސްވެފައިވީނަމަވެސް މިދުވަސްވަރު މާބޮޑަށް އިތުރުވެފައިވާތީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކަންކަމަށް ސަމާލުވާން އަޅުގަނޑުމެން އިލްތިމާސްކުރަން. ގޮތްނޭނގޭ މީހުންނަށް އިޖާބަ ނުދޭންވީ. މިފަދަކަމެއް ވެގެން ފުލުހުންނަށް ވީއެންމެ އަވަހަކަށް އަންގަންވީ." އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒް ވިދާޅުވިއެވެ.

ފޭރުމުގެ ކަމެއް މަގުމަތިން ވިޔަސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ ފޯން ކޯލެއް މެދުވެރިކޮށް ނަމަވެސް ހިނގައިފިނަމަ ވީއެންމެ އަވަހަކަށް އެކަން ރިޕޯޓުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. ސަބަބަކީ ލަސްނުކޮށް ފުލުހުންނަށް އަންގައިފިނަމަ ބޭންކު މެދުވެރިކޮށް ހިންގާ މުޢާމަލާތްތައް ހުއްޓުވުމުގެ ފުރުސަތު އޮންނަކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް ފުލުހުންނަށް އެފަދަ ކަންކަން ރިޕޯޓުކުރުން ލަސްވުމަކީ، ގިނަފަހަރަށް ފައިސާ އަނބުރާ ވަރަށް ބޮޑަށް ދަތިވެގެންދާ ކަމެއްކަން ފުލުހުން ފާހަގަކުރައްވައެވެ.

ފުލުހުން ވިދާޅުވީ، މަގުމަތިން ހިންގާ ފޭރުމުގެ ގިނަ މައްސަލަތަކުގައި ޢާއްމުކޮށް ފޯނާއި ދަބަސް ފޭރޭކަން ތަފާސް ހިސާބުތަކުން ހާމަވާ ކަމަށެވެ. މިފަދަ ކޭސްތަކުގެ ތަޙުގީގަށް ބަލާއިރު ފާހަގަ ކުރެވެނީ ޢާއްމުކޮށް ފޯނުގައި ހުރެގެން ނުވަތަ ފޯނާއި ކުޅެމުން މަގުމަތިން ހިނގާފައި ދަނިކޮށް ސައިކަލުގައި ދާމީހަކު ފޯނާއި ދަބަސް ޖަހައިގެން ދިޔުންކަން ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން މަގުމަތީގައި އުޅޭއިރު މިހާރަށްވުރެ ބޮޑަށް އަތްދަބަހަށާއި ފޯނު ފަދަ އަގުބޮޑު ތަކެއްޗަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.