ވިޔަފާރި

ވިޔަފާރިއާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ތުރުކީއާ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި


ވިޔަފާރިއާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ތުރުކީއާއި ދެމެދު ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުތް ޗަވްޝޮންގްލޫ އާއިއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުން ގުޅިގެން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ވިޔަފާރީގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ތައުލީމީ ދާއިރާ ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ޚާރިޖ ވަޒީރު ޢަބްދުﷲ ޝާހިދުވަނީ ޓާކިޝް އެއަރލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ޓާކިޝް އެއަރލައިނުން ރާއްޖެއަށް ދަތުރު ފެށުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިފައިވާކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ނައިޖަރއަށް ފުރާވަޑައިގެންފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ރިޕަބްލިކް އޮފް ނައިޖަރގެ ވެރިރަށް ނިއާމޭގައި ނޮވެމްބަރު 27 އިން 28 އަށް ބާއްވާ (އޯ.އައި.ސީ)ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ތަރައްޤީއަށް ހަމަޖެހުމަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" މިޝިއާރެވެ.

މިބައްދަލުވުމުގައި، ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި އޮތް ގޮތާއި، އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދައްކަވާނެއެވެ. އަދި އިސްލާމީ އުއްމަތަށް މިވަގުތު ކުރިމަތިވެފައިވާ ކަންކަމާމެދު ދިވެހިރާއްޖެއިން ދެކޭ ގޮތް ހާމަކުރައްވައި، އުއްމަތް އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު ބައިލޭޓަރަލް ބައްދަލުވުންތައް ބާއްވަވާނެއެވެ.