ޚަބަރު

މީހުން ހައްޔަރުކުރާއިރު ޢަމަލުކުރާ ގޮތް ބަލާ ފިޔަވަޅު އަޅަންޖެހޭނަމަ އަޅާނެ - ފުލުހުން


މީހުން ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކުރާގޮތް ބެލުމުގެ އުސޫލުގެ ދަށުން ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭނަމަ އެކަމަކަށް ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ އިއްޔެ ރައީސް ޢަބްދުﷲ ޔާމީން ކޯޓަށް ޙާޒިރުކުރުމަށް މާލެ ގެނައި ވަގުތު ސަލާމަތީ ގޮތުން ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަށް ވަދެ އުޅުނު އަންހެނަކަށް އަނިޔާވިކަމަށް ބުނެ ފަތުރާ ވާހަކަތަކާއި ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ސަލާމަތީ ގޮތުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ މޫދަށް ފުންމާލި އުމުރުން 43 އަހަރުގެ އަންހެނަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރި ފުލުހުންގެ ދައުރަށް ހުރަސްއެޅި ބަޔަކު ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު ބައެއް މީހުން ވެއްޓި އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މީހުން ހައްޔަރުކުރުމުގައި ފުލުހުންގެ އޮފިސަރުން ޢަމަލުކުރާ ގޮތް ބެލުމަށް ޚާއްސަ އުސޫލްތަކެއް ފުލުހުންގެ ތެރޭގައިވެސް ހުންނަކަމަށާއި މިޙާލަތުގައިވެސް ފުލުހުންގެ އޮފިސަރުން ޢަމަލުކޮށްފައިވާ ގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅުއަޅާނެ ކަމަށެވެ.