ރާއްޖޭގެ ބްރޯޑްކާސްޓިންގ
ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ފެށުމަށްޓަކައި
އެކަމަށް ބޭނުންވާ ޤަވާޢިދު އެކުލަވާލަމުންދާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ
ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތޯބުގައި
ޝަހީބު ވިދާޅުވީ ، އޮސްޓްރޭލިއާގެ ފަންނީ މާހިރެއްގެ އެހީތެރިކަމާއެކު މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި ކޮމިއުނިޓީ ބްރޯޑްކާސްޓިންގ
ތަޢާރަފްކުރުމަށްޓަކައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމުގެ
މަސައްކަތް މިހާރު ކޮމިޝަނުން ކުރަމުން ދާކަމަށެވެ.
ރާއްޖޭގެ
ބްރޯޑްކާސްޓިންގ ދާއިރާ ކުރިއެރުންތަކެއް
ހޯދާފައިވާކަން ފާހަގަކުރައްވާ ، އުފެއްދުންތެރި ބްރޯޑްކާސްޓަރުން މަސައްކަތްކުރާ ކަމުގެ
ހެއްކެއްގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގަ
އާއި ޤައުމީ ފެންވަރުގައި ހޯދަމުން އަންނަ ކާމިޔާބީތައްވެސް ޝަހީބު ވަނީ
ފާހަގަކުރައްވާފައެވެ. އެގޮތުން، "އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ
ޑިވެލޮޕްމަންޓް"ގެ "ރޭޑިއޯ އެވޯޑްސް 2015" އިން ޕަބްލިކް ސަރވިސް މީޑިއާގެ
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއް ރަންވަނަ އެއް ހޯދާފައިވާކަން ފާހަަގަކުރެއްވިއެވެ.
އަދި އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓް
ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ)ގެ އެގްޒެކެޓިވް ބޯޑްގެ ޗެއަރޕާސަންގެ މަގާމަށް ޕަބްލިކް
ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިންތިޚާބުވުމަކީ ވެސް ފާހަގަކޮށްލެވޭ ކާމިޔާބީ
ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން
މިހާރުގެ ނޫސްވެރިންނާއި، ބްރޯޑްކާސްޓަރުންނަކީ، ރިސްކުގައި މަސައްކަތްކުރަމުންދާ ބައެއް
ކަމަށާއި ކެނޑިނޭޅި ލިބެމުންދާ އިންޒާރުތަކުގެ
ތެރޭގައި ބިރުވެރިކަން ތަހައްމަލްކުރަމުންދާ ބައެއް ކަން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް މިހާތަނަށް 26 ކުންފުންޏަކަށް
44 ލައިސަންސް ދޫކޮށްފައިވެއެވެ. އެއީ 32 ޓީވީ ޗެނަލާއި 12 ރޭޑިއޯ ޗެނަލް އެވެ. މީގެ
އިތުރުން، ކޭބަލް ޓީވީ ޚިދުމަތް ފޯރުވައިދިނުމަށް ލައިސަންސް ދޫކޮށްފައިވާ 117 ކުންފުނި
ހިމެނެއެވެ.