ވިޔަފާރި

ދުނިޔޭގެ 16 ސަރަހައްދަކުން މިހާރު ރާއްޖެއަށް ދަތުރުކުރޭ


ދުނިޔޭގެ 16 ސަރަހައްދަކުން މިހާރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ހާމަކޮށްފިއެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ގިނަ ދުވަސްތަކެއް އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖެއަށް ގިނަ އެއަރލައިންތަކަކުން އަންނަނީ ދަތުރުތައް ފަށަމުންނެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް ދަތުރު ފަށާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ގިނައީ އިންޑިއާގެ ސަރަހައްދުތަކެވެ. އިންޑިއާގެ 6 ސަރަހައްދަކުން މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އެއީ ނިއުދިއްލީ، މުންބާއީ، ޗެންނާއީ، ބެންގަލޫރު، ކޮޗިން، އަދި ޓްރިވެންޑްރަމްއެވެ. އިންޑިއާގެ އިތުރުން އޭޝިއާ ސަރަހައްދުން ކޮލަންބޯ، އާއި ޑާކާއިންވެސް އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.

މެދުއިރުމަތީގެ 4 ސަރަހައްދަކުން ރާއްޖެއަށް ދަތުރުތައް ކުރަމުންއަންނައިރު އޭގެތެރޭގައި ހިމެނެނީ އިސްތަންބޫލް، ދޯހާ، ދުބާއީ، އަދި އަބޫދާބީއެވެ. ޔޫރަޕްގެ ސަރަހައްދުތަކުގެ ތެރޭގައި ލަންޑަން، ފްރެންކްފާޓް، އަދި ވިއެނާއިން އަންނަނީ ދަތުރުތައް ކުރަމުންނެވެ. މީގެއިތުރުން ރަޝިއާގެ މޮސްކޯއިންވެސް ކޯވިޑް-19 އަށްފަހު ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ވަނީ ފަށާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް ބައިނަލްއަޤްވާމީ 14 އެއަރލައިނަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އެއީ:

  • އެމިރޭޓްސް
  • ގަތަރު އެއަރވޭސް
  • އެރޯފްލޮޓް
  • އިންޑިގޯ
  • ޓާރކިޝް އެއަރލައިން
  • ގޯއެއަރ
  • ސްރީލަންކަން އެއަރލައިން
  • އިއްތިހާދު އެއަރވޭސް
  • އެއަރ އިންޑިއާ
  • ފްލައިދުބާއީ
  • ބްރިޓިޝް އެއަރވޭސް
  • ލުފްތަންސާ
  • އެޑްލްވެއިސް
  • ސްޕައިސްޖެޓް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރ މަސް ނިމުމުގެ ކުރިން އިތުރު 10 އެއަރލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރުމަށް ވަނީ ނިންމާފައެވެ. މީގެތެރޭގައި ހިމެނެނީ:

  • ނޯޑްވިންޑް
  • އަޒުރު އެއަރ ރަޝިއާ
  • އެއަރ ސީޝެލްސް
  • އަލިޓާލިއާ
  • އެއަރ ފްރާންސް
  • ޔޫކްރެއިން އިންޓަނޭޝަނަލް އެއަރލައިން
  • ނިއުސް ސްޕާ
  • ގަލްފް އެއަރ
  • ރޮސިޔާ އެއަރލައިން
  • އެއަރ އަސްތާނާ

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް 67،564 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 450،411 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.