ރިޕޯޓް

"ސައިލެންޓް ކޮފީ" އިޝާރާތުގެ ބަހުން އޯޑަރުކޮށްލާ!


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިޝާރާތުގެ ބަހުން މުޢާމަލާތްކުރަންޖެހޭ މީހުންނަށް ކުރިމަތިވާ އެންމެބޮޑު ދަތިކަމަކީ ޢާއްމު ޚިދުމަތް ހޯދާ ތަންތަނުގައި އެމީހުންނާ ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ މީހުން ނުތިބުމެވެ. އަދި އެހެންމީހުންނަށް ޚިދިމަތް ދޭ ތަންތަނުން ވަޒީފާ ލިބުމުގައިވެސް އެމީހުންނަށް މިސަބަބާހެދި އެމީހުންނަށް ހުރަސްތަކެއް ކުރިމަތިވެއެވެ.

ކެފޭ ރެސްޓޯރެންޓް ތަކުން ޚިދުމަތް ހޯދާ މިފަދަ މީހުން މިކަމުގެ އުނދަގޫ ވަރަށްބޮޑަށް ފޯރައެވެ. އެހެންނަމަވެސް ރާއްޖޭގައި މިހާރު މިވަނީ ފުރަތަމަ ފަހަރަށް ކެފޭ އެއްގައި ސައިން ލޭންގުއޭޖުން ނުވަތަ އިޝާރާތުގެ ބަހުން ޚިދުމަތްދިނުމުގައި މުޢާމަލާތުކުރަން ފަށާފައެވެ. މާލޭ ގްރާންޑްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ "ދަ ކޮފީ ޝްރަބް" ކެފޭ އިން މިހާރު ސައިން ލެންގުއޭޖްއާއެކު ޚިދުމަތް ލިބެން ހުންނާނެއެވެ.

"ދަ ކޮފީ ޝްރަބް" ކެފޭ ގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ސައިން އިޝާރާތުގެ ބަހުން މުޢާމަލާތުކުރުމަށް، އަޑުއެހުމުން މަހުރުމްވެފައިވާ 3 މީހަކު މިހާރު ދަނީ މަސައްކަތް ކުރަމުންދެއެވެ. 2019ވަނަ އަހަރު ޔޫއެންޑީޕީން ކުރިއަށްގެންދިޔަ މިޔަހެލި ޕްރޮގްރާމަށް ހުށައެޅި "ސައިލަންޓް ކޮފީ" ކޮންސެޕްޓުން 2ވަނަ ލިބުނު މި 3 މީހުންވަނީ އެ ކެފޭގައި ޚިދުމަތް ދިނުމަށްޓަކައި ގާތްގަޑަކަށް 4 މަސް ދުވަސްވަންދެން ތަމްރީންވެފައެވެ. މިޔަހެލި ޕްރޮގްރާމަކީ ޔޫއެންޑީޕީން ޒުވާނުންނަށް ޚާއްސަކޮށްގެން އެމީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި ތަފާތު ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ކޭމްޕެކެވެ.

ސައިލެންޓް ކޮފީ ކޮންސެޕްޓަށް ހަދާފައިވާ މި ކެފޭއަކީ އަޑު އިވުމުން މަހުރޫމްވެފައިވާ މީހުންނަށް ޚިދުމަތް ދިނުމާއި އެފަދަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައްވެސް ފަހަކޮށްދިނުމަށް ހަދާފައިވާތަނެއްކަން ފާހަގަކުރެވެއެވެ. ކޮފީ ޝްރަބްއިން އެ ފުރުޞަތު އެފަދަ މީހުންނަށް ދެނީ އާއްމުން ނަށްވެސް ލިބޭ ޚިދުމަތްތައް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ހަމަހަމަކޮށް ހޯދައިދިނުމަށްކަމަށް ކޮފީ ޝްރަބްއިން ބުނެއެވެ.

މި ކެފޭ ހުޅުވާ ދެއްވާ ވާހަކަދައްކަވަމުން ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކިކޮ ފުޖީ ވިދާޅުވީ "ސައިލަންޓް ކޮފީ" ކޮންސެޕްޓަކީ ޔޫއެންޑީޕީން ވަރަށް ބަލައިގަންނަ ކޮންސެޕްޓެއްކަމަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ މުޖުތަމައުއިން ބާކީ ނުކޮށް އެމީހުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީންދީ ވަޒީފަގެ ބާޒަރަށް ނެރެވިދާނެކަން މިކަމުން ހާމަވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ދަ ކޮފީ ޝްރަބް" ގައި ވަޒީފާ އަދާކުރާ އަދި ސައިލަންޓް ކޮފީގެ މެމްބަރ އަޙްސަން އަބްދުލް ރަޙްމާން ވަނީ އެ ކެފޭއިން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަޑުއެހުމުން މަޙްރޫމް ވެފައިވާ މީހަކަށް ފުރަތަމަ ފަހަރަށް ކޭފޭއެއްގައި މަސައްކަތް ކުރަން ލިބުމުން އެކަމަށް އުފާވާކަމަށް އޭނާ ބުންޏެވެ.

ކޮފީ ޝްރަބްއިން މިހާރު ވަނީ އެމީހުންގެ ސޯޝަލް މީޑިއާގައި ސައިން ލޭންގްއޭޖް އޯޑަރ ކުރާނެގޮތް ކިޔަދިފައެވެ. މިކަމުގެ ސަބަބުންވެސް އާއްމުންނަށް ސައިން ލޭންގުއޭޖް ދަސްކުރުމަށް އިތުރު ޝައުގުވެރިކަމެއް އުފެދި، ފަސޭވަގެންދާނެކަމަށް އެ ކެފޭއިން ބުނެފައިވެއެވެ.