ޚަބަރު

އަލްމަރްހޫމް އިބްރާހީމް ޙުސައިންފުޅުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ


ސަރުކާރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަލްމަރްހޫމް އިބްރާހީމް ޙުސައިންފުޅުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 40 އަހަރަށްވުރެ ގިނަ ދުވަހު ގިނަ ޚިދުމަތްތަކެއްކުރައްވާފައިވާ ބ. ތުޅާދޫ މަންޒިލް އިބްރާހީމް ޙުސައިންފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ މިދިޔަ ހޯމަދުވަހުއެވެ.

އިބްރާހީމް ޙުސައިންފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އިބްރާހީމް ޙުސައިންފުޅުގެ އަނބިކަނބަލުން ޚަދީޖާ އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވެވި ތަޢުޒިޔާގެ ސިޓީފުޅުގައި ވަނީ އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅަކީ، ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ރީތި ނަމޫނާއެއް ދެއްކެވި އަދި ތުޅާދޫގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަމަށެވެ. އިބްރާހީމް ޙުސައިންފުޅު އަވަހާރަވުމަކީ، ތުޅާދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި ޚާއްޞަކޮށް، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބުނު ހިތާމައެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ޚަދީޖާ އިބްރާހީމަށާއި، އިބްރާހީމް ޙުސައިންފުޅުގެ ބޭފުޅުންނަށާއި، ޢާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށް، ތުޅާދޫ ސްކޫލަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި އިބްރާހީމް ޙުސައިންފުޅަކީ، ތުޅާދޫގެ ވަރަށް ގިނަ އަދަދެއްގެ ދަރިވަރުންގެ ލޮބުވެތި އުސްތާޛަކަށްވުމާއެކު، ކުޑަކުދިންނަށް ޤުރްއާން ކިޔަވައި ދެއްވުމުގައްޔާއި، ޤުރްއާން ހިތުދަސްކޮށްދެއްވުމަށް ދެއްވި އަހަންމިއްޔަތާއި، އެރޮނގުން ކޮށްދެއްވި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަގޮތެއްގައި ފާހަގަކުރައްވާފައި ވެއެވެ.

އަލްމަރްހޫމް އިބްރާހީމް ޙުސައިންފުޅަކީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހީމާއި، ދިވެހި ބަހުގެ އަދީބެއްކަމަށްވާ އަންވަރު އިބްރާހީމްގެ ބައްޕާފުޅެވެ.