ވިޔަފާރި

ޓޫރިޒަމްގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުތަކުން ފަތުރުވެރިކަމަށް ބިން ދޫކުރުމުގެ ބާރު ކައުންސިލްތަކަށް!


ފަތުރުވެރިކަމުގެ ނަފާ މުޅި ރާއްޖެއަށް ލިބޭނެ ފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަންކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިހާރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ކުރަމުންދަނީ މެދު ރާއްޖެތެރޭގައި ކަމުގައިވެސް ސަރުކާރުން ގެނައުމަށް މަސައްކަތްކުރަމުންދާ ބަދަލުތަކާއި އެކު ފަތުރުވެރިކަން ރާއްޖޭގެ އުތުރާއި ދެކުނުގައި އިތުރަށް ފުޅާވެ ކުރިއަރައިގެންދާނެއެވެ.

މިބަދަލުތައް ގެނައުމަށްޓަކައި ސަރުކާރުން މިހާރުވަނީ، ޓޫރިޒަމްގެ ޤާނޫނަށް އިޞްލާހުތަކެއް ގެނައުމަށް ހުށަހަޅާފައެވެ. ޖުމްލަ 20 އިޞްލާހެއް މީގައި ހިމެނޭއިރު، ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އެސަރަޙައްދުތަކުން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ ކުލި ކުޑަކުރުން ފާހަގަކޮށްލެވެެއެވެ.

މިބަދަލަކާއި އެކު އުތުރާއި ދެކުނުގައި އިންވެސްޓް ކުރާފަރާތްތައް އިތުރުވެ، ފަތުރުވެރިކަން އެސަރަޙައްދުތަކުގައި ފުޅާވެގެންދާނެ ކަމަށް ސަރުކާރުންދެެކެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަދި ހުށަހަޅަން ގަސްދުކޮށްފައިވާ ބިލްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުން ގެނެސްދޭ ލެޖިސްލޭޓިވް އެޖެންޑާ ޕްރޮގްރާމްގައި، މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، މިބަދަލާއި އެކު މާލެ ސަރަޙައްދުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ކުއްޔަށް ބަދަލެއް ނާންނާނެ ކަމަށާއި، އެގޮތުން މާލެ ސަަރަޙައްދުން 45 މިނެޓުން ސީޕްލޭންގައި ދަތުރުކުރެވޭ ހިސާބުތަކުގެ ބިމު ކުއްޔަށް ބަދަލެއް ނާންނާނެ ކަމަށެވެ.

" ބަދަލު މިއަންނަނީ އުތުރާއި ދެކުނުގައި، މި ބަދަލުތަކުގެ ސަބަބުން އިންވެސްޓުކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ، ކުއްޔަށް ލުއި ލިއްބައިދޭއިރު، ރަށްރަށުގެ ތަންތަނުގެ ބިމުގެ ކުލި އަދި ޓޫރިސްޓު ރަށްރަށުން ކަނޑައަޅާ ކުއްޔަށްވުރެ 50 އިންސައްތަ ދަށްކުރާގޮތަށް ހުށަހަޅާފަމިއޮތީ،" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ބިމު ކުލީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހުމުން ރިސޯޓުތައް ތަރައްޤީކުރުމަށްވެސް ބައެއް ފަރާތަކަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މިހާރުވެސް ރިސޯޓު ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 85 ރަށެއް ތަރައްޤީ ނުކުރެވި އެބައޮތެވެ.

އެހެންކަމުން ޓޫރިޒަމާއިބެހޭ ޤާނޫނަށް ގެންނަ އިޞްލާޙު ތަކާއި އެކު މިރަށްތައް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

މަޖިލީހަށް ހުށައަޅާފައިވާ އެ ބިލުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ ލާމަރުކަޒީ އުސޫލުން ލޯކަލް ކައުންސިލްތައް ފަތުރުވެރިކަމުގައި ހިއްސާވެ ބައިވެރި ކުުރުމަށެވެ. އެގޮތުން ރަށްރަށުން ލޭންޑް ޔޫސްޕްލޭނުގައި ހިމަނައިގެން ފަތުރުވެރިކަމަށް ބިން ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

" މިއީ ވަރަށް ބޮޑު ކުރިއެރުމެއް، ކައުންސިލްތަކުގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑު ޒިންމާއެއް ވަރަށް ބޮޑު ބާރަކާއި އެކު މިލިބެނީ." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ޔޮޓުތައް އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ޔޮޓުތައް އެންމެ ގިނަ އަދަދަކަށް ބަނދަރުކުރާ އެއް ރަށަކީ ހއ. އުލިގަމެވެ. ރާއްޖެއަށް އަންނަ ޔޮޓުތައް އިތުރުކޮށް މިކަމުންވެސް އަތޮޅުތެރޭގެ ރައްޔިތުންނަށް ރަނގަޅު ނަފާއެއް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށް ސަރުކާރުން މިވަނީ ކުދި ޔޮޓްތަކުން ނަގާ ފީ ކަނޑާލުމަށް ހުށަހަޅާފައެވެ. އަދި މިއާއިއެކު ރާއްޖެއަށް އަންނަ 15 މީޓަރަށްވުރެ ކުދި ޔޮޓުތަކުން ފީއެއް ނުނަގާނެ ކަމަށް މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

މީގެއިތުރުން ޓޫރިޒަމްގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިިވާ އިޞްލާހުތަކުގެ ތެރޭގައި ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ވަނީ ހިމަނާފައެވެ. އަދި ގެސްޓް ހައުސް ފަދަ ތަންތަނުން ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިން ވިއްކައިގެންވެސް ޢާމްދަނީ އިތުރުކުރުމަށް ވަނީ ހިމަނާފައެވެ.

ސަރުކާރުގެ އަމާޒަކީ މިގެންނަ ބަދަލުތަކާއި އެކު ދިވެހިންނަށް ފަތުރުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމެވެ. އުތުރާއި ދެކުނުގައި ގިނަ އެއަރޕޯޓްތައް ތަރައްޤީވެގެންދާއިރު، ފަތުުުރުވެރިކަން އެއާއި އެއްވަރަށް ތަރައްޤީވެގެން ދިޔުން މުޙިއްމެވެ. މިގެނެވޭ ބަދަލުތަކާއި އެކު އެކަން ހާސިލްވެގެންދާނެކަމުގެ އުއްމީދުވެސް ބޮޑެވެ.