ޚަބަރު

ޑރ. މަނިކު އަވަހާރަވެއްޖެ


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުނި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ޑައިރެކްޓަރު އަދި ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު، ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވެފައިވަނީ ރޭ ފަތިހު، ސިންގަޕޫރުގައެވެ.

އުމުރުން 68 އަހަރުގެ ޑރ.މަނިކު އަވަހާރަވީ ދާދިފަހުން ކުރިމަތިވެވަޑައިގެންނެވި އާލާސްކަންފުޅަކާއި ގުޅިގެން އައިސީޔޫގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދުމަށްފަހު ގެއަށް ބަދަލުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކަމަށް ޚަބަރު ލިބެއެވެ. އަދި އަވަހާރަވީ އޭގެ ފަހުން ހާލުކޮޅު ގޯސްވުމާއި ގުޅިގެން ސިންގަޕޫރުގެ އެލިޒަބަތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް ޚަބަރު ލިބެއެވެ.

ޑރ.އިބްރާހިމް އުމަރު މަނިކަކީ ގިނަ ދުވަސްތަކެއް ވަންދެން ސެންޓްރަލް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ޔުނިވާސަލް ކުންފުނީގެ ޑައިރެކްޓަރެއްގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވުމުގެ އިތުރުން ޑރ. މަނިކަކީ ރާއްޖޭގެ ކޮކާ ކޯލާ ކުންފުނީގެ ވެރިޔާ ވެސް މެއެވެ. ޑރ.މަނިކަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ކޮއްކޯފުޅެވެ.

އަވަހާރަވި އިރު ޑރ.މަނިކުގެ ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވެ. އަނބިކަނބަލުންނަކީ ޖަރުމަނު ވިލާތުގެ ބޭފުޅެކެވެ.