ޚަބަރު

ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމަކީ ދޫދެވޭނެ ކަމެއްނޫން: ޕީޖީ


ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާންތެރިވުމުގެ މައްސަލަތަކަކީ ދޫދެވޭނެ މައްސަލަތަކެއް ނޫންކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި އޭސީސީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ވިދާޅުވީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި އެއްވެސް ފަސްޖެހުމެއް ނެތި ދައުވާ ކުރައްވާނެކަމަށެވެ.

އޭސީސީގެ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙު ކޮށްދެއްވައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ކަމެއް ހާސިލްވާނީ އެކަމެއް ކުރުމަށް ހަރުދަނާ ރަނގަޅު އެކްޝަން ޕްލޭނެއް އެކުލަވާލެވި އެއާއި އެއްގޮތަށް މަސައްކަތް ކުރެވިގެންކަމަށެވެ. މިއަދު އޭސީސީން މި އިފްތިތާހު ކުރި ޕްލޭނަކީ ހަރުދަނާ ގޮތެއްގައި މައްސަލަތައް ތަހުގީގު ކުރެވި ވަކި ޕްލޭނެއްގެ ތެރެއިން މަސައްކަތް ކުރުމަށް އެކުލަވާލެވިގެން ދިޔަ ޕްލޭނެއްކަމަށް ޕީޖީ ވިދާޅުވިއެވެ.

އޭސީސީ އާއި ޕީޖީއަކީ ރައްޔިތުންނާއި ގުޅުންހުރި އެންމެ މަތީ މަސްލަހަތު ހިމެނޭ ކޮރަޕްޝަނާއި، ފަސާދައިގެ އަމަލުތަކަށް އިންސާފު ހޯދަން ގާއިމްވެފައިވާ ދެ މުއައްސަސާ ކަމަށެވެ. ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ސާބިތު ކުރެވޭ ވަރަށް ހެއްކާއިކު ފޮނުވައިފިނަމަ 10 ދުވަހުގެ ތެރޭގައި ދައުވާ ކުރުމަށް ހުށަހަޅާނެކަމަށް ޕީޖީ ވިދާޅުވިއެވެ.

"ރައްޔިތުންގެ އެންމެ މަތީ މަސްލަހު ހިމެނޭ މައްސަލަތަކަކީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް. ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވުމަކީ ދޫދެވޭނެ މައްސަލައެއްނޫން. މިފަދަ މައްސަލަތަކުގައި ހެއްކާއިއެކު ހުށަހަޅައިފިނަމަ އަޅުގަނޑުމެން 10 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ފޮނުވާނަން. މިކަމަކީ ރައްޔިތުންގެ މަސްލަހަތު އޮތް މައްސަލަތަކަށްވުމުން މިކަންކަން އަޅުގަނޑުމެންނަށް ދޫނުކުރެވޭނެ" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ އޭސީސީ އާއި ޕީޖީއަކީ އެއް އަމާޒަކަށް މަސައްކަތް ކުރާ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިފަހައްޓާ ދެމުއައްސަސާއަށްވާއިރު، މިހާރުވެސް މައްސަލަތަކުގައި ހޭދަވާ ދުވަސްތައް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް އިންތިޒާމުތައް ބައްޓަން ކުރަންޖެހޭކަމަށެވެ.

ރައްޔިތުންގެ މާލިއްޔާއިން ގެއްލިފައިވާ ފައިސާއާއި އެފައިސާއަށް ވީގޮތެއް އެނގުމަކީ ރައްޔިތުން އެންމެ ބޮޑަށް އުންމީދު ކުރަމުންދާ ކަންކަމަށްވާއިރު މިމައްސަލަތައް އަވަސްވުމަކީ އަދުލު އިންސާފު ގާއިމްކުރުމަށާއި، ރައްޔިތުންގެ އިތުބާރުވެސް މުއައްސަސާތަކުގެ މައްޗަށް ލިބިގެންދާނެކަމެއްކމަށް ޕީޖީ ވިދާޅުވިއެވެ. އަދި މިއަދު މިއެކުލަވާލެވުނު އެކްޝަން ޕްލައިނާއިއެކު މިމަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޕީޖީ ވިދާޅުވިއެވެ.