ޚަބަރު

އެމެރިކާއާއިއެކު ކުރިން އޮތް ގުޅުން އިޢާދަކުރުމުގެ ފުރުޞަތު އެބައޮތް: ރޫޙާނީ


އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ދައުރުގެ ކުރިން އެމެރިކާއާއި އީރާނާއި ދެމެދުގައި އޮތް ގުޅުން އަލުން އަނބުރާ ރުޖޫޢަކުރެވޭނެކަމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެރިކަމުގެ އިތުރު ދަޢުރަކަށް ކުރިމަތިލެއްވި ރައީސް ޓްރަންޕުގެ މައްޗަށް އިދިކޮޅު ކެނޑިޑޭޓު ޖޯ ބައިޑަންވަނީ ކުރި ހޯއްދަވާފައެވެ. އެއާއިއެކު 2021ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި ވެރިކަން ބަދަލުވުމުން އެމެރިކާއާއިއެކު ޤައުމުތަކުން އޮންނަ ގުޅުމަށް ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.

ވަޒީރުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ރޫޙާނީ ވިދާޅުވީ އެމެރިކާގެ އިންތިޚާބީ ރައީސް، ޖޯ ބައިޑަންގެ ސިޔާސީ ހިތްވަރެއް ހުންނެވިނަމަ އީރާނާއި އެމެރިކާއާއިދެމެދު އޮންނަ ގުޅުން ވަރަށް ތަފާތުވާނެކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނާނެ ގުޅުމާއިމެދު ގޮތެއް ނިންމާނީ އެ ޤައުމަކުންކަމަށާއި 2017ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރިން އޮތް ގުޅުމަށް ރުޖޫޢަ ވެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް ކަންތައްތައްވެއްޖެނަމަ ގިނަ މައްސަލަތަކަކަށް ޙައްލު ލިބިގެންދާނެކަމަށާއި ބޮޑެތި ބަދަލުތައް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރޫޙާނީވަނީ ރައީސްކަމާއި ބައިޑަން ޙަވާލުވެވަޑައިގަތުމަށްފަހު އައުމަށް އެދޭ ބަދަލުތަކާއިގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ފުރަތަމަ ކަމެއްގެ ގޮތުން ރައީސް ޓްރަންޕު އީރާނާއި ދެކޮޅަށް ގެންގުޅުއްވި ސިޔާސަތުތައް ބައިޑަން ކުށްވެރިކުރައްވާނެކަމަށް އެދޭކަމަށް ރޫޙާނީ ވިދާޅުވިއެވެ. އީރާނާއި ދެކޮޅަށް ރައީސް ޓްރަންޕު ގެންގުޅުއްވާ ސިޔާސަތުތަކަކީ އިންސާނީ ހައްޤުތަކާއި ޚިލާފު ނިރުބަވެރިކަމަށް ތަންދޭ ސިޔާސަތުތަކެއްގެ ގޮތުގައި ރޫޙާނީ ސިފަކުރެއްވިއެވެ. ބައިޑަންގެ ސަރުކާރުން، ރައީސް ޓްރަންޕުގެ ރަނގަޅުނޫން ސިޔާސަތުތަކުގެ ބަދަލުގައި މަސައްކަތްކުރަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ އިތުރު ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.

ރޫޙާނީ ވިދާޅުވީ އީރާނުގެ ސިޔާސަތުތައް އަބަދުވެސް ސާފުވާނެކަމަށާއި ގުޅުން ރަނގަޅުކުރުމަށް އަޅާއި ކޮންމެ ފިޔަވަޅަކަށް އީރާނުންވެސް ކުރިއަށް ފިޔަވަޅެއް އަޅާނެކަމަށެވެ.
ދުނިޔޭގެ ބާރުތަކާއިއެކު 2015ވަނަ އަހަރު އީރާނުންވީ ނިއުކުލިއާ އެއްބަސްވުން، ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) މުއާހަދާގެ ދަށުން އީރާނުގެ ނިއުކުލިއާ ޙަރަކާތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށްވަނީ ނިންމާފައެވެ. ނަމަވެސް ނިއުކުލިއާ އެއްބަސްވުމުގައި ބައިވެރިވެފައިވާ އެމެރިކާއިންވަނީ 2018ވަނަ އަހަރުގެ މެއި މަހުގައި އެ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑު ޓްރަންޕުގެ ސަރުކާރުންވަނީ ނިއުކުލިއާ އެއްބަސްވުން ރޫޅާލުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އީރާނުގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުންދާ މި ދަނޑުވަޅުގައި އެމެރިކާއިން އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ފާއިތުވި ދުވަސްތަކުގައިވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. އީރާނުންވަނީ އެމެރިކާއިން އަޅާފައިވާ ދަތުކުރުމުގެ ފިޔަވަޅުތަކާއި ކުރިމަތިކުރަމުންދާ ފިއްތުންތަކަކީ އިޤްތިޞާދީ އަދި ސިއްޙީ ނިރުބަވެރިކަންކަމަށް ތުޚުމަތުކޮށް ކުރިއަށް އޮތްތަނުގައި އެމެރިކާގެ ވެރިކަމާއި ޙަވާލުވާ ސަރުކާރަކުން އޭގެ ބަދަލުދޭން ޖެހޭނެކަމަށް މީގެ ބުނެފައެވެ.

ރައީސް ރޫޙާނީ ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބު ރައީސް ޓްރަންޕަށް ނާކާމިޔާބުވުމަކީ އީރާނާއި ދެކޮޅަށް ކުރަމުންދާ 'އިޤްތިޞާދީ ހަނގުރާމަ' އީރާނަށް ކާމިޔާބުވެފައިވާކަމުގެ ނިޝާނެއްކަމަށެވެ. ރައީސް ޓްރަންޕަކީ އެމެރިކާގެ ތާރީޚުގައިވެސް މިނިވަން ދަޢުލަތްތަކާއި ދެކޮޅަށް އެންމެ ބޮޑެތި ކުށްތައް ކޮށްފައިވާ ފަރާތްކަމަށާއި، ފަލަސްޠީނާއި އީރާނާއިމެދު އެމެރިކާއިން ޢަމަލުކޮށްފައިވަނީ ވަރަށް އިހާނެތިކޮށްކަމަށެވެ. އިންތިޚާބުގައި ޓްރަންޕު ނާކާމިޔާބުވުމާއިއެކު 'ޓްރަންޕިސަމް' ގެ ދުވަސްވަރު ނިނުމަކަށް އައީކަމަށް ރޫޙާނީ ވިދާޅުވިއެވެ.