ޚަބަރު

ނޮދަން އަޔަލޭންޑު ސަރަޙައްދީ ރޮނގުގައި ފާރަވެރިން ތިބުމަށް ނޭދެން: ބައިޑަން


އިނގިރޭސިވިލާތާއި އަޔަލޭންޑާއި ދެމެދުގައި ފާރަވެރިން ޙަރަކާތްތެރިވާ ސަރަޙައްދީ ރޮނގެއް އޮތުމަށް ނޭދޭކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބްރެކްސިޓުގެ ދަށުން އިންގިރޭސިވިލާތުގެ ބޮޑުވަޒީރު ޖޮންސަންދަނީ ވިލާތުގެ އިއްތިޙާދާއިއެކު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަސައްކަތްކުރައްވަމުންނެވެ. ނަމަވެސް އެއްބެސްވުމެއް ނެތި ވިލާތުގެ އިއްތިޙާދު ދޫކޮށް ބްރެކްސިޓުން ވަކިވުމަކީވެސް ގޯސްގޮތެއް ނޫންކަމަށް އޭނާ ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެއްބަސްވުމެއްނެތި އިނގިރެށިވިލާތުން ވިލާތުގެ އިއްތިޙާދުން ވަކިވެއްޖެނަމަ ވިލާތާއިއެކު އިނގިރޭސިވިލާތުން ޙިއްޞާކުރާ ހަމައެކަނި އެއްގަމުގެ ސަރަޙައްދީ ރޮނގުކަމުގައިވާ ނޯދަން އައިރިޝް ބޯޑަރުގެ މައްސަލަ އިތުރަށް ނާޒުކުވާނެކަމަށް ބެލެވެއެވެ.

ޑެލަވެއާ ސްޓޭޓުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ އިނގިރޭސިވިލާތާއި އަޔަލޭންޑާއި ދެ ޤައުމުގެ ބޮޑުވަޒީރުން ހިމެނޭގޮތަށް ވިލާތުގެ ލީޑަރުންނާއި މީގެ ކުރިންވެސް އެކަމާއިގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމެއްކަމަށެވެ. ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިން ޖޮންސަނާއި ފޯނު މެދުވެރިކޮށް ވާހަދަކައްވަމުން ބައިޑަންވަނީ ވިލާތުގެ އިއްތިޙާދުން އިންގިރޭސިވިލާތް ވަކިވުމުގައި ނޯދަން އަޔަލެންޑުގެ ޞުލްޙައިގެ އެއްބަސްވުން ރައްކާތެރިކުރަންވާނެކަމަށް ބޮޑުވަޒީރު ޖޮންސަންގެ އަރިހުގައި ދަންނަވާފައެވެ.

ނޫސްވެރިންނާއި ބްރެކްސިޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ފާރަވެރިންތިބޭ ސަރަޙައްދީ ރޮނގެއް އިނގިރޭސިވިތާއި އަޔަލޭންޑާއި ދެމެދުގައި އޮތުމަށް ބޭނުންނުވާކަމަށެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގައި 1998ވަނަ އަހަރުގެ 'ގުޑް ފްރައިޑޭ' ޞުލްޙައިގެ އެއްބަސްވުމަށް ޢަމަލުކުރުމުގައި ދެމިތިބެންޖެހޭނެކަމަށާއި އެގޮތަށް ޢަމަލުނުކޮށްފިނަމަ އެމެރިކާއާއިއެކު ވިޔަފާރީގެ ވަކި އެއްބަސްވުމެއް ޤާއިމް ނުކުރެވޭނެކަމަށް ބައިޑަން ވިދާޅުވިއެވެ.