ޚަބަރު

ޑިސެމްބަރު 15ގެ ކުރިން އިންތިޚާބު ބާއްވަން ހުއްދަ ނުލިބިއްޖެނަމަ ނުބޭއްވޭނެ - ޝަރީފް


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ ޑިސެމްބަރު މަހުގެ 15 ގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)އިން ނުދީފިނަމަ އިންތިޚާބު ނުބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްހައި ހިނދަކު އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންދެވޭނެކަން ފާހަގަކުރައްވާފައެވެ. ޝަރީފް ވިދާޅުވީ ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތަށް ބަލައި އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމުގެ ހުއްދަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުގެ ކުރިން އެޗްޕީއޭއިން އެކޮމިޝަނަށް ދޭންވާނެކަމަށާއި، އޭގެ ފަހުން އެހުއްދަ ދީފިނަމަ އިންތިޚާބު ކުރިއަށް ނުގެންދެވޭނެކަމަށެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ކުރިން ބޭއްވުމަށް ތާވަލުކުރި ކައުންސިލްތަކުގެ އިންތިޚާބު ކޯވިޑް-19އާ ގުޅިގެން އިޢުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ވަނީ ފަސްކޮށްފައެވެ. އަދި ކައުންސިލް އިންތިޚާބާއި ގުޅޭ ވަގުތީ ޤާނޫނެއް ފާސްކޮށް ރައީސް ތަސްދީގުކުރައްވާފައިވާއިރު، އެޤާނޫނު ބުނާގޮތުން މެއި މަހުގެ 10ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ.

ނަމަވެސް އެދުވަސްވަރަކީ އަންނަ އަހަރުގެ ރަމަޟާން މަހާއި ދިމާވާ ދުވަސްތަކެއްކަމުން އިލެކްޝަނަސް ކޮމިޝަނުން ވަނީ އޭގެ ކުރިން އިންތިޚާބު ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މާރިޗް 6 ގައި އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރައްވާކަމަށް ޝަރީފް ކުރިން ވިދާޅުވެފައިވެއެވެ.

މިއަދުގެ ކޮމިޓީގައި ޝަރީފް ވިދާޅުވީ، ޤާނޫނުގައި އެކޮމިޝަނުން ކުރުން ލާޒިމްކޮށްފައިވާ ތާރީޚުތަކެއް ހުންނަކަމަށާއި، އެގޮތުން ވޯޓާސް ލިސްޓް ޢާންމު ކުރުމާއި، ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ފުރުޞާތު ހުޅުވާލުންފަދަ ގިނަ ކަންކަން ފުރިހަމަކުރަންޖެހޭކަމަށެވެ.

"6 މަރޗުގައި އިންތިހާބު ބާއްވާނަމަ 3 ޖެނުއަރީގައި ރަޖިސްޓްރިއާއި ޝަކުވާ ހުށައެޅުމަށް އިުލާންކުރަން. ކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް އަލުން ހުޅުވާލާނަމަ އިންތިހާބު އޮންނަ ދުވަހުގެ ކުރިއަށް 67 ދުވަސް ބޭނުންވާނެ އިނގޭތޯ. ތާރީޚުތައް ކަނޑައޅާފަ އެތާރީހުތަކަކީކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުަމށް ގާނުނުގައި އެބަބުނޭ މަދުވެގެން 14 ދުވަސް ދޭންވާނެކަމަށް." ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކޯވިޑް-19 ގެ މިޙާލަތުގައިވެސް އިލެކްޝަނުން މަސައްކަތް ކުރަމުންދަނީ އިންތިޚާބް ބާއްވާނެ ވަކި ތާރީހެއް ކަނޑައަޅައި އެދުވަހަށް ތައްޔާރުވުމަށްކަމަށެވެ.

އަންނަ އަހަރުގެ މާރޗް 6ވަނަ ދުވަހު އިންތިޚާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން 49 ކެނޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. މިހާތަނަށް ޕާޓީތަކުން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ޕާޓީގެ 16 ކެންޑިޑޭޓަކު، ޕީޕީއެމުން ކުރިމަތިލި7 ކެންޑިޑޭޓަކު އަދި ޖޭޕީގެ 6 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި 20 ކެންޑިޑޭޓަކު ވެސް، ވަނީ ނަން ނަގާފައެވެ.