ޚަބަރު

އޮލިމްޕިކް ސްޓޭޑިއަމްގެ ފްރޭމްވަރކްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދަ އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމްގެ ފްރޭމްވާރކްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދަ އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމްގެ ފްރޭމްވޯކް އެއްބަސްވުމަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއާއި ޗައިނާގެ މެޝިނަރީ އިންޖިނިއަރިންއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫގެވެ. އަދި ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ރިޕްރެޒެންޓޭޓިވް މިސްޓަރ ލިއު ޖައިއޯޑާއެވެ.

ދަ އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމްގެ ފްރޭމްވާރކްގެ އެއްބަސްވުމަކީ ޕްރޮޖެކްޓް ފީސިބިލިޓީ އަދި ޑިޒައިންގެ އިތުރުން ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ޗައިނާގެ މެޝިނަރީ އިންޖިނިއަރިންއާއެކު ކުރެވޭ ފްރޭމްވޯކް އެގްރީމެންޓްއެކެވެ. މިއީ 2023ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި އަޅާ އިންޓަރނޭޝަނަލް ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމެއް ތަަރައްގީކުރުމަށް ކުރަމުންގެންދާ މަސައްކަތެކެވެ.

މިސްޓޭޑިއަމްގައި 20،000މީހުންގެ ޖާގައިގެ ސީޓިން ކެޕޭސިޓީއާއި ސިންތެޓިކް ރޭސް ޓްރެކަކާއި ފުޓްބޯޅަ ދަނޑާއި އެހެނިހެން ކުޅިވަރު ޙަރަކާތްތަށް ބޭއްވުމަށް ޚާއްސަޖާގައެއް ހިމަނާފައިވެއެވެ. ދިވެހި ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަމުން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ މިސްޓޭޑިއަމް އެޅުމާއެކު ދިވެހި ރާއްޖޭގެ ރައްޔިތުންނަށާއި ދިވެި ކުޅުންތެރިންނަށް ވަރަށް ގިނަ ގޮތް ގޮތުން ފައިދާ ކުރާނެކަމަށާއި މިކަމުގެ ސަބަބުންވެސް ޗައިނާއާއި ދިވެހިރާއްޖެގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ރާއްޖެއަށް އެހީވުމުގައި ދެމިތިބޭނަން. ރާއްޖެއަށް އެހީވުމަށް ޗައިނާއިން މިހާރުވެސް ވަރަށް ގިނަ ޕްލޭންތަށް އެބަކުރަން. މީގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިންވެސް ހިމެނޭ. ކުޅިވަރުގެ އެތްލީޓުންނަށް ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވެސް ޗައިނާއިން މިހާރު ދަނީ މަޝްވަރާ ކުރަމުން. މިޕްރޮގްރާމްތަށް ކުރިއަށްގެންދާނީ ޗައިނާގަ. މިކަންވަނީ ރާއްޖޭގެ އެތްލީޓުންނަށް ވަރަށް ތަފާތުކަމަކަށް. މިތަމްރީން ޕްރޮގްރާމްތަށް މިހާރު ލަސްވެގެން މިދަނީ ކޮވިޑް-19ގެ ސަބަބުން. މިހާލަތު ރަގަނޅު ވީހާއައި އަވަހަކަށް މިޕްރޮގްރާމްތަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައި." ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވިއެވެ.

ޗައިނާ ސަފީރު ވިދާޅުވީ ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައިވެސް ރާއްޖޭއާއި ޗައިނާއާއި ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއްކަމަށާއި ދިވެހިރާއްޖެއަށް އެހީވުމަށް އަބަދުވެސް ޗައިނާ އޮންނާނީ ތައްޔާރަށްކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަމުން ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް ވިދާޅުވީ މިއަދު މިއެއްބަސްވުމުގައި ސޮއިކުރެވުނީ މީގެ ކުރިން ޔޫތް މިނިސްޓްރީން ކުރި ބުރަ މަސައްކަތުގެ ސަބަބުންކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުން ލަސްވެގެންދިޔައީވެސް ކޮވިޑް-19ގެ ސަބަބުންކަމަށެވެ. މިޕްރޭމްވޯކް އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ޕްލޭނިން އާއި ޗައިނާގެ މެޝިނަރީ އިންޖިނިއަރިންއަށް 6 މަސް ދުވަހުގެ މުއްދަތެއް އެގްރީމެންޓް ހެދުމުގެ ލިބިގެންދާނެކަމަށާއި އަދި އެކަމަށް ފައިސާ ހޯދުމަށްވެސް މި 6 މަސްދުވަސް ލިބިގެންދާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޤަބޫލް ކުރެވެނީ އެގްރީމެންޓާ ހަމައަށް އާދެވެންވާއިރަށް، ކޮންމެވެސް ވަރެއްގެ ލޯނެއް މިކަމަށް ޗައިނާ ހަމަޖެހިގެންދާނެކަމަށް ގަބޫލް ކުރެވޭ. މިއީ އަލޫގަނޑުމެންގެ އަމާޒްއަކީ. އަދި މިއަންނަ އަހަރުގެ ތެރޭގައި އޮލިމްޕިކް ސްޓޭޑިއަމްގެ މަސައްކަތް ފެށޭވާރުވާނެކަމަށް ގަބޫލް ކުރެވޭ. ސީއެމްއީސީއަކީ ރާއްޖެއަށް ބީ ރައްޓެހި ކުންފުންޏެއް ނޫން. އެހެންވީމަ މިމަސައްކަތްވެސް ކުރިން އެކުންފުނިން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްތަކެކޭ އެއްގޮތަށް ވަރަށް ފުރިހަމައަށް ނިންމާލެވޭނެކަމަށް އުއްމީދު ކުރެވޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖެއަށް ޗައިނާގެ ޓުއަރިސްޓުން ކުރިއެކޭ އެއްގޮތަށް އައުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދާނެ ވަރަށްބޮޑު ބޫސްޓެއްކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްޢޫގައި ޗައިނާއަކީ ވަރަށް ގާތް ގައުމެއްކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ޗައިނާގެ މެޝިނަރީ އިންޖިނިއަރިންއިން ރާއްޖޭގައި މަސައްކަތް ކުރަން ފަށާފައިވަނީ 2009ވަނަ އަހަރުގައެވެ. އޭގެ ފަށުން އެކުންފުނިންވަނީ ގިނަ ހައުސިން މަޝްޢޫތަކެެއް ހިންގާފައެވެ. އަދި މިހާރުވެސް އެކުފުނީގެ ފަރާތުން ހުޅުމާލޭގައި ހައުސިން މަޝްޢޫތަކެއް ހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ.