އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވައި އަނިޔާތައް ނުލިބޭ ފަދަ މާހައުލެއް އަންހެނުންނަށް ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައިފިއެވެ.
އަންހެން ކުދިންނަށާއި، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާޞަބަތުގައި 16 ދުވަހުގެ ކެމްޕޭނެއް ހިންގުމަށް ނިންމާފައިވާކަން ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންނަށް އަނިޔާ ނުލިބޭނެ މުޖުތަމަޢުއެއް ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރުކުރުމަށް ގޮވާލައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ މަހުގެ 25ވަނަ ދުވަސް ފާހަގަކުރަނީ އަންހެނުންނަށާއި، އަންހެންކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. އަދި މިދުވަހާ ގުޅުވައިގެން "އޮރެންޖް ދަ ވޯލްޑް" މި ތީމުގެ ދަށުން އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެގޮތުން، 16 ދުވަހުގެ ޚާއްސަ ކެމްޕޭނެއް ކުރިއަށްގެންދެއެވެ.
މިއަހަރުގެ ކެމްޕޭންގެ ޝިއާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ "އޮރެންޖް ދަ ވޯލްޑް : ފަންޑު، ރެސްޕޯންޑް، ޕްރިވެންޓް، ކަލެކްޓް"އެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރގައި ގެވެށި އަނިޔާގެ 179 މައްސަލަ ހުށައަޅާފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި ގެވެށި އަނިޔާ 242 މީހަކަށް ލިބިފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައެވެ. މީގެތެރޭގައި 182 އަންހެނުން ހިމެނެއެވެ.