ކުޅިވަރު

މޮރާޓާ ކާމިޔާބުކުރި ގޯލުން މޮޅުވެ ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް


މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި މޮރާޓާ ކާމިޔާބުކުރި ގޯލުން މޮޅުވެ ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާއި ހަންގޭރީ ފެރެންޝްވަރޯސްއާއި ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ދޭއް އެކަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ހަންގޭރީގެ ޗެމްޕިއަން ފެރެންޝްވަރޯސްއިންނެވެ. މިރްތޯ އުޒޫނީގެ ގޯލުން އެޓީމަށް ކުރީގައި އޮވެވެނުނީ 15 މިނެޓު ވަންދެނެވެ. ކްރީސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، ޔުވެންޓަސް މި މެޗުން މޮޅުވީ އިތުރުވަގުތުގެ ތެރޭގައި އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ގޯލަކީ އޭނާގެ ކެރިއަރުގައި ޖެހި 749ވަނަ ގޯލެވެ.

އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ދެވަނަ ބުރުން ޖާގަ ހޯދި ނަމަވެސް އެޓީމް އޮތީ ގްރޫޕް ޖީގެ ދެވަނައިގައެވެ. ބާކީ ދެ މެޗު ކޮންމެ ޓީމަކަށް އޮތްއިރު، މި ގްރޫޕްގެ އެއްވަނަ ކަނޑައަޅާނެ މެޗަކީ ބާސެލޯނާއާއި ޔުވެންޓަސް ޑިސެމްބަރު މަހު ކުޅޭ ގްރޫޕްގެ ފަހު މެޗުންނެވެ.