ކުޅިވަރު

ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގެ އެއްވަނަ މެންޗެސްޓަރ ޔުނައިޓެޑަށް


ތުރުކީގެ އިސްތަންބޫލް ބަސެކްޝެހީރް ބަލިކޮށް ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގެ އެއްވަނައިގައި މެންޗެސްޓަރ ޔުނައިޓެޑުން ލީޑް ދަމަހައްޓައިފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކުރީ ހަތަރެއް އެކަކުންނެވެ. މި މެޗުގައި ފުރަތަމަ ދެ ގޯލް ޔުނައިޓެޑަށް ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. އޭގެ ފަހުން ހެޓްރިކް ހަދަންވެސް އޭނާއަށް ފުރުސަތު ލިބުނު ނަމަވެސް އެޓީމަށް ލިބުނު ޕެނަލްޓީ ޖަހަން ފެނާންޑޭޒް ފުރުސަތުދިނީ ފޯވާޑް މާކަސް ރަޝްފޯޑަށެވެ. ޔުނައިޓެޑުގެ ފަހު ގޯލް ޖަހައިދިނީ ޑެނިއެލް ޖޭމްސްއެވެ.

މި ނަތީޖާއާއިއެކު ޔުނައިޓެޑު އޮތީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނައިގައިއެވެ. އެޓީމަށް މި ގްރޫޕުގައި ކުރިއަށް އޮތީ، ވަރުގަދަ ޕީއެސްޖީއާއި ދެކޮޅަށް ނިކުންނަ މެޗެވެ.