ދުނިޔޭގެ ވިޔަފާރި

އެލަން މަސްކް ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާއަށްވެއްޖެ


މައިކްރޯސޮފްޓްގެ ކޯ-ފައުންޑަރ ބިލްގޭޓްސް ފަހަތަށް ޖައްސާލައި، އިލެކްޓްރިކް ކާރު އުފައްދާ މަޝްހޫރު ކުންފުނި، ޓެސްލާގެ ފައުންޑަރ އެލަން މަސްކް ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ މަޤާމު ހޯދައިފިއެވެ.

އެލަން މަސްކްގެ މުއްސަނދިކަން އިތުރުވެފައި މިވަނީ މިއަހަރުގެ ތެރޭގައި އިލެކްޓްރިކް ކާރު އުފައްދާ މަޝްހޫރު ކުންފުނި، ޓެސްލާގެ ފައިދާ ރިކޯޑް މިންވަރަކަށް އިތުރުވުމާއި ގުޅިގެންނެވެ.

އިއާދަކުރަނިވި ހަކަތަ އާއި އިލެކްޓްރިކް ވެހިކަލް އުފައްދާ ޕަބްލިކް ކުންފުންޏެއްކަމަށްވާ ޓެސްލާގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް ތިންވަނަ ކުއާޓާގެ އާމްދަނީގެ ރިޕޯޓް އާންމުކޮށްފައިވާއިރު އެކުންފުންޏަށް މި ކުއާޓާގައި 874 މިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓާގައި ކުންފުންޏަށް ލިބުނު ފައިދާ އާއި އަޅާކިޔާއިރު 156 އިންސައްތަ އިތުރު އަދަދެއްކަމުގައިވާއިރު ދެ ވަނަ ކުއާޓާ އާއި އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. އަދި މީގެ އިތުރުން ތިންވަނަ ކުއާޓާގައި ޓެސްލާއަށް ފައިދާގެ ގޮތުގައި ލިބިފައިވާ އާމްދަނީއަކީ، މިއަހަރު ކުރީ ކޮޅު ތަޖުރިބާކާރުން ޓެސްލާއަށް ފައިދާވާނެކަމަށް ލަފާކޮށްފައިވާ 593 މިލިއަން ޑޮލަރަށްވުރެ 281 މިލިއަން އިތުރު އަދަދެކެވެ. ޓެސްލާގެ ތިންވަނަ ކުއާޓާގެ ކާމިޔާބު އާމްދަނީގެ ރިޕޯޓް އާންމުކުރުމާއެކު އެ ކުންފުނީގެ ސްޓޮކްވެސް ވަނީ ރިކޯޑް މިންވަރަކަށް އިތުރުވެފައެވެ.

ޓެސްލާގެ ވިޔަފާރި ރަނގަޅުވުމާއި ގުޅިގެން 49 އަހަރުގެ އެލަން މަސްކްގެ މިލްކިއްޔާތުގައި ވަނީ 7.2 ބިލިއަން ޑޮލަރުން 127.9 ބިލިއަނަށް އިތުރުވެފައެވެ. އެލަން މަސްކްގެ މިލްކިއްޔާތައް މިއަހަރު އެކަނިވެސް 100.3 ބިލިއަން ޑޮލަރު އިތުރުވެފައިވާއިރު، އޭނާ ވެގެންގޮސްފައި ވަނީ ބްލޫމްބާރގް އިންޑެކްސްގައި ހިމެނޭ ދުނިޔޭގެ އެންމެ މައްސަނދި 500 މީހުންގެ ތެރެއިންވެސް މިފަދަ ބޮޑު އާމްދަނީގެ ކުރިއެރުމެއް ހޯދި ހަމައެކަނި މީހާއަށެވެ.

މައިކްރޮސޮފްޓްގެ ކޯ-ފައުންޑަރ ބިލްގޭޓްސް ފަހަތަށް ޖައްސާލައި، އެލަން މަސްކް ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ މަޤާމު ހޯދާފައި ވާއިރު، 2017 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމު އަދިވެސް ދެމިއޮތީ އެމަޒޯން އިކްގް ފައުންޑަރ ޖެފް ބެޒޮސްގެ އަތުގައެވެ.

2017 ވަނަ އަހަރު ބިލްގޭޓްސްއަށްވުރެ ބޮޑު އާމްދަނީއެއް ހޯދާ ޖެފް ބެޒޮސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމު ހޯދާފައި ވާއިރު، މިހާރު ބިލް ގޭޓްސްގެ މިލްކިއްޔާތުގައި ވަނީ 127.7 ބިލިއަން ޑޮލަރުކަމަށް ބްލޫމްބާރގްއިން ހާމަކުރެއެވެ. ބިލްގޭޓްސްއަކީ އެހީބޭނުންވެފައިވާ މީހުންނަށް ޗެރިޓީއަށް ބޮޑު ޚަރަދެއް ކުރާ ފަރާތެއްކަމުން އޭނާގެ އާމްދަނީ އިތުރުވުން ދަށްވެފައިވާކަމަށް ބްލޫމްބާގްއިން މަޢުލޫމާތުދެއެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން ބިލްގޭޓްސް ވަނީ 27 ބިލިއަން ޑޮލަރު ޗެރިޓީއަށް ދީފައެވެ.

އެލްން މަސްކްގެ މުއްސަނދިކަން މިއަހަރު ރިކޯޑް މިވަރަކަށް އިތުރުވެފައިވާއިރު، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާގެ ބިލިޔަނަރުންގެ މުއްސަނދިކަން 29 އިންސައްތަ އިތުރުވެފައިވާކަމަށް އެ ޤައުމުގެ އިޤްދިޞާދު ދިރާސާކުރާ ތަޖުރިބާކާރުން ތައްޔާރުކުރި ރިޕޯޓަކުންވެސް ވަނީ ދައްކާފައެވެ. އެމެރިކާގެ އިޤްދިޞާދު ދިރާސާކުރާ ތަޖުރިބާކާރުންގެ ޓީމެއްކަމަށްވާ، ދަ އިންސްޓިޓިއުޓް ފޯރ ޕޮލިސީ ސްޓަޑީސްއިން ތައްޔާރުކުރި ރިޕޯޓްގައި ވަނީ އެ ޤައުމުގައި ބިލިއަނަރުގެ ގޮތުގައި ލިސްޓްކޮށްފައިވާ 643 ބިލިއަނަރުންގެ މުއްސަނދިކަން ދިރާސާކޮށްފައެވެ. މި ދިރާސާއިން ދައްކާގޮތުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާގެ ބިލިޔަނަރުންގެ މުއްސަނދިކަން އެވްރެޖްކޮށް 29 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން 18 މާޗުން ފެށިގެން މިފަރާތްތަކުގެ މިލްކިއްޔާތަށް 845 ބިލިއަން ޑޮލަރު އިތުރުވެފައިވާކަމަށް މި ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ. މި ރިޕޯޓްގައި ވަނީ މި މުއްދަތުގައި ބިލިއަނަރުންގެ ޖުމްލަ މުއްސަނދިކަން 2.95 ޓްރިލިއަނުން 3.8 ޓްރިލިއަނަށް އިތުރުވެފައިވާކަމަށް ބުނެފައެވެ. މިއީ މަހެއްގެ މައްޗަށް 141 ބިލިއަން ޑޮލަރެވެ. އަދި ދުވާލަކަށް 4.7 ބިލިއަން ޑޮލަރެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާގެ ބިލިޔަނަރުންގެ މުއްސަނދިކަން އިތުރުވުމާއި ގުޅިގެން، މި ޙާލަތުގައި ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ބިލިއަނަރުންގެ އަތުން ނަގާ ޓެކްސް އިތުރުކުރުމަށް އިދިކޮޅު ޑިމޮކްރެޓް ޕާޓީން ވަނީ ހުށަހަޅާފައެވެ. އެގޮތުން ޑިމޮކްރެޓިކް ޕާޓީގެ ދެ ސެނެޓަރުންކަމުގައިވާ ބާރނީ ސެންޑާސްއާއި އިލްހާން އޮމަރ ވަނީ މިކަން ތަންފީޒުކުރުމަށް "މޭކް ބިލިއަނަރސް ޕޭ އެކްޓް"ގެ ނަމުގައި ބިލެއް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެއަށް ހުށަހަޅާފައެވެ. މި ބިލްގައި ވަނީ 18 މާރޗުން ފެށިގެން މި އަހަރުގެ ނިޔަލަށް ބިލިއަނަރުންނަށް ލިބުނު އާމްދަނީގެ ފައިދާގެ 60 އިންސައްތަ ޓެކްސްގެ ގޮތުގައި ދެއްކުމަށް ވަނީ ހުށަހަޅާފައެވެ. ސެންޑަރސްމެންގެ މި ބިލް ފާސްވުމުން ޖެފް ބެޒޮސްއަށް ޓެކްސްގެ ގޮތުގައި 42.8 ބިލިއަން ޑޮލަރ ދައްކަން ޖެހޭއިރު، އެލަން މަސްކްއަށް 27.5 ބިލިއަން ޑޮލަރު ޓެކްސްގެ ގޮތުގައި ދައްކަންޖެހެއެވެ.