ތިމާވެށި

ފަރުތައް ހަލާކުކުރާ ކަށިބޯ ރާއްޖޭގައި ގިނަވަނީ - އެމްއާރުސީ


ރާއްޖޭގެ
ފަރުތަކުގައި މިދުވަސްވަރު ކަށިބޯ ގިނަވަމުންދާކަމުގެ ރިޕޯޓްތައް ލިބެމުންދާތީ
އެއްވެސް ފަރެއްގައި އާދަޔާ ޚިލާފަށް ކަށިބޯ ގިނަވެފައިވާކަން ފާހަގަކުރެވޭނަމަ
އެމަޢުލޫމާތު މެރިންރިސާޗް ސެންޓަރާ
ޙިއްސާކުރެއްވުމަށް އެސެންޓަރުން އިލްތިމާސްކޮށްފިއެވެ.



ކަށިބޮލަކީ
އޭގެ އާބާދީ މާބޮޑަށް އިތުރުވެއްޖެނަމަ މުރަކައިގެ ދިރުން ނެތިކޮށްލާ އެއްޗެކެވެ.
ސަބަބަކީ ކަށިބޮލުގެ ކާނާއަކީ މުރަކައިގެ ދިރުން ހުންނަބައިކަމަށްވާތީއެވެ.



މެރިން
ރިސާޗް ސެންޓަރުންބުނީ ކަށިބޯ ގިނަވަމުންދާކަމަށް އެންމެ ގިނައިން
ރިޕޯޓްކުރަމުންދަނީ ބައެއް ޑައިވް ޕޮއިންޓްތަކަށް ފީނާ ފަރާތްތަކުންކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގައި  ފަރުތަކުގެ
ރީތިކަން މުހިންމުރޯލެއް އަދާކުރާއިރު ޓުއަރިސްޓުން ގިނާ ފަރުތަކުގައި ކަށިބޮލުގެ
އާބާދީ މާބޮޑަށް އިތުރުވާން ފަށައިފިނަމަ މުރަކަތައް މަރުވެ ހުދުވެ ގާހުދުވުމުގެ
މައްސަލައާ ކުރިމަތި ލާންޖެހި ފަރުތަކުގެ ރީތިކަން ގެއްލޭގޮތްދިމާވެއެވެ.



މެރިން
ރިސާޗްސެންޓަރުންބުނީ ކަށިބޯ ގިނަވާން ފަށާފައިވާކަން އެންމެފުރަތަމަ
ފާހަގަކުރެވެންފެށީ މިއަހަރުގެ މެއި، ޖޫން ހިސާބުގައެވެ. އެގޮތުން މާލެއަތޮޅާ،
އަރިއޮޅުގެ ބައެއް ފަރުތަކުންނާއި، ޅ. އަތޮޅާ ގ.އ. އަތޮޅުންވެސް ކަށިބޯ އިތުރުވެގެން
ރިޕޯޓްކޮށްފައިވާކަމަށެވެ. މެރިންރިސާޗް ސެންޓަރުންބުނީ ކަށިބޯ އިތުރުވާނަމަ
ނައްތާލުމަށް އެންމެ ފަސޭހަގޮތަކީ ފީނައިގެން ކަށިބޯ ނަގައިގެން ނައްތާލުންކަމަށެވެ.



އެއްވެސް
ފަރެއްގައި ކަށިބޯ އިތުރުވަމުންދާނަމަ އެމަޢުލޫމާތު މެރިން ރިސާޗް ސެންޓަރުގެ
ވެބްސައިޓާއި ފޭސްބުކް ޕޭޖްގައި މިކަމަށްޓަކާ ޚާއްޞަކޮށްފައިވާ ފޯމު މެދުވެރިކޮށް އެސެންޓަރަށް
އަންގައިދިނުމަށް އެސެންޓަރުން އެދެއެވެ. މެރިން ރިސާޗް ސެންޓަރުން ބުނީ
ކަށިބޯއެއީ ސައިކަލްއެއް ގޮތަށް ކޮންމެ ފަނަރަ ނޫނީ ސަތާރަވަރަކަށް އަހަރުން
އާބާދީ އިތުވަމުންދާ އެއްޗެއްކަން ފާހަގަކުރެވިފައިވާކަމަށެވެ. ރާއްޖޭގައި
އެންމެފަހުން މިހާގިނައިން ކަށިބޯ އިތުރުވެގެން ފާހަގަކުރެވުނީ 1980 ގެ ފަހުކޮޅު
މާލެއަތޮޅު ހުޅަނގުބިތުގެ ބައެއް ފަރުތަކުގައިކަން މެރިން ރިސާޗް ސެންޓަރުން
ފާހަގަކުރެވެއެވެ.