ޚަބަރު

މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން އަލުން ވަގުތީ ބޯހިޔާވަހިކަން ދެނީ


ބިކަވެ ހާލުގައި ޖެހި މަގުތައްމަތީގައި ނިދައި ކައިބޮއެ ދިރިއުޅެމުންދާ މީހުންނަށް އަލުން ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދީ އެމީހުންނަށް ސަރުކާރުން އެހީވާނެ ކަމުގައި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލްސް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މަގުތައްމަތީގައި ނިދައިކައިބޮއެ ނިކަމެތިހާލުގައި ދިރިއުޅެމުންދާ މީހުންނާއި މެދު އާއްމު ފަރާތްތަކުން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެން، މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހާލުގައި ޖެހި ބިކަވެފައިވާ މީހުންނާއި އާއިލާތަކަށް އެހީވުމަށް އެންސްޕާ އާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ ކުރިންވެސް ކޯވިޑް-10 އާއި ގުޅިގެން ގުރޭޓާމާލެ ފުރަބަންދުކުރުމާއި ގުޅިގެން، މަގުމަތީގައި ދިރިއުޅެމުން ދިޔަ ފަރާތްތަކާއި، ބޯހިޔާވަހިކަމެއް ނެތި އެކިތަންތާނގައި ދިރިއުޅެމުން ދިޔަ ފަރާތްތަކަށް، ވަގުތީ ހިޔާތަކެއް ހަދައި، ޖެންޑަރ މިނިސްޓްރީން އެމީހުން ބެލެހެއްޓިއެވެ. މިގޮތުން 500 ވުރެ ގިނަ މީހުންނަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވަޒީފާ ގެއްލުމުގެ ސަބަބުން ކުލި ދެއްކޭނެ ގޮތެއް ނެތި މާލީ ހާލަތު ދަށްވުމުގެ ސަބަބުން އެނބުރި ރަށްރަށަށް ދާން ބޭނުންވި މީހުންނަށްވެސް ސަރުކާރުން އެފުރުޞަތު ފަހިކޮށްދެއްވިއެވެ. އަދި ރަށްރަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް އަލުން ދިރިއުޅުން ފަށައިގަތުމަށް މާލީ އެހީފޯރުކޮށް ދިނުމަށްވެސް ސަރުކާރުން ވަނީ ބަޖެޓުކުރައްވާފައެވެ.

މާލޭގެ މަސްމާރުކޭޓު ސަރަހައްދާއި ލޯކަލް މާރުކޭޓު ސަރަހައްދުގައި، އަދި ބައެއް މިސްކިތްތަކާއި އާއްމު ތަންތާނގައި ނިދައި ކައިބޮއެ ހަދާމީހުންގެ އަދަދު އިތުރުވެފައި ވާއިރު، އެމީހުންގެ ތެރޭގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހި އާއިލާތަކާއި ވަކިވެފައިވާ ޒުވާނުންވެސް ގިނަ އަދަދަކަށް ހިމެނޭކަން ފާހަގަކުރެވިފައިވެއެވެ. މިމައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް ޖެންޑާ އަދި ނޭޝަނަލް ޑްރަގް އެޖެންސީ އާއި ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ޚާއްސަ މަސައްކަތްތަކެއްވެސް މިހާރުވަނީ ފަށާފައެވެ.