ކުޅިވަރު

ބާސްކެޓް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަނީ


މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ބާސްކެޓް ބޯލް އެސޯސިއޭޝަނުން ބުނެފިއެވެ.

މިއަންނަ މަހުގެ 12 ވަނަ ދުވަހު ބާސްކެޓް ބޯލް އެސޯސިއޭޝަންގެ އޭޖީއެމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެޖަލްސާގައި 2019ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މިއަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ އިތުރުން މިއަންނަ އަހަރުގެ ކަލަންޑަރުވެސް މިޖަލްސާގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަނުން މަޢުލުމާތުދެއެވެ. މިޖަލްސާގައި ބައިވެރިވުމަށް އެސޯސިއޭޝަންގެ މެންބަރު ކުލަބް ޖަމިއްޔާތަކުން ބައިވެރިވާން ބޭނުންވާ ދެ މެންބަރުންގެ ނަން މިއަންނަ މަހުގެ 8ވަނަ ދުވަހުގެ މެންދުރު 01:30ގެ ކުރިން ލިއުމަކުން އެސޯސިއޭޝަންއަށް ހުށައެޅުމަށްވެސް އެސޯސިއޭޝަނުން ނެރެފައވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އެސޯސިއޭޝަންއިން ބުނީ އޭޖީއެމް ބާއްވަން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާއި އެއްގޮތަށްކަމަށެވެ.

މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާޗްމަހު ބާއްވަން ތާވަލް ކުރި ނަމަވެސް މުޅި ދުނިޔޭއަށް ކުރިމަތިވެފައިވާ ކޮވިޑް19ގެ ހާލަތާގުޅިގެން އޭރުގައި އެޖަލްސާވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ.