އެމެރިކާގެ ވެރިކަން ބަދަލުކުރުމުގެ އިންތިޤާލީ މަރުހަލާ ފެށުމުގެ ރަސްމީ ހުއްދަ ލިބުމާއެކު އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހަލިވުމިނުގައި ފެށިގެން ކުރިއަށް އެބަދެއެވެ.
އެނގިފައިވާ ގޮތުގައި އިންތިޚާބީ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ޓްރެޜަރީ ސެކެޓްރީގެ ގޮތުގައި އައްޔަނުކުރައްވާނީ އެމެރިކާގެ ފެޑެރަލް ރިޒާވްގެ ކުރީގެ މުޤައްރިރު ޖެނެޓް ޔެލެންއެވެ. މިއީ ފާއިތުވި 231 އަހަރުގެ ތެރޭގައި އެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަނުކުރުމަށް ހުށަހަޅާ ފުރަތަމަ ފަހަރެވެ. 1930ގެ އަހަރުތަކުގައި އެމެރިކާއިން ކުރިމަތިލީ އެންމެ ބޮޑު އިޤްތިޞާދީ ހީނަރުކަންކަމުގައިވާ ބޮޑު ތަދަށްފަހު ޤައުމުގެ އިޤްތިޞާދީ ޙާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ މި ދަނޑުވަޅުގައި ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމުގައި އެންމެ އިސް ދައުރެއް ޢަދާކުރައްވަންޖެހޭނީ އެކަމަނާއަށެވެ.
ޓްރެޜަރީ ސެކެޓްރީގެ ގޮތުގައި ޔެލެން އައްޔަނުކުރުމުން ދައުލަތުގެ މާލިއްޔަތުގެ އަމާޒަކަށްވާނީ އިޤްތިޞާދީ ހަމަހަމަކަން ޤާއިމްކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ސަރުކާރުން ބޮޑަށް އަހައްމިއްޔަތުކަން ދީފައިވަނީ ޓެކްސްނަގާ މިންވަރު ދަށްކުރުމާއި މާލީ ޤަވާއިދުތަކަށް ދޫދިނުމަށެވެ.
އުމުރުން 74 އަހަރުގެ ޔެލެންއަކީ އިޤްތިޞާދީ ދާއިރާގައި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. ޤައުމުގެ ޤާނޫނުހަދާ މަޖިލީހާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ވެރިންގެވެސް އިޙްތިރާމް ލިބިވަޑައިގެންފައިވާ ޔެލެންވަނީ ކޯވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ އިޤްތިޞާދު ރަނގަޅުކުރުމަށް ބޮންޑު ވިއްކުމާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން ''ފިސްކަލް ސްޕެންޑިންގ ޓެޕް"ތައް ހުޅުވުމަށް ބާރު އަޅުއްވާފައެވެ.
މޫސުމީ ބަދަލުތަކާއިބެހޭ ޚާއްޞަ މަންދޫބަކަށް ކުރީގެ ރައީސް އޮބާމާގެ ދަޢުރުގައި ޚާރިޖީ ވަޒީރުގެ މަޤާމް ޢަދާކުރެއްވި ޖޯން ކެރީގެ ނަން ބައިޑަންވަނީ ހުށަހަޅުއްވާފައެވެ. ޖޯން ކެރީއަކީ 2015ވަނަ އަހަރުގެ ތެރޭގައި އެކުލަވާލި ޕެރިސް ކްލައިމަޓު އެއްބަސްވުމުގެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވި ބޭފުޅެކެވެ. މީގެ ކުރިން ޤަނޫނުހަދާ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ކެރީވަނީ 2004ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓުންގެ ފަރާތުން ރިޕަބްލިކަނުންގެ ކެންޑިޑޭޓު ޖޯޖު ޑަބްލިއު ބުޝްއާއި ވާދަކުރައްވާ ނާކާމިޔާބުވެފައެވެ.
ބައިޑަންގެ ސެކެޓްރީ އޮފް ސްޓޭޓުގެ މަޤާމަށް ހުށަހަޅުއްވާފައިވަނީ އެންތޮނީ ބްލިންކެންގެ ނަމެވެ. އުމުރުން 58 އަހަރުގެ ބްލިންކެން މީގެ ކުރިންވަނީ ރައީސް އޮބާމާގެ ސަރުކާރުގައި ސެކެޓްރީ އޮފް ސްޓޭޓްގެ ނައިބުގެ މަޤާމާއި ޤައުމީ ސަލާމަތާއިބެހޭ މުޝީރުގެ ނައިބުގެ މަޤާމު ފުރުއްވާފައެވެ. އޭނާއަކީ 2002ވަނަ އަހަރުން ފެށިގެން ޚާރިޖީ ސިޔާސަތުތަކާއި ގުޅޭގޮތުން ބައިޑަނަށް ލަފާ އަރުވާ ބޭފުޅެކެވެ.
ހޯމްލޭންޑް ސެކިއުރިޓީގެ ސެކެޓްރީގެ މަޤާމަށް ބައިޑަން ހުށަހަޅުއްވާފައިވަނީ އަލެހަންދްރޯ މަޔޯކަސްގެ ނަމެވެ. އޭނާއަކީ މީގެ ކުރިން ދަޢުލަތުގެ ވަކީލެއްގެ ގޮތުގައި ކެލިފޯނިއާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް އޮބާމާގެ ދައުރުގައި ހޯމްލޭންޑް ސެކިއުރިޓީގެ ނައިބުގެ މަޤާމު އޭނާވަނީ ޢަދާކުރައްވާފައެވެ. ހޯމްލޭންޑް ސެކިއުރިޓީގެ ސެކެޓްރީގެ މަޤާމަށް އޭނާ އައްޔަނުކޮށްފިނަމަ އޭނާ ވެގެންދާނީ ލެޓީނޯ ދަރިފަސްކޮޅަށް ނިސްބަތްވާ އަދި އެހެން ޤައުމަކަށް އުފަން ބޭފުޅަކު އެ މަޤާމަށް އައްޔަނުކުރާ ފުރަތަމަ ފަހަރަށެވެ.
ނޭޝަނަލް އިންޓެލިޖަންސުގެ ޑިރެކްޓަރުގެ މަޤާމަށް ބައިޑަން ހުށަހަޅުއްވާފައިވަނީ އެވްރިލް ހައިންސްގެ ނަމެވެ. އޭނާއަކީ ރައީސް އޮބާމާގެ ދަޢުރުގައި ޤައުމީ ސަލާމަތާއިބެހޭ މުޝީރުގެ ނައިބުގެ މަޤާމު ފުރުއްވާފައިވާ ބޭފެޅެކެވެ. އޭނާއަކީ އެމެރިކާގެ ޖާސޫސީ އިދާރާއެއްކަމަށްވާ ސީއައިއޭގެ ނައިބު ޑިރެކްޓަރުގެ މަޤާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅެވެ. ނޭޝަނަލް އިންޓެލިޖެންސް ޑިރެކްޓަރުގެ މަޤާމު އޭނާއަށް ކަށަވަރުވެއްޖެނަމަ އެކަމަނާ ވެގެންދާނީ ސީއައިއޭއާއި ނޭޝަނަލް ސެކިއުރިޓީ އޭޖެންސީ (އެންއެސްއޭ) ހިމެނޭގޮތަށް 17 އިދާރާއެއްގެ އިސްވެރިޔާގެ މަޤާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅަށެވެ.
ޤައުމީ ސަލާމަތާއިބެހޭ މުޝީރުގެ މަޤާމަށް ބައިޑަން ހުށަހަޅުއްވާފައިވަނީ ރައީސް އޮބާމާގެ ދައުރުގައިވެސް އެ މަޤާމު ފުރުއްވި ޖޭކް ސަލިވަންއެވެ. އޭނާވަނީ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންގެ ޗީފް އޮފް ސްޓާފްގެ ނައިބުގެ މަޤާމުވެސް ފުރުއްވާފައެވެ. އޮކްސްފޯޑު ޔުނިވަސިޓީއިން ތަޢުލީމު ހާޞިލްކުރައްވައިގެން ހުންނެވި ސަލިވަންއަކީ ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން މުހިންމު ގިނަ މަސައްކަތްތައް ކުރައްވާ ބޭފުޅެއްގެ ގޮތުގައިވަނީ ފާހަގަވެފައެވެ.
އެމެރިކާގެ ފަރާތުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމަށް ހުށަހަޅާފައިވަނީ ލިންޑާ ތޯމަސް-ގްރީންފީލްޑްގެ ނަމެވެ. އޭނާއަކީ އޮމާބާގެ ދައުރުގައި 2013އިން 2017އަށް އެފުރިކާގައި ހުންނެވި އެމެރިކާގެ އެންމެ އިސް ޚާރިޖީ ފަރާތެވެ. އެފުރިކާގައި އެބޯލާ ފެތުރުނު ދުވަސްވަރުގައި އެމެރިކާގެ ސިޔާސަތުތައް ޤާއިމްކުރުމުގައި އިސްކޮށް ހުންނެވީ އޭނާއެވެ. މީގެ ކުރިން އޭނާވަނީ ލައިބީރިއާ، ސްވިޒަލޭންޑު، ޕާކިސްތާނު، ކެންޔާ، ދަ ގެންބިއާ، ނައިޖީރިއާ އަދި ޖަމައިކާގައިވެސް މަސައްކަތްކުރައްވާފައެވެ. އޭނާއަށް ސަފީރުކަމުގެ މަޤާމު ޔަޤީންވެއްޖެނަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ އެންމެ މުހިންމު މަސައްކަތަކީ އދގައި އެމެރިކާގެ ހައިބަތު އިތުރުކުރުމެވެ.