ޚަބަރު

ކުޑަކުދިންގެ ހިޔާގައި ކުދިންނަށް އަނިޔާކުރި 11 މީހެއްގެ މައްޗަށް ދަޢުވާކުރަނީ


ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް 2017ވަނަ އަހަރުގެތެރޭގައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި މައްސަލައެއްގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ އެކޮމިޝަނުން ކުރިއަށްގެންދާ އިންކުއަރީގެ މަސައްކަތުގެ ތެރެއިން މިމައްސަލަ ބެލުމަށްފަހު ޢާއްމުކުރެއްވި ބަޔާނެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ބަލާ ކޮމިޝަނުން ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާމެދު އެތަނުގައި އޭރު މަސައްކަތް ކުރަމުން ދިޔަ ބައެއް މުވައްޒަފުން އަނިޔާވެރި ޢަމަލުތަކެއް ހިންގާފައިވާ މައްސަލަ ޖުލައި 2018ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

ވީއެންމެ އަވަހަކަށް މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާ އުފުލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކޮށް ދަޢުވާކުރުމަށް މިއަހަރުގެ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް އަމުރެއް ނެރުއްވާފައިވާކަންވެސް މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއާއެކު މިމައްސަލައިގެ ތަޙުޤީޤު މުސްތަޤިއްލު ކަމާއެކު ކުރިއަށް ގެންދިޔުމަށް އެކޮމިޝަނާއި، ފުލުހުންނާއި ޕްރޮސިކިއުޓަރުން ހިމެނޭގޮތުން އެކުލަވާލި ޚާއްސަ ޓީމަކުން މިމައްސަލަ ވަނީ ތަޙުޤީޤު ކޮށްފައިކަމަށާ، މި ތަޙުޤީޤުގައި އިތުރު 24 މީހަކާ ސުވާލުކޮށް ބަޔާން ނަގައި، ފަސް ކުޑަކުދިންނާ ސުވާލުކޮށްފައިވާނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. މި ތަހްޤީޤުގެތެރެއިން މިމައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހެއް ދެނެގަނެވިފައިވާކަމަށްވެސް އެކޮމިޝަނުންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މިމައްސަލަ ރިޕޯޓުކުރުމާއި ފިޔަވަޅު އެޅުމުގެ މަރުޙަލާގައި ކަން ހިނގާގޮސްފައިވާ ގޮތް ދެނެގަތުމާއި، ފިޔަވަޅު އެޅުމުގައި ޒިންމާވާ މުއައްސަސާތަކުގެ އެއްވެސް އިހުމާލެއް ވޭތޯ ދެނެގަތުމުގެ މަސައްކަތް ވަކި އިންކުއަރީއެއްގެ ގޮތުގައި ކުރިއަށްގެންދާ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.