ކޯވިޑް-19 އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ދޫކުރާ "ރިކަވަރީ ލޯނު ސްކީމް" ގެ ދަށުން މިހާތަނަށް 1946 ފަރާތަކަށް ލޯން ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ސަރުކާރުން ރިކަވަރީ ލޯނު ދޫކުރަމުން އަންނަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެސްޑީއެފްސީ މެދުވެރިކޮށް 1946 ފަރާތަކަށް 325 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1337 ވިޔަފާރިއަކަށް ދޫކޮށްފައިވާ 306.8 މިލިއަން ރުފިޔާ އާއި އަމިއްލަ މަސައްކަތްކުރާ 609 ފަރާތަކަށް ދޫކުރި 18.2 މިލިއަން ރުފިޔާ ހިމެނެއެވެ.
ކޯވިޑް-19 ވިޔަފާރި އެހީގެ ދަށުން ކަނބަލުން ހިންގާ ވިޔަފާރިތަކަށްވެސް އެސްޑީއެފްސީން ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރިތައް ހިންގާ ކަނބަލުންނަށްވެސް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 559 ކަނބަލަކަށް 114.7 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.
ކޯވިޑް-19 އާ ގުޅިގެން އެސްޑީއެފްސީން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މުދާ ވިއްކުމުގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ. އެގޮތުން އެދާއިރާގައި ހަރަކާތްތެރިވާ 809 ފަރާތަކަށްވަނީ 193.6 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ދެވަނައަށް އެންމެ ބޮޑު އަދަދަކުން ލޯން ދޫކޮށްފަވަނީ އިމާރާތްކުރުމުގެ ސިނާއަތަށެވެ. އެއީ 58.7 މިލިއަން ރުފިޔާއެވެ. އަދި ފަތުރުވެރިކަމަށް 54.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.