ޚަބަރު

މާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އިނގިރޭސި ވިލާތުގެ މީހެއް: ފުލުހުން


މިއަދު ހެނދުނު މާލޭ ދެކުނު ފަރާތު ފަޅޫތެރެއިން މޫދުގައި މަރުވެފައި އޮއްވައި ފެނުނީ، އިނގިރޭސި ރައްޔިތެއް ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވެފައި އޮއްވައި ފެނުނު އެމީހާއަކީ އުމުރުން 58 އަހަރުގެ އިނގިރޭސި ރައްޔިތެއް ކަމަށެވެ. އޭނާއަކީ ރާއްޖެއައިސް އުޅޭ ފަތުރުވެރިއެއްކަމެއް ނުވަތަ ރާއްޖޭގައި ވަޒީފާއެއް އަދާކުރާ މީހެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މާލޭ ދެކުނު ފަރާތުން ފަޅުތެރެއިން މޫދަށް ވެއްޓިފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު، 9:43 ހާއިރުގައެވެ. މޫދުން އެމީހާގެ ހަށިގަނޑު ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައި ކަމުގައި އައިޖީއެމްއެޗުން އޭނާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.