ކުޅިވަރު

ގަލޮޅު ދަނޑާއި ޓާފް ގްރައުންޑްގެ ފެންވަރު ރަގަނޅު ކުރުމުގެ މަސައްކަތް ކުރަނީ


މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށަންވާއިރަށް ގަލޮޅު ދަނޑައި ޓާފް ގްރައުންޑްގެ ފެންވަރު ރަގަނޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 8ވަނަ ދުވަހުއެވެ. ސީޒަން ފެށުމުގެ ގޮތުން ކުޅެވޭ ޗެރިޓީޝީލްޑް މެޗްގައި ބައްދަލުކުރާނީ ލީގް ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް އީގަލްސްއެވެ. އެފްއޭއެމްގެ ޕޮރޮޖެކްޓްސް އެންޑް މެންއިންޓެނަސް ޑިޕާޓްމަންޓްގެ ހެޑް އިބްރާހީމް ޢަލީ ވިދާޅުވީ މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މިހާރު ރަގަނޅު ކުރެވިފައިވާނެކަމަށާއި ގަލޮޅު ދަނޑުގެ ސްކޯ ބޯޑް ރަގަނޅު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޓީމުތަށް ފަރިތަކުރުންތަށް ކުރިއަށްގެންދާ ޓާފް ދަނޑުތަކުގެ ތެރެއިން ޓާފް 2ގެ ލައިޓިން ސިސްޓަމްގެ ގިނަ ލައިޓްތައް މިހާރުވަނީ ލެޑް ލައިޓަށް ބަދަލުކޮށްފައެވެ. އިބްރާހީމް ޢަލީ ވިދާޅުވީ ޓީމްތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ޓާފް 2 މިހާރުވަނީ އެކަމަށް އެންމެ ރަގަނޅަށް ތައްޔާރު ކުރެވިފައިކަމަށެވެ.

ޓާފް ގްރައުންޑް 1ގެ މަސައްކަތް އެފްއޭއެމްއިން ކުރިއަށްގެންދަނީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ގޮތަށްކަމަށާއި އަންމަ މަހުގެ މެދުތެރެއަށް ދާންވާއިރަށް ގްރައުންޑް ރަގަނޅު ކުރެވި، އަދި ލައިންޓިން ސިސްޓަމްގެ ލައިޓްތައް ލެޑް ލައިޓަށް ބަދަލުކުރެވޭނެކަމަށްވެސް އެފްއޭއެމްގެ ޕޮރޮޖެކްޓްސް އެންޑް މެންއިންޓެނަސް ޑިޕާޓްމަންޓްގެ ހެޑް އިބްރާހީމް ޢަލީ ވިދާޅުވިއެވެ. އަދި މިހުރިހާ މަސައްކަތެއް ނިމި ޓާފް 1ގައި ރޭގަނޑު ފަރިތަކުރުންތައް މިއަންނަ މަހުގެ މެދުތެރޭގައި ނިމެނޭކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.