އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ ކޮމިޓީ މަރުހަލާ ނިންމައި ތަޅުމަށް ފޮނުވާފައިވާއިރު އާމްދަނީގެ ގޮތުގައި 21 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވައި ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓުގެ ކޮމިޓީ މަރުހަލާ ނިންމައި ރޭގައި ބަޖެޓް ލިބިފައިވާކަމަށެވެ. އަދި މިއަދު މަޖިލީހުގެ މެމްބަރުންނަށް ބަޖެޓް ފޮނުވައި، އަންނަ ހަފްތާގެ އާދީއްތަ ދުވަހު ބަޖެޓަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން މެމްބަރުންނަށް ބަހުސް ކުރުމަށް ހުޅުވާލާނެކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ ބަޖެޓަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ކުރިން ލަފާކޮށްފައިވާ އަދަދު 17.8 ބިލިޔަން ރުފިޔާ އިން 21.28 ބިލިޔަން ރުފިޔާ އަށް އިތުރު ވެފައިވާކަމަށެވެ. މިއީ އާމްދަނީ ލިބޭނެކަމަށް ލަފާކުރި އަދަދުގެ 3.355 ބިލިޔަން ރުފިޔާގެ އިތުރުވުމެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައި މިހާރު ޖަހާފައިވާ އަދަދަށްވުރެ އިތުރު 135.2 މިލިޔަން ރުފިޔާ އިތުރު ކޮށްފައިވާކަމަށެވެ. އަދި އޮފީސްތަކުގެ ޑޮމެސްޓިކް ޚަރަދުތަކުންވެސް 209 މިލިޔަން ރުފިޔާގެ ކުޑަވުމެއް އައިސްފައިވާކަމަށެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ކޮމިޓީ މަރުހަލާ ރޭ ނިންމައި ތަޅުމަށް ފޮނުވާފައި ވާއިރު، ބަޖެޓަށް ގެނައި ބަދަލުތަކާއި އެކު ބަޖެޓުގެ ޖުމުލަ އަދަދު 200 މިލިޔަނެއްހާ ރުފިޔާ ވަނީ އިތުރުވެފައެވެ.
ކޮމިޓީ ރިޕޯޓަށް ބަހުސް ފަށާނީ 3 ދުވަސް ފަހުންނެވެ. ކޮންމެ މެންބަރަކަށް 7 މިނެޓްގެ ފުރުޞަތެއް ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށް ދިނުމަށް މަޖިލިސް ރައީސް ވަނީ ނިންމާފައެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު 200 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށް ބަޖެޓް ކޮމިޓީންވަނީ ފާސްކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ޢާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ދައުލަތުގެ ޚަރަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ 33.2 ބިލިއަން ރުފިޔާގައެވެ. އަދި ބަޖެޓް ޑެފިސިޓް 15.5 ބިލިއަނަށް އަރާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ބަޖެޓް ކޮމިޓީން ކުރިއިރު، ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތައް ކޮމިޓީއަށް ޙާޒިރުކޮށް ބަޖެޓާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ. އެގޮތުން ގިނަ މުއައްސަސާތަކުން ވަނީ ބަޖެޓް އިތުރުކޮށްދިނުމަށް ކޮމިޓީގައި އެދިފައެވެ. އެ މުއައްސަސާތަކުންނާއި އިދާރާތަކުން ހިންގާނެ މަޝްރޫޢުތައް އިތުރުކޮށް ބަޖެޓް ބޮޑުކޮށްދޭން ނިންމުމާއި ގުޅިގެން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވަނީ 2 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިގޮތުން ކޮމިޓީގައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ލިސްޓް އިއްވާފައެވެ.
މީގެ އިތުރުން އާމްދަނީ އިތުރުކުރުމަށް ބަޖެޓުގައި ހިމެނުމަށް ނިންމާ އައު ކަންތައްތަކުން ލިބޭނެ އާމްދަނީއަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރުކޮށްފައެވެ. އެގޮތުން ބަޖެޓަށް އާމްދަނީ އިތުރުކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުގޫބު ޢަބްދުﷲ ވަނީ ކަންތައްތަކެއް ހުށައަޅާފައެވެ. ބަޖެޓަށް އިތުރުކުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ޓީޖީއެސްޓީއަށް 598 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 253 މިލިއަން ރުފިޔާ، އެއަރޕޯޓް ސާރވިސް ޗާޖްގެ ގޮތުގައި 218 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާރޖްގެ ގޮތުގައި 219 މިލިއަން ރުފިޔާ، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން ރުފިޔާ އަދި ހަރުމުދަލުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާއެވެ.
ކޮމިޓީން ވަނީ ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށްވެސް ފައިސާ އިތުރުކޮށްދީފައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނަށް ބަޖެޓް އިތުރުކޮށްދީފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް 2 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށްވެސް ކޮމިޓީން ނިންމިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ބަޖެޓް އިތުރުކޮށްދީފައިވެއެވެ. ކޮމިޓީން ގެނައި މި ބަދަލުތަކާއެކު ބަޖެޓް ޑެފިސިޓްވެސް ވަނީ ދަށްކޮށްފައެވެ. އެގޮތުން ބަޖެޓް ޑެފިސިޓް 15.5 ބިލިއަނުން 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިކޮށްފައެވެ.