ކުޅިވަރު

ކޮވިޑުން ރަނގަޅުވެ ސަލާހް ފުރަތަމަ ފަހަރަށް ތަމްރީނުތަކަށް


ކޮވިޑް-19 އިން ރަނގަޅުވެ ލިވަޕޫލުގެ ފަރިތަކުރުންތަކުގައި މުޙައްމަދު ސަލާހު ބައިވެރިވާން ފަށައިފިއެވެ.

ލިވަޕޫލުގެ ކޯޗް ޔާގެން ކްލޮޕް ބުނީ އެންމެ ފަހުން ހެދި ޓެސްޓުތަކުގެ ނަތީޖާއިން ސަލާހު ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށާއި، އެހެންކަމުން އެޓީމުން ހޯމަ ދުވަހު ބާއްވާ ފަރިތަކުރުންތަކުގައި ސަލާހު ބައިވެރިވާނެ ކަމަށެވެ. އަދ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ކުރިން ޔުއެފާއިން ހަދާ ޓެސްޓުތަކުގެ ނަތީޖާއަށް ބެލުމަށްފަހު، މި ހަފުތާގައި ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި ސަލާހު ފެނުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުންޏެވެ.

އަދި އެމެޗުގެ ކުރިން ޓީމުގެ ހުރިހާ ކުޅުންތެރިންނާ އިފޮޝަލުން ވެސް ކޮވިޑަށް ޓެސްޓުކުރާނެއެވެ. ސަލާހް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ބައިނަލްއަގުވާމީ ބްރޭކުގައި ފަރިތަކުރަމުން ދަނިކޮށެވެ. ވައިރަހުގެ އެއްވެސް އަލާމާތެއް ސަލާހުގެ ހަށިގަނޑުން ފެނިފައިނުވާއިރު، މިދިޔަ ހަފުތާގެ ބުދަ ދުވަހު އޭނާ ވަނީ ކޮވިޑް-19 އަށް ދެވަނަ ފަހަރަށް ޓެސްޓު ކޮށްފައެވެ. އަދި ދެވަނަ ޓެސްޓުވެސް ޕޮޒިޓިވް ކަމަށް މިސްރުގެ ފުޓްބޯޅަ އިދާރާއިން ހާމަކުރިއެވެ.

ބެލެވޭ ގޮތުގައި އޭނާ ޗެމްޕިއަންސް ލީގުގައި ބުދަދުވަހުގެރޭ އެޓްލާންޓާ ދެކޮޅަށް ކުޅޭނެއެވެ.