ޚަބަރު

އިންޑިއާގެ އެހީގައި އެކި ދާއިރާތަކުން ދިވެހިން ތަމްރީން ކުރަނީ


އިންޑިއާ ސަރުކާރުގެ އެހީގައި 4 ދާއިރާއަކުން ދިވެހިން ތަމްރީންކުރަން ފަށައިފިއެވެ. މީގެތެރޭގައި މިހާރު މުޅި ދުނިޔެ އިންތިޒާރު ކުރަމުން އަންނަ ކޯވިޑް-19 ވެކްސިން އެންމެ އެކަށީގެންވާ ގޮތުގައި ރާއްޖޭގެ އެކި ހިސާބަށް ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނުތައްވެސް ވަނީ ފަށާފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ އިންޑިއާގެ ޑިޕާޓްމެންޓް އޮފް ބަޔޯޓެކްނޮލޮޖީން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ސިއްޙަތާ ވުޒާރާތަކާއެކު ޚާއްޞަ ތަމްރީނުތަކެއް ފުރިހަމަކޮށްފައިވާކަމަށެވެ. އެގޮތުން ކޯވިޑް ވެކްސިން ތައްޔާރުވެ އެޕްރޫވްވުމާއެކު އެންމެ އެކަށޭނެ ގޮތުގައި ވެކްސިން ޑިޕްލޯއި ކުރުމުގެ ޤާބިލުކަން ކަށަވަރުކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމްތައްވެސް ހިމެނޭއިރު އެ ތަމްރީންތަކުގައި ރާއްޖެއިންވެސް ބައިވެރިވެފައިވާކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ. އޮކްޓޯބަރުމަހު ފެށި މި ތަމްރީން ޕްރޮގްރާމްގައި ގުޑް ކްލިނިކަލް ޕްރެކްޓިސްއާއި ގުޑް ކްލިނިކަލް ލެބޮރެޓޮރީ ޕްރެކްޓިސެސްއާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާގެ އެހީގައި ދިވެހިންނަށް ތަމްރީންތައް ކުރިއަށްގެންދާ އިތުރު ދާއިރާތަކަކީ ކަސްޓަމްސް އޮފިސަރުންނާއި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނާއި ޓީޗަރުން ތަމްރީންކުރުމުގެ ދާއިރާއެވެ. މީގެ އިތުރުން އަންނަ އަހަރު ސިވިލްސަރވިސް މުވައްޒަފުން ތަމްރީންކުރުމުގެ ޕްރޮގްރާމެއްވެސް ހިންގުމަށް ރާވާފައިވާކަމަށް ހައިކޮމިޝަނުން ވިދާޅުވެއެވެ.

ކަސްޓަމްސް އޮފިސަރުން ތަމްރީން ކުރުމުގެ މަސައްކަތް މިމަހުގެ 23ހުން 27ގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށްގެންދަނީ އިންޑިއާގެ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސްއިންނެވެ. މިޕްރޮގްރާމްގެ ދަށުން ދިވެހި 24 އޮފިސަރުންނަށް އިންޓެލިޖެންސް، އިންވެސްޓިގޭޝަން އެންޑް އިންފޯމޭޝަން ގެދަރިން، އެނެލިސިސް އެންޑް އެންފޯސްމެންޓާއި ބެހޭ މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ހިންގި އެކި ޕްރޮގްރާމްތަކުގައި އިންޑިއާގެ އެހީގައި ދިވެހި 40 ކަސްޓަމްސް އޮފިސަރުން ތަމްރީންކޮށްފައިވެއެވެ.

މީގެ އިތުރުން އިންޑިއާ އިންސްޓިޓިއުޓް އޮފް ޑިމޮކްރެސީ އެންޑް އިލެކްޝަން މެނޭޖްމެންޓްގެ ފަރާތުން އެކި ޤައުމުތަކުގެ އިލެކްޝަންސް ކޮމިޝަންގެ އޮފިސަރުންނަށް އީ-އައިޓެކް ވޯޓާ ރެޖިސްޓްރޭޝަން (ވީ.އާރް) އާއި ގުޅޭގޮތުން ހިންގާ ތަމްރީން ޕްރޮގްރާމްގައި ރާއްޖެއިންވެސްވަނީ ބައިވެރިވެފައެވެ. އިންޑިއާއާއި ރާއްޖެއާއި ދެމެދު މިދިޔަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި އިލެކްޝަންސް ކޮމިޝަންގެ 10 އޮފިޝަލަކު ތަމްރީންކުރުމަށްވަނީ ނިންމާފައެވެ. މި ތަމްރީން ޕްރޮގްރާމްގައި ވޯޓާ ރަޖިސްޓްރޭޝަން އާއި ޓްރެއިނިން އޮން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ލޮޖިސްޓިކްސް އެންޑް އޮޕަރޭޝަންސް، އަދި އޮޑިޓް އޮފް ވޯޓާ ރެޖިސްޓާސް އާއި ގުޅޭ ބައިތައްވެސް ހިމެނޭކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.

މި ތަމްރީން ފުރުޞަތުތަކުގެ އިތުރުން އިންޑިއާގެ އެހީގައި 5 ދާއިރާއަކުން ދިވެހި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް މިމަހުވަނީ ފަށާފައެވެ. ކޮލިޓީ އެޝުއަރެންސް އިން އޮންލައިން ޓީޗިން، ލާނިން މެނޭޖެމްނެޓް ސިސްޓަމްސް، އޮންލައިން ޓީޗިން ޔޫސިންގ ކޮލެބޮރޭޓިވް ޓޫލްސް، މޮނިޓަރިން ފްރޭމްވޯކްސް ފޯ އޮންލައިން ކޯސެސް، އަދި އިންސްޓްރަކްޝަނަލް ޑިޒައިން ފޯ އޮންލައިން ކޯސަސްއާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަނީ ޗެންނާއިގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް ފޯ ޓީޗާޒް ޓްރެއިނިން އެންޑް ރިސާޗްގެ ފަރާތުންނެވެ.

މިހާރު ފާށާފައިވާ ތަމްރީން ތަކުގެ އިތުރަށް އަންނަ އަހަރުވެސް އިތުރު ދާއިރާއަކުން ދިވެހިން ތަމްރީންކުރުމަށް އިންޑިއާއިންވަނީ ނިންމަވާފައެވެ. އެގޮތުން ގުޑް ގަވަރނެންސްގެ ދާއިރާއިން ދިވެހި ސިވިލް ސަރވަންޓުން ތަމްރީނު ކުރުމަށް އަންނަ ފެބްރުއަރީ މަހު ދެދުވަހުގެ މުއްދަތަކަށް ވޯކްޝޮޕެއް ކުރިއަށް ގެންދަން ރާވާފައިވާކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ އެކި މުއައްސަސާ ތަކުގެ މުވައްޒަފުންގެ ކެޕޭސިޓީ ބިލްޑިން އަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ގާތް ގުޅުމުގެ ތެރެއިން ރާއްޖެއަށް ލިބޭ މުހިއްމު އެހީތެރިކަމެކެވެ. 2018 ވަނަ އަހަރު އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަސައްވުރު ގެ ދަށުން ދެގައުމު ގުޅިގެން ހިންގޭ މިފަދަ ކެޕޭސިޓީ ބިލްޑިން މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އިތުރުކުރެވި، އައު ދާއިރާތައް ހިމެނޭހެން ފުޅާކުރެވިފައިކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވިދާޅުވެއެވެ.

ރާއްޖެއަކީ އިންޑިއާގެ އައިޓެކް ޕްރޮގްރާމްގެ ގިނަދުވަސްވީ ބައިވެރިއެކެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އައިޓެކްގެ ކެޕޭސިޓީ ބިލްޑިން ކޯސްތައް ސްޕެޝަލައިޒް އަދި ކަސްޓަމައިޒް ކުރެވި، މިހާރު ކުރިއަށްގެންދަނީ އޮންލައިންކޮށެވެ.