ޚަބަރު

އެސްޓްރަޒެނެކާގެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތް 90 އިންސައްތައަށް އަރާ


އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ ކުންފުންޏާއި އޮކްސްފޯޑު ޔުނިވަސިޓީއިން ކޯވިޑް-19އާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ވެކްސިންގެ ކާމިޔާބީގެ ނިސްބަތް ނުވަތަ އެފިކަސީގެ މިންވަރު ތަހުލީލުތަކުގައި އެވަރެޖުކޮށްހުރީ 70 އިންސައްތައިގައިކަމަށް އެސްޓްރަޒެނެކާއިން ބުނެފިއެވެ.

އެސްޓްރަޒެނެކާގެ ޗީފް އެގްޒެކެޓިވް، ޕަސްކަލް ސޯރިއޮޓް ވިދާޅުވީ ވެކްސިންގެ އެފިކަސީއާއި ރައްކާތެރިކަމުގެ ސަބަބުން ކޯވިޑް-19އާއި ދެކޮޅަށް ވަރަށް ރަނގަޅަށް އެ ވެކްސިން މަސައްކަތްކުރާނެކަމަށެވެ. އަދި މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އާންމު ޞިއްޙީ ނުރައްކަލުގެ ޙާލަތް ބަދަލުކުރުމަށް އެ ވެކްސިން ބޭނުންކުރުމުން ވަގުތުން ނަތީޖާ ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓްރާޒެނެކާގެ ވެކްސިން ތަހުލީލުތަކުގައި 23،000އަށްވުރެ ގިނަ މީހުންވަނީ ބައިވެރިވެފައެވެ. ކުރިއަށްއޮތް ތަނުގައި އެ ޢަދަދު 60،000އަށް އިތުރުވާނެކަމަށް އެސްޓްރާޒެނެކާއިން ބުންޏެވެ. އިނގިރޭސިވިލާތާއި ބުރެޒިލުގެ އިތުރުން އެމެރިކާ، ޖަޕާނު، ރަޝިޔާ، ދެކުނު އެފުރިކާ، ކެންޔާ އަދި މެދުތެރޭ އެމެރިކާގައިވެސް ވެކްސިންގެ ތަހުލީލުތައްދަނީ ކުރަމުންނެވެ. ވިލާތާއި އޭޝިޔާގެ ޤައުމުތަކުގައިވެސް ތަހުލީލުތައް ފެށުމަށްވަނީ ރާވާފައެވެ.

އެސްޓްރަޒެނެކާގެ ވެކްސިންގެ ތަހުލީލުތަކުގައި ބޭނުންކޮށްފައިވަނީ ވެކްސިންގެ އެކި ޑޯޒްގެ މިންވަރެވެ. އެހެންކަމުން އެކި ޑޯޒް ބޭނުންކުރުމުން ލިބިފައިވާ ނަތީޖާވެސް ތަފާތެވެ. ނަތީޖާތައް އާންމުގޮތެއްގައި އުޅެނީ 62 އިންސައްތައާއި 90 އިންސައްތައާއި ދެމެދުގައެވެ. އެ ޢަދަދުތަކުގެ އެވަރެޖު ޢަދަކީ 70 އިންސައްތައެވެ.
އެސްޓްރަޒެނެކާގެ އެފިކަސީގެ މިންވަރަކީ ވާދަވެރި އެހެން ވެކްސިންތައްކަމުގައިވާ ފައިޒާ/ބަޔޯއެންޓެކު އަދި މޮޑާނާގެ ވެކްސިންގެ އެފިކަސީއަށްވުރެ ދަށް ނިސްބަތެކެވެ. އެ ދެ ވެކްސިންގެ އެފިކަސީގެ ނިސްބަތްހުރީ 90 އިންސައްތައަށްވުރެ މަތީގައެވެ.

އެސްޓްރަޒެނެކާއިން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތާއި ބުރެޒިލުގައި ކޮށްފައިވާ ތަހުލީލުތަކުން ވެކްސިން ބޭނުންކުރުމުން ކޯވިޑް-19 ޖެހުމުން ރައްކާތެރިކޮށްދޭކަން ޔަޤީންވެފައިވާކަމަށެވެ. ތަހުލީލުގައި ބައިވެރިވި މީހުންގެ ތެރެއިން ބަލިޖެހިފައިވާ އެއްވެސް މީހަކަށް ހަސްފަތާލުގައި ފަރުވާދޭން ޖެހިފައިނުވާކަމަށާއި އެއްވެސް މީހެއްގެ ޙާލު ދެރަވެފައިނުވާކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ ވެކްސިންގެ ބައި ޑޯޒް ދިނުމަށްފަހު އެއްމަސް ދުވަސް ފަހުން އިތުރު އެއް ޑޯޒް ދިނުމުން އެފިކަސީގެ ނިސްބަތްހުރީ 90 އިންސައްތައިގައިކަމަށެވެ. އޭގެ ބަދަލުގައި އެއް ޑޯޒް ދިނުމަށްފަހު އޭގެ އެއްމަސް ދުވަސް ފަހުން އިތުރު ޑޯޒެއް ދިނުމުން އެފިކަސީގެ ނިސްބަތްހުރީ 62 އިންސައްތައިގައެވެ. އެ ދެ ނަތީޖާގެ އެވަރެޖަކީ 70 އިންސައްތައެވެ.

އެސްޓްރަޒެނެކާއިން ބުނީ ވީ އެންމެ އަވަހަކަށް ވެކްސިން އުފައްދާ، މީހުންނާއިހަމައަށް ފޯރުކޮށްދިނުމަށް ބޭނުންވާ އަވަސް ޙުއްދަ ހޯދުމަށް ތަހުލީލުތަކުގެ ފުރިހަމަ މަޢުލޫމާތާއި ތަފާސްހިސާބުތައް ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި ކުއްލި ފަރުވާ ދިނުމަށް ވެކްސިން ބޭނުންކުރުމުގެ ޙުއްދައަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގައި އެދޭނެކަމަށެވެ. އޭގެ ބޭނުމަކީ ވީ އެންމެ އަވަހަކަށް ފަގީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުންކަމަށް އެސްޓްރަޒެނެކާއިން ބުންޏެވެ.
އެސްޓްރަޒެނެކާއިން މަސައްކަތްކުރަމުންދަނީ ވެކްސިން އުފެއްދުމުގެ ޙުއްދަ ލިބިއްޖެނަމަ ކުރިއަށްއޮތް އަހަރުގެ ތެރޭގައި އެ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ ތިން ބިލިއަން ޑޯޒް ތައްޔާރުކުރުމަށެވެ. އެ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނަކީ އާދައިގެ ފުރިޖެއްގައި ހުންނަ ފިނިމިނުގައި އެއްތަނުން އަނެއްތަނަށް ގެންދެވޭނެ އަދި ރައްކާކޮށްފައި ބެހެއްޓޭނެ ވެކްސިނެއްކަމަށެވެ. އެއީ ދެ ޑިގުރީ ސެލްސިއަސްއާއި އަށް ޑިގުރީ ސެލްސިއަސްއާއި ދެމެދުގެ ފިނިމިނުގައެވެ. މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަށް އެފަދަ މާހައުލެއްގައި ވެކްސިން ރައްކާކޮށްފައި ބެހެއްޓޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާއިބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި އެ ޤައުމުގައި ވެކްސިން ދޭން ފެށޭނެކަމަށް އުންމީދުކުރައްވާފައެވެ. އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދެވޭނެކަމަށް ބެލެވޭކަމަށާއި އޭޕްރިލް މަހުގައި ފާހަގަކުރާ އީސްޓާ ޗުއްޓީއަށްފަހު ބަލިމަޑުކަމުގެ ކަންކަން ހަމައަކަށް އެޅި ޤައުމުގެ ޙާލަތު ރަނގަޅުވާނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.