ތަޢުލީމު

އަންނަ އަހަރު 5 ސަރަޙައްދެއްގައި ތަޢުލީމީ ޚިދުމަތްތައް ތަރައްޤީކުރުމަށް އިސްކަންދޭނަން: މިނިސްޓަރ


އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖޭގެ 5 ސަރަހައްދެއްގައި ތަޢުލީމީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިގޮތުން މާލެއިން ލިބޭ ޚިދުމަތަށް ވުރެ ރަނގަޅު ތަޢުލީމީ ޚިދުމަތްތައް އަތޮޅުތަކުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ އަތޮޅުތަކުގައި ތަޢުލީމީ ދާއިރާގެ ޚިދުމަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން އިންސާނީ ވަޞީލަތްތަކާއި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ އިތުރު ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައި ވާކަމަށެވެ. މިގޮތުން ރަށްރަށުގައި ސްޕޯޓް ފެސިލިޓީސްތައް ތަރައްޤީ ކުރުމާއި ރަސްމީ ތަޢުލީމްގެ ތެރެއަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމް ހިމެނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އަންނަ އަހަރު ސްޓެމް ލެބްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރާނެ. ރާއްޖޭގައި މިހާރު ސްކޫލް ނެތް 3 ރަށެއް އެބަހުރި ސްކޫލް ނެތް ރައްތަކަށް ސެޓަލައިޓް ސްކޫލިންގެ ޒަރިއްޔާއިން ކިޔަވައިދޭނެ." އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާކަމަށާއި، 105 ރަށެއްގައި ތައުލީމީ ދާއިރާ އާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ ތެރޭގައި ސްކޫލުތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ޚަރަދު ކުރުމާއި ތައުލީމީ ދާއިރާއަށް ކުރެވޭ ހޭދައިން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ސަރަޙައްދީ ތަރައްޤީގެ ތަޞައްވުރުގެ ތެރެއިން، ޚާއްޞަ އިސްކަމެއްދީގެން ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށާޖެހޭ ތަޢުލީމީ ނިޒާމަކަށް ވާޞިލްވުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.