ޚަބަރު

ޖަލު ބަންދުގައި ހުންނަންޖެހޭ މީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް ނުވާނަން: ޢިމްރާން


އިތުބާރު ނެތްކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން މަޖީލީހަށް ހުށައަޅުއްވާފައިވާ މައްސަލަައަކީ ސަރުކާރު ބަލިކަށިކޮށްލުމުގެ ބޭނުމުގައި ހުށައެޅި މައްސަލައެއްކަމަށާއި، އެއީ ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ކުރިމަތިކުރުވާ ފިއްތުންތަކަށް ބަހަނާއެއްގެ ގޮތުގައި ހުށައެޅި މައްސަލައެއްގެ ގޮތުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ސިފަކުރައްވައިފިއެވެ.

މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް 11 މެންބަރުން ސޮއިކުރައްވާ ހުށައަޅަފައިވާ މައްސަލައަށް ޖަވާބުދާރީވުމަށް މަޖިލީހުގެ ޖަލްސާގައި ދެއްވި ފުރުޞަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރ ޢިމްރާން ދެއްކެވި ވާހަކަފުޅާއި، މޭޑޭގެ މުޒާހަރާގައި ރިޟުވާންގެ މަރާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅާއި ގުޅިގެންކަމަށް އިދިކޮޅުން މަޖިލީހަށް ވެއްދި މައްސަލާގައިވެއެވެ.

މަޖިލީހުގެ ތަޅުމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއަށް ޖަވާބުދާރިވުމަށް 10 މިނެޓްގެ ފުރުޞަތެއް އެރުވިއެވެ. އެފުރުޞަތުގައި ޖަވާބުދެއްވަމުން އިމްރާން ޢަބްދުﷲ ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅުއްވާފައިވަނީ ބަހަނާއެއްގެ ގޮތުގައެވެ. އެއީ ނުވާކަމެއް ކުރަހައިގެން ސިޔާސީ މަސްރަޙް ހަލަބޮލިކުރުމަށް ކުރައްވާފައިވާކަމެއްކަމަށާއި، އެއީ ސަރުކާރުގެ 2 އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީގެ ސަބަބުން ހުށައެޅުއްވި މައްސަލައެއްކަމަށެވެ.

"މި ޢިއްޒަތްތެރި މަޖިލީހުގެ 11 މެންބަރުން ސޮއިކުރައްވާ އަޅުގަނޑުގެ މައްޗަށް ހުށައަޅާފައިވާ މައްސަލައަކީ ބަހަނާއެއް، އެއީ ނެތް ރޮނގެއް ކުރަހައިގެން، ސިޔާސީ މަސްރަޙް ހަލަބޮލިކޮށް، ސަރުކާރު ބަލިކަށިކޮށް ހަލަބޮލިކަމުގެ ހިޔަނީގައި މިސަރުކާރު ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށް ކޮށްފައިވާ ތުހުމަތެއް." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ޢިމްރާން ވިދާޅުވީ، ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ހިނގިކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލަ އާއި ގުޅިގެން ހުށައެޅި މައްސަލައަކީ ފުލުހުންނަށް ހުށައެޅުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މީޑިއާއިން ރިޕޯޓްކުރި ގޮތުން މައްސަލަ އޮޅުން އަރައިގެން ދިޔަ މައްސަލައެއް ކަމަށެވެ. އެއީ ސިޔާސީ ބަޔަކު މުޅި މައްސަލަ އޮޅުވާލުމަށް ކުރިކަމެއް ކަމަށާއި، އެއީ ސިޔާސީ ބޭނުމެއްގައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން މަޢުލޫމާތު އޮޅޭގޮތަށް ހިންގާފައިވާ ކަމެއްކަަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އެމައްސަލާގައި ދެއްކެވި ވާހަކަފުޅުތައް އޮޅުންއަރާފައިވާނަމަ އެކަމަށް މަޢާފަށް އެދިވަޑައިގަންނަވާކަމަށް ކުރިންވެސް ވިދާޅުވި ވިދާޅުވުން މިނިސްޓަރ އިމްރާން ވަނީ ތަކުރާރު ކުރައްވާފައެވެ.

"އެއްވެސް މިންވަރަކަށް އެއްވެސް އަންހެނަކަށް ގޯނާއެއް ފުރައްސާރެއް ކޮށްގެން ނުވާނެ. އަދި އެފުރުޞަތު ދެވިގެންވެސް ނުވާނެ. އަދި އެއީ ސީރިއަސް ކަމެއްކަމުގައި ދެކިގެން ފިޔަވަޅު އަޅާންޖެހޭނެ. މިސަރުކާރުން އެފަދަ ކަންކަމުގައި ފިޔަވަޅުވެސް އަޅާނެ. އަދި މިއަދުވެސް މިދަންނަވަނީ މީގެ ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން އަޅުގަނޑަށް ބުނެވިފައިވާ އެއްޗެއްގެ މާނަ މިދެންނެވި ގޮތަށް ނޫން ގޮތަކަށް ދޭހަވާނަމަ އެކަމަށް އެބޭފުޅެއްގެ ކިބައިން އަޅުގަނޑު މަޢާފަށް އެދެން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވާ މޭޑޭގެ މުޒާހަރާގެ މައްސަލައަށް އިޝާރާތްކުރައްވައި އިމްރާން ވިދާޅުވީ، މޭޑޭ މުޒާހަރާއަކީ އަނިޔާތަކަށް ކެތް ނުކުރެވުމުން ރައްޔިތުން ނުކުމެކުރި މުޒާހަރާއެއް ކަމަށެވެ. އެދުވަހު ގެންގުޅުއްވި ކަރުދާހަކީ އަސްލު ނޫންކަމަށް ރޭޑިއޯ ޕްރޮގްރާމްގައި ވިދާޅުވެފައި ވަނީ، އެއީ އަސްލު ކަރުދާހުގެ ނަކަލެއްކަމަށް ދެންނެވުމުގެ މާނައިގައިކަމަށެވެ. އިމްރާން ވިދާޅުވީ އެކަރުދާސްތައް އޭރުގެ ސަރުކާރުގެ އަމުރަށް ފުލުހުން ގެންގޮސްފައިވާކަމަށެވެ.

"2015 ވަނަ އަހަރު މެއި މަހުގެ ފުރަތަމަ ދުވަހު އަޅުގަނޑު އިސްވެ ހުރެ ވާދަވެރި ޕާޓީތަކާއި ގުޅިގެން އިންތިޒާމްކުރި މުޒާހަރާއަކީ މިހާތަނަށް ދިވެހިރާއްޖޭގެ އެންމެ ގިނަ ރައްޔިތުން އެއްފަހަރާ މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖު ކުރިދުވަސް. އެއީ މިރާއްޖޭގެ ތާރީޚްގައި މިހާތަނަށް ހިނގާދިޔަ އެންމެ ބޮޑު ސިޔާސީ ހަރަކާތް" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މޭޑޭގެ މުޒާހަރާ އާއި މަތިކޮށް މަޖިލީހަށް ކިތަންމެ މައްސަލައެއް ހުށައެޅިނަމަވެސް ކުރީގެ ސަރުކާރާ ދެކޮޅަށް ކޮރަޕްޝަނާއި ވައްކަމާއި ދެކޮޅަށް އެތައް ހާސް ރައްޔިތުން މުޒާހަރާ ނުކުރާކަމަށް ނުވާނެކަމަށާއި، އެކަމުން ސަރުކާރުގެ މަގުބޫލުކަން ކުޑަވެ ރިޔާސީ އިންތިޚާބުން ބޮޑުތަކުން ފެއިލް ނުވާކަމަށް ނުވާނެކަމަށްވެސް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. އަދި 87 މެންބަރުން ތިއްބެވި، މަޖިލީހުގެ 11 މެންބަރުން ސޮއިކުރައްވާފައިވާ މައްސަލަ ގުޅޭނީ ވޭތުވެ ދިޔަތަނުގައި ސިޔާސީ މަސްރަޙްގައި ރައްޔިތުން އެދޭފަދަ ވެރިކަމެއް ކުރުމަށް އެމަނިކުފާނު ކުރައްވާފައިވާ މަަސައްކަތްޕުޅާއިކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ސިޔާސީ ގޮތުން ކުރިމަތިކުރުވާ ފިއްތުންތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަންޖެހޭ މީހަކު ޖަލުން ނެރެދިނުމުގެ މޭސްތިރިއަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ "އަހަށޭ ބުނާނަން" ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. އެ ޕްރޮގްރާމްގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅެއްގެ މައްސަލާގައި ގިނަބައެއްގެ ފާޑުކިއުންތައް އަމާޒުވިއެވެ. އެޕްރޮގްރާމްގައި މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ އަނިޔާކޮށް ރޭޕްކުރިކަމަށް ބުނާ މައްސަލާގައި ޕްރޮސީޖާއިން ބޭރުން ބައެއް ކަންކަން ހިނގާފައިވާކަމަށާއި، ނަމަވެސް އާންމުންގެ ތެރޭގައި އެމައްސަލަގައި ވާހަކަދެކެވެނީ ކަން ހިނގި ގޮތަށްވުރެ މާބޮޑުކޮށްގެން ކަމަށެވެ.