ޚަބަރު

މޯލްޑިވިއަން އައިޑަލް ހުށަހަޅައިދޭނީ ޝާހިދު އަދި މައުރީން




ރާއްޖޭގެ ތާރީޚުގައިވެސް ފްރެންޗައިޒް އުސޫލުން ބާއްވާ އެންމެ
ފުރަތަމަ ރިއަލިޓީ ޝޯވ، " މޯލްޑިވިއަން
އައިޑަލް " ހުށަހަޅައިދޭ ދެ ޕްރެޒެންޓަރުން ހޮވައިފިއެވެ.



އެގޮތުން މިޝޯވ ހުށަހަޅައިދޭނީ
ޓީވީ ޕްރެޒަންޓަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ދެ ބޭފުޅުންކަމަށްވާ
އައިމިނަތު މައުރީން އާއި ހުސެއިން ޝާހިދުކަމަށް ޕީއެސްއެމުން މައުލޫމާތުދެއެވެ.



މޯލްޑިވިއަން
އައިޑަލް ހުށަހަޅާނެ ދެ ޕްރެޒެންޓަރުން ހޮވާފައި މިވަނީ ޕަބްލިކް ސަރވިސް މީޑިއާ،
ޕީ.އެސް.އެމްގެ ފަރާތުން ޕްރެޒެންޓަރުންތަކެއްގެ މެދުގައި އޮޑިޝަންތަކެއް
ހެދުމަށްފަހު، ޝޯވގެ ބްރޭންޑް ލައިސަންސް ދޫކުރާ ފަރާތްކަމަށްވާ ފްރެމެންޓަލް މީޑިއާއިންނެވެ.

ފްރިމެންޓަލް
މީޑިއާއިން ބުނީ މި ދެ ޕްރެޒެންޓަރުންނަކީ، މި ޝޯވގައި މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ ދެ ފަރާތްކަމަށެވެ.   

މި ޝޯވއަކީ އިންޓަރނޭޝަނަލް ސްޓޭންޑަޑަށް ފެތޭގޮތަށް ކުރިއަށްގެންދާ ޝޯވއެއްކަމުން، އޮޑިޝަންތައް ފެށުމަށްޓަކައި ފްރެމެންޓަލް މީޑިއާއި ގުޅިގެން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ކުރިއަށް އެބަދެއެވެ. މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް މާލޭ ސިޓީގެ އިތުރުން، ރާއްޖޭގެ 4 ސަރަހައްދެއްގައި ކުރިއަށްދާނެއެވެ.  އެންމެ ފުރަތަމަ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ  އަންނަ އޮކްޓޯބަރުމަހުގެ ދިހަ ވަނަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫގައެވެ. މޯލްޑިވިއަން އައިޑަލްގެ 2 ވަނަ އޮޑިޝަން ގއ. ވިލިނގިލީގައި އޮކްޓޯބަރު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، 3 ވަނަ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ސައުވީސް ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައެވެ. އަދި 4  ވަނަ އޮޑިޝަން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ޅ. ނައިފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލޭ ސިޓީގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި ޝޯވގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްފައި، ނަން، އެޑްރެސް، ރަށް، އައި.ޑީ.ކާޑު ނަމްބަރު އަދި އުމުރު ޖެއްސެވުމަށްފަހު 300 ފޮނުވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. އަދި ޝޯވގެ އޮޑިޝަންތައް ކުރިއަށްދާ ސަރަހައްދުތަކުންވެސް ނަން ނޯޓުކޮށްގެން މިޝޯވގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

މި ޝޯވގެ އޮޑިޝަންތައް ކުރިއަށްދާނީ 3 ލެވެލްއަކަށް ބަހާލައިގެންކަމަށް ޕީ.އެސް.އެމުން މައުލޫމާތުދެއެވެ. އެގޮތުން ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ އޯޕަން އޮޑިޝަންއެކެވެ. އެއަށްފަހު ތިއޭޓަރ އޮޑިޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދެ އޮޑިޝަންގައިވެސް މިޔުޒިކާއި ނުލައި ބައިވެރިންނަށް އެފަރާތްތަކުގެ ލަވަކިޔުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މޯލްޑިވިއަން އައިޑަލް ފެށުމަށް ބައްވާ ގްރޭންޑް އިވެންޓް ނުވަތަ "ގާލާ ޝޯވ"އަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ ތިން ވަނައަށް ބާއްވާ ޕިއާނޯ ރައުންޑުންނެވެ.މޯލްޑިވިއަން އައިޑަލް ޕްރޮފެޝަނަލް ސެޓޭންޑަޑްތަކާއި އެއްގޮތަށް ކުރިއަށްގެންދިޔުމުގައި އިންޑިއަން އައިޑޮލްގެ އެހީތެރިކަން ލިބިގެންދާނެކަމަށް ޕީ.އެސް.އެމުން ހާމަކުރެއެވެ. އަދި އޮޑިޝަން ބޭއްވުމަށް ޕީ.އެސް.އެމުން ކުރާ ފުރަތަމަ ދަތުރުގައި އިންޑިއަން އައިޑޮލް ޖޫނިއަރ ޝޯވްގެ ކްރިއޭޓިވް ޑިރެކްޓަރ ސަތިޝް ދަތް އަމަލީގޮތުން ބައިވެރިވާނެކަމުގެ ޔަޤީންކަން އެފަރާތުން ދީފައިވާކަމަށްވެސް ޕީ.އެސް.އެމުން ބުނެއެވެ.