ތަޢުލީމު

ކ.އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ވޯކްޝޮޕެއް ބާއްވައިފި


އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރުމަށްޓަކައި، ކ. އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ހާއްސަކޮށް މަސައްކަތު ބައްދަލުވުމެއް ކުރިއަށްގެންގޮސްފިއެވެ.2017 ވަނަ އަހަރާއި ހަމަޔަށް 5 މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރު ކޮށް އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި މި ބައްދަލުވުމުގެ ބައިވެރިންނާއި މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ، ބައެއް ރަށްރަށުގެ ދަރިވަރުންގެ ނަތީޖާތަށް ދައްވާ ސަބަބު މިފަދަ ބައްދަލުވުންތަކުގައި ސްކޫލްތަކުގެ އިސްވެރިންގެ މެދުގައި ހިއްސާކޮށް ތަޖުރިބާތަށް ކިޔައިދިނުމަކީ މުހިންމުކަމަށެވެ. މިހާރުވެސް ބައެއް އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ފާސްވާ ނިސްބަތް ސަތޭކަ އިންސައްތައިގައި ހުންނައިރު، އެފަދަ ސްކޫލްތަކާއެކު މަޝްވަރާކޮށް ރަންގަޅުކުރަންޖެހޭ ކަންކަން ދެނެގަތުން މުހިންމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.ފައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކ. އަތޮޅުގެ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ބޭއްވި މި ބައްދަލުވުމުގައި އެ އަތޮޅުގެ 9 ސްކޫލަކުން ޕްރިންސިޕަލުން  ބައިވެރިވެފައިވާއިރު، މި ފަދަ ދެ ވަނަ ބައްދަލުވުމެއް ލ. އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ވަރަށް އަވަހަށް ބާއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.މި ބައްދަލުވުމުގައި ވޭތުވެދިޔަ އަހަރުތަކުގައި ސްކޫލްތަކުގެ ނަތީޖާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކުރާ މި ބައްދަލުވުންތަކުގެ ކާމިޔާބީއަށް ބަލައި ރާއްޖޭގެ އިތުރު އަތޮޅުތަކުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.