ޚަބަރު

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާއްމުކޮށްފި


މުދަލަށް ގެއްލުން ދިނުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއްގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ވިޑިއޯއިން ފެންނަނީ މަގުމަތިން ދިޔަ މީހަކު ޕޭމަންޓު ގަލަކުން ޖަހައި ކަންމައްޗަކަށްވާގޮތަށް ހުރި ފިހާރައެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާ މަންޒަރެވެ. ފުލުހުން ވިދާޅުވީ، އެ ވީޑިއޯއިން ފެންނަ މީހަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާ މީހެއްގެ ވީޑިއޯ ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާއްމުކޮށްފައިވާއިރު، ފުލުހުން ތަޙްޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މިމަހުގެ 5 ވަނަ ދުވަހުވެސް ފުލުހުން ވަނީ ދެމީހަކު ހޯދުމަށް ވީޑިއޯއެއް އާންމުކޮށްފައެވެ.