މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގު


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާއި، އެކަމުގެ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއެކު އެކުންފުނިން މިއަދު ސޮއިކޮށްފިއެވެ. މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލްއެވެ. އަދި ދިރާގުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދުއެވެ.އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، ދިރާގާއެކު މިވެވުނު އެއްބަސްވުމަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތާރީޙުގައިވެސް ވެވުނު މިފަދަ އެންމެ އަގު ބޮޑު އެއްބަސްވުންކަމަށެވެ. އަދި ދިރާގު ފަދަ ރާއްޖޭގެ ނަން މަޝްޙޫރު ކުންފުންޏެއްގެ ނަމާއެކު، މޯލްޑިވިއަން އައިޑަލް ބޭއްވޭކަމީ މި ޝޯވއަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ކުރިއެރުމެއްކަމަށް ހަލީލް ވިދާޅުވިއެވެ. ހަލީލް ވިދާޅުވީ، މޯލްޑިވިއަން އައިޑަލް ވެގެންދާނީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ހަރަދެއްކޮށްގެން ބާއްވާ، އަދި އެ މުބާރާތަކަށް އެންމެ ބޮޑު އިނާމެއް ހުށަހެޅިގެންދާ ފުރަތަމަ ރިއަލިޓީ ޝޯވއަށްކަމަށެވެ.(މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް)މި ރަސްމިއްޔާތުގައި ޕީ.އެސް.އެމްގެ ޓީ.ވީ.އެމް އަދި ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ އެކި ކަހަލަ ޕްރޮގްރާމްތަކާއި، މުބާރާތްތަކުގައި ދިރާގު ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ، ޚަލީލް ވަނީ ދިރާގުގެ މެނޭޖްމަންޓަށާއި ސްޓާފުންނަށް ޕީ.އެސް.އެމްގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ. ދިރާގުގެ ފަރާތުން ވާހަކަދައްކަވަމުން އެކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ، އެކުންފުނީގެ ފަރާތުން މިފަދަ ބޮޑު ޝޯވއެއް ސްޕޮންސަރ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިރާގުގެ ސީ.އެސް.އާރ ޕްރޮގްރާމްތަކުގައި ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ތަފާތު ހަރަކާތްތައް ހިންގުމަށް އިސްކަންދީފައިވާތީކަމަށެވެ. އަދި މޯލްޑިވިއަން އައިޑަލް ފަދަ ޝޯވއަކުން ހުނަރުވެރި ޒުވާނުންތަކެއް އުފެއްދިދާނެކަމަށް އެކުންފުނިން ގަބޫލުކުރާ ކަމަށާއި، މިޝޯވ އަކީ ކާމިޔާބު ޝޯވއަކަށް ހެދުމަށް ދިރާގުގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އިސްމާއިލް ރަޝީދު ދެއްވިއެވެ. މޯލްޑިވިއަން އައިޑަލްއަކީ އިންޓަރނޭޝަނަލް ސްޓޭންޑަޑަށް ފެތޭގޮތަށް ކުރިއަށްގެންދާ ޝޯވއެއްކަމުން، އޮޑިޝަންތައް ފެށުމަށްޓަކައި ފްރެމެންޓަލް މީޑިއާއި ގުޅިގެން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ޕީ.އެސް.އެމުން މިހާރު ދަނީ ވަމުންނެވެ. މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް މާލޭ ސިޓީގެ އިތުރުން، ރާއްޖޭގެ 4 ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. މިގޮތުން އެންމެ ފުރަތަމަ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ ދިހަ ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައެވެ.(ދިރާގުގެ 27ވަނަ އަހަރީ ދުވަހުގެ މުނާސަމަބަތުގައި ޕީއެސްއެމުން ކޭކެއް ފަޅަނީ- ފޮޓޯ:ޕީއެސްއެމް)މީގެ އިތުރުން ޕީ.އެސް.އެމްގެ ފަރާތުން ވަނީ ދިރާގުގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ކޭކެއް ފަޅާފައެވެ.