ޚަބަރު

"އެއްވެސް މަޤާމަކީ އަބަދު އެކަކަށްޓަކައި ކަނޑައެޅިފައި އޮންނާނޭ މަޤާމެއް ނޫން"


"އެއްވެސް މީހަކީ ދުނިޔޭގައި އަބަދު ހުންނާނޭ މީހެއް ނޫނެވެ. އަދި އެއްވެސް މަޤާމަކީ އަބަދު އެކަކަށްޓަކައި ކަނޑައެޅިފައި އޮންނާނޭ މަޤާމެއްވެސް ނޫނެވެ." މިއީ 16ޖުލައި 1971ވަނަ އަހަރު ރައީސް އިބްރާހީމް ނާޞިރު ވިދާޅުވި ޢިބާރާތްކޮޅެކެވެ.

އެމަނިކުފާނުގެ މިޢިބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނާއި ދިވެހި ރައްޔިތުންނަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވާ ޢިބާރާތެކެވެ.

މިސިޓީފުޅުގައި އެމަނިކުފާނުވަނީ އެމަނިފާނުގެ ވެރިކަމަށްފަހުވެސް ރާއްޖޭގެ އަމާންކަމާއި ސުލްޙަވެރިކަމަށް އިސްކަން ދިނުމަށާއި، އެމަނިކުފާނަށްފަހު ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށްވެސް އިޚްލާސްތެރިވުމަށް ދިވެހިރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.
ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް ނާސިރު އަވަހާރަވީ 2008ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22ވަނަ ދުވަހުގެރޭ 7:15ގައެވެ. އެމަނިކުފާނު އަވަހާރަވީތާ މިއަދަށް 12 އަހަރު ފުރުނީއެވެ.

ރައީސް ނާޞިރު އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރުންވަނީ ޖެހިގެން އައި ނޮވެމްބަރު 23ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސަވައި 7 ދުވަސް ވަންދެން ދިވެހި ދިދަ ބައި ދަނޑި އަށް ތިރިކޮށްފައި ބަހައްޓަން ނިންމަވާފައެވެ.

ޢުމުރުފުޅުން 82 އަހަރުގައި ރައީސް އިބްރާހީމް ނާސިރު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. ދިވެހި ސަރުކާރުންވަނީ އެމަނިކުފާނުގެ ހަށިކޮޅު ރާއްޖެގެނެސްް މާލޭ ހުކުރު މިނިސްކިތު ހަރިއްމަ ތެރޭގައި ފަސްދާނުލާފައެވެ.

ރައީސް އިބްރާހީމް ނާސިރު ނުވަތަ ޞާޙިބުލް ފަޚާމާ އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ނުވަތަ ރައީސް އިބްރާހީމް ނާޞިރު އުފަންވެވަޑައިގަތީ 1926 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަދުވަހު، ޏ.ފުވައްމުލަކުގައެވެ. އެ މަނިކުފާނުގެ ޢާއިލާއަށް ބަލާއިރު، ބައްޕާފުޅަކީ ވެލާނާގޭ އަޙުމަދު ދީދީއެވެ. މަންމާފުޅަކީ ފުވައްމުލަކު ދަޑިމަގު ގަނޑުވަރު މޫސާ ދީދީގެ ޢާއިޝާ ދީދީއެވެ.

1957އިން 1968އަށް ރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަޤާމު އެމަނިކުފާނު ފުރުއްވާފައިވެއެވެ. އެއަށް ފަހު، ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމުގައި 1968ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން 10 އަހަރުދުވަސް ހޭދަކުރެއްވިއެވެ. އެމަނިކުފާނު ރައީސްކަމުގެ މަޤާމުން ވަކިވެވަޑައިގަތީ 1978ވަނަ އަހަރުއެވެ. އެއަށްފަހު ރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގަތީ 7 ޑިސެމްބަރު 1978 ގައެވެ. އޭގެ ފަހުން ރައީސް ނާސިރު އަވަހާރަވުމާހަމަށްވެސް ރާއްޖެ ވަޑައެއް ނުގަންނަވައެވެ.

ރައީސް ނާޞިރުގެ ބައެއް މުހިންމު ޚިދުމަތްތައް

ރައީސް އިބްރާހީމް ނާޞިރަކީ ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ބާނީއެވެ. އެމަނިކުފާނުގެ ޤައުމީ ޚިދުމަތީ އަގުކުރެވޭ ވަރަށްވުރެ އެތައްގުނައެއް އިތުރު ޚިދުމަތްތަކެކެވެ. ރާއްޖޭގެ ޒަމާނީ ރަށްވެހިކަމުގެ ތަރައްޤީގެ ބިންގާއެޅުއްވި ބާނީއަކީ އެމަނިކުފާނޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

ރައީސް މުޙައްމަދު އަމީންގެ ވެރިކަން ވައްޓާލި އިންޤިލާބަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަޙުން ފެންނަންފެށި ރައީސް އިބްރާހީމް ނާޞިރުގެ ބޮޑު ވަޒީރުކަމާއި ރައީސް ކަމުގައިވަނީ، ޒަމާނީ ތަރައްޤީއާއި ތަހުޒީބުގެ ގިނަ ކަންކަމުގެ ބިންގާ އަޅުއްވައިދެއްވާފައެވެ.

އެގޮތުން ފާހަގަކޮށްލޭ މުހިންމު ބައެއް ކަންކަމަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ ކަމަކީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވުމެވެ. އަދި 1960 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރޕޯޓެއްގެ ޚިދުމަތް ދެއްވުން ފާހަގަކުރެވެއެވެ. މީގެ އިތުރުން އަންހެނުން ބާރުވެރި ކުރުވުމާއި، އިނގިރޭސި ތަޢުލީމު ފުޅާކުރެއްވުމާއި، ވޯރާ ވިޔަފާރިވެރިންގެ އަތްދަށުން ދިވެހި އިޤްތިޞާދު ސަލާމަތް ކުރެއްވުމާއި، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ، އުފެއްދެވުމަކީވެސް ރައީސް ނާޞިރު ރާއްޖެއަށް މުޅިން އަލަށް ތަޢާރަފްކުރެއްވި ކަންކަމެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވީވެސް އެމަނިކުފާނުގެ ވެރިކަމުގައެވެ. އަދި ރާއްޖެއިން ފުރަތަމަ ފަހަރަށް ފިނިކުރި މަސް އެކްސްޕޯޓު ކުރައްވަން ފެއްޓެވުމާއި، ފެލިވަރު މަސްދަޅު ބަންދުކުރާ ކާރުޚާނާ އުފެއްދެވުމަކީވެސް ރައީސް ނާޞިރުގެ އަގުހުރި ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ. މީގެ އިތުރުން އެއަރ މޯލްޑިވްސްގެ ނަމުގައި ފުރަތަމަ ފަހަރަށް ދިވެހި އެއަރލައިނެއް އުފެއްދުމާއި މަސްދޯނިފަހަރުގައި އިންޖީނު އެޅުމާއި، މޯލްޑިވްސް ޝިޕިންގ ލިމިޓެޑް އުފެއްދެވުމާއި، ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ތަޢާރަފް ކުރެއްވުމާއި، ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސް އުފެއްދެވުމާއި ރެޑިއޯ ޓެލެފޯނުގެ ޚިދުމަތް ފެއްޓެވުމަކީވެސް ރައީސް ނާޞިރު ތަޢާރަފްކުރައްވައި ފައްޓަވައިދެއްވި ކަންކަމެވެ.

ރައީސް ނާޞިރުގެ ވެރިކަމުގައި ހިނގާފައިވާ ބޮޑެތި ބައެއް ޙާދިސާތަކުގެ ތެރެއިން ދެކުނު ގަޑުބަޑަކީ ފާހަގަކޮށްލެވޭ ޙާދިސާއެކެވެ. ރައީސް ނާޞިރު މިކަން ޙައްލުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން އެކަމުގެ ބާރު ނާޞިރަށް ދެއްވުމާއެކު، އެކަމަށް އުފެއްދެވި ޚާއްޞަ ކޮމިޝަނެއް މެދުވެރި ކޮށްގެންނެވެ.

ނާޞިރުގެ ވެރިކަމުގައި ހިނގައިދިޔަ އެންމެ ބޮޑު އެއް ގަޑުބަޑަކީ 13 ޖޫން 1974 ގައި ހިނގާދިޔަ ބޮޑު ބުރާސްފަތީގެ ޙާދިސާއެވެ. އެދުވަހު ސަރުކާރާ ދެކޮޅަށް ގުޅަކުޅޭ ފަސްގަނޑަށް މީހުން އެއްވެ، ނުރުން ފާޅުކޮށް ހެދިއެވެ. އަދި އެއްވުމުގައި ސިފައިންގެ ދޮރުމައްޗަށް ބަޔަކު ގޮސް ހަޅޭލަވައި، ސިފައިންގެ ދޮރު ވައްޓާލައި ސިފައިންގެއަށް ވަންނަން އުޅުނެވެ. މި އެއްވުން ރޫޅާލެވުނީ މައްޗަށް ބަނޑިޖަހައިގެންނެވެ. މި ޙާދިސާއަށްފަހު މާލޭގައި އިމަޖެންސީ ހިންގަވައި ސިފައިންގެ ބެލުމުގެ ދަށަށް މާލެ ލައްވައިފި ކަމުގައި ސަރުކާރުން އިޢުލާން ކުރެއްވިއެވެ.

އަދި މީގެ އިތުރުން އައި ކަޅު ބުރާސްފައްޗަކީވެސް ނާޞިރުގެ ވެރިކަމުގައި ފާހަގަކޮށްލެވޭ ޙާދިސާއެކެވެ. އެ ޙާދިސާ ހިނގީ 6 މާރޗް 1975ގައެވެ. އެދުވަހު އޭރުގެ ވަޒީރުލް އަޢުޒަމް އަޙްމަދު ޒަކީ ދޫނިދޫގައި ބަންދުކުރެއްވިއެވެ. އަދި އަޙްމަދު ޒަކީ ބޮޑު ވަޒީރު ކަމާއި މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ކަމުގެ މަޤާމުން 8 މާރޗް 1975 ގައި ވަކިކުރައްވާ ޏ. ފުވައްމުލަކަށް ފޮނުވާލެވުނެވެ.

ތުލުސްދޫ މީހަކު

މިކިޔާލުމުން މިރާއްޖޭގައި އަލަށް މީހަކު ކުރިކަމެއް ނެތްކަން ހާމަވެއްޖެ. ނާސިރުގެ ވެރިކަމުގައި ހުރިހާކަމެއް ތިޔާއޮތީފެށިފައި. މިތާނގައި އަލަށްކުރި ހަމައެކަނި ކަމަކީ ބުރިޖުއެޅުން.