ޚަބަރު

އއ. އުކުޅަހުން ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ


އއ. އުކުޅަހުން ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އއ. އުކުޅަހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެ ރަށަށް ޗުއްޓީ ހޭދަކުރުމަށް އައި ރަޝިޔާ އަންހެން ފަތުރުވެރިއެއް ކަމަށް އުކުޅަސް ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވިއެވެ. އަދި ފަތުރުވެރިޔާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ޑިޕާޗަރ ޕީސީއާރު ޓެސްޓުން ކަމަށް ޝައުކަތު ވިދާޅުވިއެވެ.

މި ފަތުރުވެރިޔާއަކީ މީގެ ދުވަސްކޮޅެއް ކުރިން އެ ރަށަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިއެއް ކަމަށާއި އޭނާ މީގެ ދެ ދުވަހެއް ކުރިން އެ ރަށާއި ކައިރީގައި އޮންނަ ނިކަ އައިލެންޑް ރިސޯޓަށް ގޮސްފައިވާ ކަމަށް ޝައުކަތު ވިދާޅުވިއެވެ.

އެޗްޕީއޭގެ ލަފާގެ މަތިން މިހާރު އެ ފަތުރުވެރިޔާ ވަނީ ކޯވިޑް ފެސިލިޓީއަކަށް ބަދަލު ކުރެވިފައި ކަމަށާއި މިމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ދާކަމަށް ޝައުކަތު ވިދާޅުވިއެވެ. ޝައުކަތު ވިދާޅުވީ އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް މިހާތަނަށް ފެނިފަ ނުވާކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ގެސްޓް ހައުސްތައް ބަންދުކޮށްފައި ވަނީ މިދިޔަ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓްހައުސްތައް ފަތުރުވެރިންނަށް ހުޅުވާލާފައި ވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި 59،105 ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވްވީ އެންމެ 0.25 އިންސައްތަ ފަތުރުވެރިންނެވެ.