ޚަބަރު

ޤައުމީ ކުތުބުޚާނާއިން އިތުރު ދެ ޚިދުމަތެއް ދެނީ


ޤައުމީ ކުތުބުޚާނާ އަލުން ހުޅުވާއިރު މުޅިން އަލަށް ދެ ޚިދުމަތެއް ދޭން ނިންމައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން އާއްމުން ކުތުބުޚާނާއަސް ގޮސް ލިބެމުންދިޔަ ޚިދުމަތްތައް ހުއްޓިފައި އޮތުމަށްފަހު މިއަދު މިވަނީ ހުޅުވާފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އައު ޢާންމު ޙާލަތުގައި ޤައުމީ ކުތުބުޚާނާއިން ޚިދުމަތް ދެމުން ގެންދާނީ ހަފްތާއާއެކު 3 ދުވަހުއެވެ. އެއީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި މި 3 ދުވަހުގެ މެންދުރު 12:00 އިން 15:00 އަށެވެ.

ކުތުބުޚާނާ އަލުން ހުޅުވުމާއެކު އެތަނުން ކިޔަވާ ކުދިންނަށާއި ދިރަސާ ކުރާ މިހުންނަށް ޚާއްސަކޮށްގެން ޑިސްކަޝަން ރޫމްއެއް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކުތުބުޚާނާއި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްވެސް ފެށުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުހުސިން ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތާއި ކޮމްޕިއުޓަރ ސިސްޓަމްއާއެކު ޑިސްކަޝްން ރޫމެއް ކުތުބުޚާނާގައި މިހާރު ހުންނާނެކަމަށެވެ.

އަދި އެކި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް، "މޭކް އަ ސްޕޭސްގެ" ނަމުގައި ޕްރޮގްރާމެއް ފަށާނެކަމަށް މުހުސިން ވިދާޅުވެއެވެ. މިގޮތުން އެ ޕްރޮގްރާމް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންއަންނަކަމަށާއި އަންނަ މަހު އެ ޚިދުމަތްވެސް ފަށާނެކަމަށް މުހުސިން ވިދާޅުވިއެވެ. އަދި ފުރަތަމަ އެ ޚިދުމަތް ދެމުން ގެންދާނީ އޮންލައިންކޮށްކަންވެސް މުހުސިން ފާހަގަކުރެއްވިއެވެ.

"މޭކް އަ ސްޕޭސް" އެއީ ހުރިހާ އުމުރުފުރާއަކަށް ޚައްސަ ޕްރޮގްރާމެއް. ކިޔަވާ ކުދިންނާއި ޒުވާނުންނަށްވެސް މި ޕްރޮގްރާމްގައި ބަވެރިވެވޭނެ. އަދި މިއީ ހުނަރު ދަސްކޮށްދޭން ބޭނުންވާ މިހުންނަށްވެސް ހުޅުވާލެވޭ ފުރުޞަތެއް." ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުހުސިން ވިދާޅުވިއެވެ.

ޤައުމީ ކުތުބުޚާނާގެ ޗީފް ލައިބްރޭރިއަން ހައްވާ ނާސިހާ ވިދާޅުވީ ލައިބްރަރީ އަލުން ހުޅުވައި ޚިދުމަތް ދޭން ފަށާފައި ވަނީ އެޗްޕީއޭގެ މިންގަނޑުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށެވެ. މިގޮތުން ކޯވިޑް 19 ގެ މި ދަނޑިވަޅުގައި ލައިބްރަރީއަށް އެއްފަހަރާ ވަދެވޭނީ 15 މީހުންނަށް ކަމަށެވެ. ރީޑިން އޭރިއާއަށް އާއްމުކޮށް 30 މިހުންނަށް ވެދެވުނުނަމަވެސް މި ދަނޑިވަޅުގައި އެތަނުގައި ތިބެވޭނީ 7 މީހުންނަށް ކަމަށާއި ޑިސްކަޝަން ރޫމްގައިވެސް ގިނަވެގެން ތިބެވޭނީ 3 މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފޮތް ހަރުތަކުން ފޮތް ނެގުމަށްވެސް އެއްފަހަރާ 2 މީހުންނަށް ވަދެވޭނީ. ގެންނަ ފޮތްތައް ވަކި ތަނަކަށް ލުމަށް ހަމަޖައްސާފައި ވާނީ އެ ފޮތްތައް އަލުންނަގާނީ ޑިސްއިންފެކްޓްކުރުމަށް ފަހު" ޗީފް ލައިބްރޭރިއަން ހައްވާ ނާސިހާ ވިދާޅުވިއެވެ.

ޤައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއަށް އަނބުރައި ގެންނަންޖެހޭ (ރިޓާރން) ތަކެތި، ކުތުބުޚާނާގެ ޚިދުމަތް ދެން ދޭންފަށާ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި އިތުރު ޖޫރިމަނާއަކާ ނުލާ ބަލައިގަނެވޭނެކަމަށް ޤައުމީ ކުތުބުޚާނާއިން ވިދާޅުވެއެވެ.

ނަމަވެސް އެމުއްދަތަށް ފަހުގައި ތަކެތި ނުގެންނަނަމަ ޖޫރިމަނާ ވާނެކަމަށާއި މިއަހަރު ލައިބްރީ މެމްބަރ ފީ ދައްކާފައިވާ މީހުންނަށް އަންނަ އަހަރުގެ ފީން ލުއިގޮތެއް ހަދާނެކަމަށް ކުތުބުޚާނާއިން ވިދާޅުވެއެވެ.