ޚަބަރު

މާލޭގެ ދެ ސަރަހައްދެއްގައި ސްޓްރީޓް ލައިބްރަރީ ޤާއިމްކުރަނީ


މާލޭގެ ދެ ސަރަހައްދެއްގައި ސްޓްރީޓް ލައިބްރަރީއެއް ޤާއިމްކުރުމަށް ޤައުމީ ކުތުބުޚާނާއިން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޤައުމީ ކުތުބުޚާނާ ހިންގުމާއި ހަވާލުވެ ހުންނެވި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުޙުސިން ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ސްޓްރީޓް ލައިބްރަރީތައް ބަހައްޓާނެ ތަންތަން ހަމަޖެއްސުމަށްޓަކައި ސިޓީ ކައުންސިލާއިއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށެވެ. ލައިބްރަރީތައް ޤާއިމް ކުރާއިރު ގިނައިން ކުޑަކުދިން އެއްވެ ތިބޭ ތަންތަން ބަލާނެކަމަށާއި މިގޮތުން ޕާކުތަކާއި މަގުމަތީގެ ކަންކަންމަތީގައި މިފަދަ ލައިބްރަރީތައް ޤާއިމްކުރުމަކީ އަމާޒެއްކަމަށެވެ. މުހުސިން ވިދާޅުވީ ސްޓްރީޓް ލައިބްރަރީގެ ގެ ޚިދުމަތް އަންނަ މަހު ލިބިގެންދާނެކަމަށެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީ ކައިރީގައިވެސް އެބައޮތް ކުޑަ މައިޒާނެއް. އެތަނަކީ ސްކޫލް ކުދިންނާއި ބެލެނިވެރިންވެސް ވަރަށް ގިނައިން އަންނަ ތަނެއް. އެ ތަނުގައި އެއް ލައިބްރަރީ ޤާއިމްކުރެވިދާނެ. ދެވަނަ ލައިބްރަރީ ކޮންމެވެސް ޕާކެއްގައި ބެހެއްޓުމަށް އުއްމީދު ކުރަނީ." ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޙުސިން ވިދާޅުވިއެވެ.

މުހުސިން ވިދާޅުވީ ސްޓްރީޓް ލައިބްރަރީގައި ފޮތް ހަރެއް ބަހައްޓާނެކަމަށާއި މި ތަންތަނަށް މިނިސްޓްރީ ނުވަތަ ކުތުބުޚާނާގެ އިތުރަށް އަމިއްލަ ފަރާތްތަކުންވެސް އެމީހެއްގެ ޒިންމާ ނަގަންވާނެކަމަށެވެ. އެގޮތުން ކޮންމެ މީހަކުވެސް ކިޔުމަށް ނަގާ ފޮތް ކިޔާ ނިންމުމަށްފަހު އެތަނެއްގައި ބެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ. މުހުސިން ވަނީ ސްޓްރީޓް ލައިބްރަރީގެ ފޮތް ކަލެކްޝަންވެސް އިތުރު ކުރައްވާނެކަމަށެވެ.

ޤައުމި ކުތުބުޚާނާއިން ވަނީ މާލެއެކޭ އެއްފަދައިން އަތޮޅުތަކުގައިވެސް ސްޓްރީޓް ލައިބްރަރީއެއް ހުޅުވުމަށް އަމާޒު ހިފާފައެވެ. އަދި ކޮންމެ ރަށެއްގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް ވަރޗުއަލްކޮށް ގެންދިޔުމަކީވެސް އަމާޒެއްކަމަސް ކުތުބުޚާނާއިން ވިދަޅުވެއެވެ. މިހާރުވެސް ގދ. ތިނަދޫގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް އަންނަނީ ހިންގަމުންނެވެ. ގދ.ވާދޫ އާއި ހއ. ދިއްދޫގައިވެސް ކުތުބުޚާނާގެ ގޮތްޕެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.