ޚަބަރު

ތުރުކީވިލާތާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުން ރަނގަޅުކުރުމަށް މަޝްވަރާކުރަނީ


ތުރުކީވިލާތާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް މަޝްވަރާގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާކަމަށް ތުރުކީވިލާތުން ބުނެފިއެވެ. ދެ ޤައުމުން އެގޮތަށް އެއްބަސްވެފައިވަނީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނާއި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ޢަބްދުލް ޢަޒީޒާއި ދެމެދު ކުރެއްވި ފޯނު ކޯލެއްގައެވެ.

ސަޢުދީ ޢަރަބިއްޔާގެ ދަޢުލަތުގެ ނޫސް އިދާރާއިންވަނީ ނޮވެމްބަރު މަހުގެ 21 އަދި 22ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ20 ބައްދަލުވުމުގެ ދަށުން ހާޞިލްކުރަން ބޭނުންވާ ކަންކަމާއި ހަމައަށް ވާޞިލްވުމަށް އެކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ސަލްމާން ރަސްގެފާނު އުރުދުޣާނަށް ފޯނުން ގުޅުއްވާފައިވާކަން ޔަޤީންކޮށްދީފައެވެ. ޚާރިޖީ ސިޔާސަތުތަކާއި ހަނގުރާމަވެރި ޖަމާޢަތްތަކާއި ގުޅޭގޮތުން ދެ ޤައުމުން ދެކޭގޮތް ތަފާތުވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންވަނީ ހީނަރުވެފައެވެ.

2018ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ހާޝުގްޖީ ތުރުކީވިލާތުގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ އިދާރާގައި މަރާލުމުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންވަނީ އިތުރަށް ގޯސްވެފައެވެ. ފާއިތުވި އެއް އަހަރެއްހާ ދުވަހު ސަޢުދީ ޢަރަބިއްޔާއިން ތުރުކީވިލާތުގެ އުފެއްދުންތައް އެތެރެކުރުން ނުރަސްމީކޮށް ބޮއިކޮޓުކޮށްފައިވާކަމަށް ދެ ޤައުމުގެ ވިޔަފާރިވެރިން ދިޔައީ ބުނަމުންނެވެ. މިދިޔަ މަހުގެ ތެރޭގައި ތުރުކީވިލާތުގެ މައި ވިޔަފާރިތަކުންވަނީ އެ ޤައުމާއިއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ގޮވައިލައިފައެވެ